ނަޝީދަށް އަމާޒު ކުރި ހަމަލަ

ހަމަލާގެ އިސް މީހުންގެ ބަންދަށް އިތުރު 30

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒު ކޮށް ދިން ބޮމުގެ ހަމަލާ އާއި ގުޅިގެން ފުލުހުން ކުރިން މައުލޫމާތު ހާމަކޮށްފައިވާ ހަތަރު މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮޮށްފި އެވެ.

ހަމާލާ ދިނުމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކޮށްފައިވާ މީހުންގެ ތެރެއިން މައުލޫމާތު ހާމަކޮށްފައިވާ ހަތަރު މީހުންނަކީ ވ. ތިނަދޫ ލަކީ، އަދުހަމް އަހްމަދު 25، އާއި، މއ. ފޭރުގެ، މުޖާޒް އަހުމަދު 21، އާއި، ގއ. ކޮނޑޭ ފޮޅޭމާ، ތަހުމީން އަހްމަދު 32، ގެ އިތުރުން ލ. ގަން ދުންފިނިއުފާ، އަހްމަދު ފާތިހް 23، އެވެ.

އަދުހަމް ހައްޔަރުކުރީ އޭނާ ދިރިއުޅޭ ހުޅުމާލޭގެ ފްލެޓްގައި ހުއްޓާ މިދިޔަ މެއި މަހުގެ ނުވަވަނަ ދުވަހުގެ ރޭ ފަތިހު އެވެ. މުޖާޒް ހައްޔަރުކުރީ އަލިކިލެގެފާނު މަގުގައި ހުރި ގ. ފެހިދޯދިގޭގެ ކުލީ ކޮޓަރިއަކުން މަހުގެ އަށްވަނަ ދުވަހު އެވެ. ތަހުމީން ހައްޔަރުކުރީ މެއި މަހުގެ އަށްވަނަ ދުވަހު ހުޅުމާލެއިންނެވެ. އަދި ބ. ދަރަވަންދޫން ފާތިހު ހައްޔަރުކުރީ މޭ 19 އިގަ އެވެ.

އެ ހަތަރު މީހުންގެ ބަންދުގެ މައުލޫމާތު އަވަސްއާ މިއަދު ހިއްސާކުރައްވަމުން ފުލުސް މީޑިއާއިން ބުނީ އަދުހަމާއި، މުޖާޒް އަދި ތަހްމީންގެ ބަންދަށް އެންމެ ފަހުން މުއްދަތު ދިނީ މި މަހުގެ 22 ވަނަ ދުވަހު 30 ދުވަސް ކަމަށެވެ. އަދި އެއީ އެ މީހުންގެ ބަންދަށް މުއްދަތު ޖެހި ހަތަރު ވަނަ ފަހަރެވެ.

ފާތިހުގެ ބަންދަށް އެންމެ ފަހުން މުއްދަތު ހޯދާފައި ވަނީ މިމަހުގެ 20 ވަނަ ދުވަހު އެވެ. ކޯޓުން ދިނީ 15 ދުވަހެވެ. މިއީ އޭނާގެ ބަންދަށް މުއްދަތު ޖެހި ތިންވަނަ ފަހަރެވެ.

ހަމަލާގެ އިސް މީހަކީ އަދުހަމް ކަމަށް ފުލުހުން ބުނެ އެވެ. ހަމަލާ ދިނުމަށް ބޭނުންކުރި އައިއީޑީ ގޮއްވާލާފައިވަނީ އަދުހަމް އެވެ. ތަހްމީނަކީ ބޮން ގޮއްވާލުމަށް ބޭނުން ކުރި ސައިކަލްގެ ވެރިމީހާ އެވެ. ފާތިހަކީ ހަމަލާ ދިން ތަނުގައި ސައިކަލް ބެހެއްޓި މީހާ އެވެ. މުޖާޒް ހައްޔަރު ކޮށްފައިވަނީ ހަމަލާ ރޭވުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގަ އެވެ.

މި ހަމަލާއާއި ގުޅިގެން ފަސްވަނަ މީހަކު ވެސް ހައްޔަރު ކޮށްފައިވާ ކަމަށް މި މަހުގެ ހަވަނަ ދުވަހު ފުލުހުން ބުނެފައިވެ އެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެމީހާގެ މައުލޫމާތު ފުލުހުން އަދި ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު އެމީހާ ހައްޔަރުކުރީ ހަމަލާއަށް ފަހު ހަރުކަށި ފިކުރުގެ މީހުން ހޯދަން ފުލުހުން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަންގައި ކަމަށް ބުނެފައިވެ އެވެ. އެ މީހާގެ ބަންދަށް އެންމެ ފަހުން މުއްދަތު ޖަހާފައިވަނީ މިމަހުގެ 27 ވަނަ ދުވަހު އެވެ. ޖަހައި ދިނީ 15 ދުވަހެވެ. އެއީ ވއޭނާގެ ބަންދަށް މުއްދަތު އިތުރު ކުރި ދެވަނަ ފަހަރެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ މެއި ހައެއްގެ ހަމަލާއާއި ގުޅިގެން ފުލުހުން ކުރިން ބުނެފައިވާ ފަސް މީހުންގެ އިތުރަށް އިތުރު ތިން މީހެއްގެ މައްސަލަ ވެސް ބަލަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު އެ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ރައީސް ވެސް ހިއްސާއެއް ނުކުރައްވަ އެވެ. ވިދާޅުވީ ފުލުހުންގެ ތަހުގީގުގައި މިހާރު ސުވާލު ކުރަމުންދާ އަށް މީހުންގެ ތެރެއިން ހަތަރު މީހަކަށް ވަރަށް އަވަހަށް ދައުވާ ކުރާނެ ކަމަށެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތުގެ އިންކުއަރީއެއް މަޖިލީހުން ދަނީ ހަދަމުންނެވެ. އިންކުއަރީގެ ރިޕޯޓް މިއަދުގެ ނިޔަލަށް ނިންމާނެ ކަމަށް އިންކުއަރީގެ ކަންކަން ކުރިއަށް ގެންދާ 241 ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފަ އެވެ.