މޯލްޑިވްސް ޕޮލިސް ސާވިސް

ދޫކޮށްލި ހަރުކަށި ފިކުރުގެ މީހާ ހައްޔަރުކޮށްފި

Jul 3, 2021
2

ޓެރަރިޒަމަށް ވާގިވެރިވާ ކަމަަށް ތުހުމަތުކޮށް އައްޑޫ ސިޓީން ހައްޔަރުކުރި ނުވަ މީހުންގެ ތެރޭ ހިމެނޭ މަފްތޫހް ސައީދު ސުޕްރީމް ކޯޓުން ދޫކޮށްލާފައި ވަނިކޮށް އަނެއްކާވެސް ހައްޔަރުކޮށްފި އެވެ.

ކޯޓު އަމުރެއްގެ ދަށުން އޭނާ އަލުން ހައްޔަރުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ފުލުހުން ބުނީ ކޯޓުން މަފްތޫހުގެ ބަންދަށް 14 ދުވަސް ޖަހައިފައިވާ ކަމަށެވެ.

ފުލުހުން މަފްތޫހު އެންމެ ފުރަތަމަ ހައްޔަރު ކުރިއިރު އޭނާއަށް ކުރި ތުހުމަތަކީ ހަރުކަށި ފިކުރު ފެތުރުމަށްޓަކައި ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރުދީ، އައިއީޑީ ހެދުމަށް ބޭނުންކުރާ ތަކެތި ރައްކާކޮށްގެން ގެންގުޅެ، އެ ތަކެތި ބޭނުންކޮށްގެން ބަޔަކަށް ނުވަތަ ބައެއްގެ މުދަލަށް ގެއްލުމެއް ދީފާނެ ކަމުގެ ތުހުމަތެވެ.

ޓެރަރިޒަމަށް ވާގިވެރިވުމުގެ ތުހުމަތުގައި އައްޑޫ ސިޓީން ނުވަ މީހަކު ހައްޔަރުކޮށްފައި ވަނީ މިދިޔަ މާޗް މަހުގެ 15 ވަނަ ދުވަހު އެވެ. އެ މީހުން ދަށު ކޯޓުން ދޫކޮށްލުމުން މަފްތޫހު ހިމެނޭހެން އަލުން އެމީހުން ހައްޔަރު ކުރުމަށް ހައި ކޯޓުން އަމުރުކުރި އެވެ.

މަފްތޫހުގެ ފަރާތުން ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި ވަނީ އިސްތިއުނާފް ކޮށްފަ އެވެ. ނަމަވެސް އޭނާގެ ބަންދު އަމުރު ސުޕްރީމް ކޯޓުން މިދިޔަ ބުދަ ދުވަހު ވަނީ ބާތިލްކޮށްފަ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމްގައި ބުނެފައިވަނީ އޭނާއާ ދެކޮޅަށް އިންޓެލިޖެންސް ރިޕޯޓެއް ފިޔަވައި އެހެން ހެއްކެއް ހުރިތޯ ބަލައި، އެ ހެކިތަކަށް ރިއާޔަތްކޮށް އޭނާ ބަންދުކުރަން ހިތަދޫ ކޯޓަށް ހުށަހެޅުމުގެ އިހުތިޔާރު ފުލުހުންނަށް ލިބިގެންވާ ކަމަށެވެ.

ފުލުހުން މަފްތޫހު އަނެއްކާ ހައްޔަރުކޮށްފައި ވަނީ އޭނާ އަކީ ހަރުކަށި ފިކުރު ފަތުރާ މީހެއް ކަމަށް ތުހުމަތުކޮށްފަ އެވެ.