ޓެރަރިޒަމް

އައްޑޫން ނުވަ މީހަކު ހައްޔަރު ކޮށްފި

ފުލުހުން މިހާރު ކުރިޔަށް ގެންދާ އޮޕަޜޭޝަންގެ ތެރެއިން އައްޑު އަތޮޅުން ނުވަ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މި މަހުގެ ހަވަނަ ދުވަހު މާލޭގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ ތަހުގީގުގެ ބައެއް މައުލޫމާތު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ދީފައި ވެއެވެ.

އެގޮތުން ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އައްޑޫ އާއި މާލޭގައި ހާއްސަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދާކަމަށް ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑް، އަދި ޗީފް ސުޕްރިންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވި އެވެ.

އެ އޮޕަރޭޝަންތަކުގެ ތެރެއިން އައްޑޫގެ ގިނަ އަދަދެއްގެ ގެ ބަލައި ފާސްކުރި ކަމަށާއި އަދި ނުވަ މީހުން ހައްޔަރުކޮށް ގިނަ އަދަދެއްގެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ގެންދިޔަ ތަކެތީގެ ތަފްސީލެއް އޭނާ ނުދެއްވަ އެވެ. އަދި ވިދާޅުވީ ހައްޔަރުުކުރި އެ މީހުނަކީ ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅުން ހުރި މީހުންތޯ ބަލަމުން ގެންދާ ކަމަށެވެ.

މާލޭގައި ހިންގި އޮޕަރޭޝަންގައި ވެސް ފަސް ގެއެއް ވަނީ ބަލައި ގިނަ އަދަދެއްގެ ތަކެތި ފުލުހުން ގެންދިޔަ އެވެ.

ބަޝީރު ވިދާޅުވީ އޮޕަރޭޝަންތަކެއް ފެށީ ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ކަމަށައި މައިގަނޑު ބޭނުމަކީ ޓެރަރިޒަމަށް ވާގިވެރިވާ ފަރާތްތައް ގާނޫނުގެ ކުރި މައްޗަށް ގެންދިއުން ކަމަށެވެ.

"ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިއިން އެއްވެސް ފަރާތެއްގެ ގުޅުމެއް އޮތްތޯ ބަލައި ތަހުގީގް ކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރަމުން ދަނީ" ބަޝީރު ވިދާޅުވި އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހަތަރު ވަނަ މީހަކު ރޭ ބ. ދަރަވަންދޫން ވަނި ހައްޔަރުވެސް ކޮށްފަ އެވެ. އެއީ ލ. ގަން، އަހުމަދު ފާތިހެވެ. އޭނާއަކީ ރައީސް ނަޝީދަށް ހަމަލާ ދިން ތަނުގައި ސައިކަލު ބެހެއްޓި މީހާ ކަމަށް އަޑުފެތުރިފައި އޮތް ނަމަވެސް ފުލުހުން އެކަން ޔަގީންކޮށެއް ނުދެ އެވެ. ހަމަލާގައި އޭނާގެ ދައުރު ފަހުން ހާމަ ކުރާނެ ކަމަށް ބަޝީރު މިއަދު ވިދާޅުވި އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާ އާއި ހުޅިގެން މީގެ ކުރިން ވަނީ ތިން މީހަކު ހައްޔަރު ކޮށްފަ އެވެ. އެއީ އައިއީޑީ ގޮއްވާލި ކަމުގެ ތުހުމަތު އޮތް ވ. ތިނަދޫ، ހިޔާ، އަދުހަމް އަހްމަދު އާއި މއ. ފޭރުގެ މުޖާޒް އަހުމަދު އާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދު އެވެ. ތަހްމީނަކީ ބޮން ގޮއްވާލުމަށް ބޭނުން ކުރި ސައިކަލްގެ ވެރިމީހާ އެވެ. އަދި މުޖާޒަކީ އެ ހަމަލާއަށް ފަހު އަދުހަމްއާ ބައްދަލު ކުރި މީހެކެވެ.