ނަޝީދަށް އަމާޒު ކުރި ހަމަލަ

ހަރަކާތްތެރިވީ ފޮއްޓެއް ފެނިގެން، ނުރައްކަލެއް ނެތް

ބިހުރޯޒް މިސްކިތް ތެރޭގައި ގޮތް ނޭނގޭ އެއްޗެއް އޮތްކަމުގެ ރިޕޯޓް ލިބިގެން ދިވެހި ފުލުހުންގެ ހިދުމަތާ ގުޅިގެން އެތަން އެމްއެންޑީއެފުން ބަލައި ފާސްކޮށް ކްލިއާ ކޮށްފި އެވެ.

އެމްއެންޑީއެފުން ދެންމެ ބުނީ ބިހުރޯޒް މިސްކިތް ތެރޭގައި ގޮތް ނޭނގޭ އެއްޗެއް އޮތްކަމުގެ ރިޕޯޓް ލިބިގެން، ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިގެން އެތަން އެމްއެންޑީއެފުން ބަލައި ފާސްކޮށް ކްލިއާ ކޮށްފައިވާ ކަމަށެވެ. އަދި މި ބަލައި ފާސްކުރުމުގައި އެތަނުން ނުރައްކާ ޒާތުގެ އެއްވެސް އެއްޗެއް ފެނިފައެއް ނުވެއެވެ.

ސިފައިންނާއި ފުލުހުން ގުޅިގެން ބަލާފާސްކުރުން ކުރިއަށް ގެންދިޔައީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅުންހުރި އެއްޗެއް ކަމަށް ބެލެވިގެންނެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދިން ނުރައްކާތެރި ހަމަލާއާ ގުޅިގެން ހަތަރު މީހަކަށް ތުހުމަތު ކުރެވި އޭގެ ތެރެއިން ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ ޑިވައިސް ގޮއްވާލި ކަމުގެ ތުހުމަތު އޮތް ވ. ތިނަދޫ، ހިޔާ، އަދުހަމް އަހްމަދު އާއި މއ. ފޭރުގެ މުޖާޒް އަހުމަދު އާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދު އެވެ. ތަހްމީނަކީ ބޮން ގޮއްވާލުމަށް ބޭނުން ކުރި ސައިކަލްގެ ވެރިމީހާ އެވެ. އަދި މުޖާޒް އަކީ އެ ހަމަލާއަށް ފަހު އަދުހަމްއާ ބައްދަލުކުރި މީހެކެވެ. އެ ދެ މީހުން ވަނީ މާލޭގެ އެކި ޕާކުތަކަށް ގޮސް އެ ތަންތަނުގައި ތިބެ އެކި މަޝްވަރާތައް ކޮށްފައެވެ.

ބުރާސްފަތި ދުވަހުގެ ހަމަލާއާ ގުޅުންހުރި ވަރަށް ތަފްސީލު މައުލޫމާތުތައް އިއްޔެގެ ނޫސްވެރިންގެ ބައްދަލްވުމުގައި ފުލުހުން ވަނީ ހިއްސާކޮށްފައެވެ. އަދި ގޮއްވާލުމުގެ ކުރީން އަދުހަމުގެ ހަރަކާތްތައް ހުރި ގޮތް ފެންނަ ސީސީޓީވީ ފްޓޭޖަކާއި ގޮއްވާލުމަށް ފަހު އޭނާ އެކި މަގުތަކުން ހިނގާފައިދާ މަންޒަރުތައް ވަނީ ދައްކާފައެވެ. އަދުހަމް ވަނީ މިސްކިތަށް ވަދެ މިސްތުގައި އިރުކޮޅަކު މަޑުކޮށްލުމަށް ފަހު ނިކުމެގެން ގޮސްފައެވެ. އަދި މިހާތަނަށް ހައްޔަރުކުރި ދެ މީހުންގެ ތެރެއިން މުޖާޒުއާ ބައްދަލުކޮށްފައިވެއެވެ.

އަދުހަމް ހައްޔަރުކޮށްފައިވަނީ ހަމަލާދިންތާ ދެ ދުވަސް ފަހުންނެވެ. ހަމަލާ ދިނުމަށް ފަހު އޭނާ ގެއަށް އައިސްފައިވަނީ ހުކުރު ދުވަހުގެ ހެނދުނު ކަމަށް އެނގިފައިވެއެވެ. އެހެން ކަމުން އޭނާ ފިލުވުމަށް ބަޔަކު އެހީތެރިވި ކަމަށް ބައެއް މީހުން ތުހުމަތު ކުރެއެވެ.

ފުލުހުންގެ ތަހުގީގުގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް އިއްޔެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ޓެރަރިސްޓް ހަމަލާ ރޭވުމަށް އަދި ބަޔަކު މީހުން ބޭނުން ކޮށްގެން މި ހަމަލާ ދިނުމަށް ބަޔަކު ރާވާފައިވާނަމަ އެއިން ކޮންމެ މީހެއްގެ ފަހަތުން ފުލުހުންގެ ތަހުގީގު ޓީމު ދާނެ ކަމަށެވެ. ސީޕީ ވިދާޅުވި ގޮތުގައި މައްސަލައިގެ ސްކޯޕް އޮތީ ހަމައެކަނި ޑިވައިސް ބޭނުން ކޮށްގެން ގޮއްވާލި މީހުން ހޯދާކަށް ނޫނެވެ.

"މިފަދަ ޓެރަރިސްޓް ހަމަލައެއް ނުވަތަ ހަމަލާއެއް ބަޔަކު މީހުން ބޭނުން ކޮށްގެން ނުވަތަ ބަޔަކު މީހުންގެ ތެރޭގައި ރާވައިގެން ހިންގުމަށްޓަކައި ބައިވެރިވި ނުވަތަ ރޯލެއް އަދާކޮށްފައިވާ ފަރާތެއްވާނަމަ އެ ހުރިހާ ފަރާތެެއްގެ ފަހަތުން އަޅުގަނޑުމެންގެ ތަހުގީގު ދާނެ. އަޅުގަނޑުމެން މިހާރު މި ހައްޔަރުުކުރީ ތިން ފަރާތެއް. ނަމަވެސް ތަހުގީގުގެ ސްކޯޕް އޮތީ ހަމައެކަނި މި ޑިވައިސް ބޭނުން ކޮށްގެން ގޮއްވާލި މީހުން ހޯދާފައި ނިންމާލާކަށް ނޫން. މި ތަހުގީގުގެ ސްކޯޕަކީ މީގައި ބައިވެރިވާ ހުރިހާ މީހުން ހޯދާ އެ މީހުންނާމެދު އަޅަން ޖެހޭ ގާނޫނީ ފިޔަވަޅު އެޅުން،" ސީޕީ ވިދާޅުވިއެވެ.