ޓެރަރިޒަމް

ޓެރަރިޒަމް ހަމަލާގައި ދޫކޮށްލި މީހާ ޝަރީއަތް ނިމެންދެން ބަންދަށް

ޓެރަރިޒަމް ހަމަލާއެއް ދޭން އުޅޭ ކަމުގެ އިންޓެލިޖެންސް ރިޕޯޓަކާ ގުޅިގެން ހައްޔަރުކޮށް ބަންދުގައި ހުއްޓައި ކޯޓު އަމުރެއްގެ ދަށުން ދޫކޮށްލި މީހާ އަނެއްކާވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

ޓެރަރިޒަމް އޮޕަރޭޝަނެއްގައި މިދިޔަ މަހު 11 ވަނަ ދުވަހު ހައްޔަރު ކުރި 14 މީހުންގެ ތެރެއިން 30 އަހަރުގެ މުހައްމަދު ގައިސް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އެންމެ ފުރަތަމަ އަމުރުކޮށްފައިވަނީ އައްޑޫ މަރަދޫ ފޭދޫ މެޖިސްޓްރޭޓް ކޯޓުންނެވެ. ނަމަވެސް ގައިސްގެ ފަރާތުން މި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން މިމަހުގެ 11 ވަނަ ދުވަހު ހައި ކޯޓުން ވަނީ އޭނާ ބަންދުން ދޫކޮށްލާފަ އެވެ. ހައި ކޯޓުގެ އަމުރުގައި ވަނީ ގައިސްއާއި ދެކޮޅަށް އިންޓެލިޖެންސް ރިޕޯޓެއް ހުށަހެޅުން ފިޔަވާ އިތުރު ހެއްކެއް ހުށަހަޅާފައި ނުވާ ކަމަށެވެ.

ފުލުހުން ބުނީ ގައިސް ބަންދުން ދޫކޮށްލާފައި ހުރެއްޖެނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްލެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭތީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން މިމަހުގެ 11 ވަނަ ދުވަހުގެ ރޭ އޭނާ އަނެއްކާވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ޝަރީއަތް ނިމެންދެން ގައިސް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ ގައިސްގެ ހައްޔަރާ މެދު ގޮތެއް ނިންމަން މަރަދޫ ފޭދޫ ކޯޓަށް ހާޒިރު ކުރެވުނު ފުރަތަމަ ފަހަރު ހުށަހަޅާފައިވަނީ ހަމައެކަނި އިންޓެލިޖެންސް ރިޕޯޓެއް ކަމަށެވެ. އަދި އޭނާ ދިރިއުޅުނު ގެއިން މައްސަލައާއި ގުޅުން ހުރި ކަމަށް ބެލެވޭ ބައެއް ތަކެތި ނަގާފައިވީ ނަމަވެސް އެތަކެތި އެވަގުތު ތަހުލީލު ކޮށްފައި ނުވާތީ އެ ތަކެއްޗާ ގުޅޭ ރިޕޯޓެއް އޭރު ހުށަހަޅާފައި ނުވަނީ ކަމަށެވެ.

ރާއްޖޭގައި ޓެރަރިސްޓް ހަމަލާއެއް ދޭން އުޅުނު ބަޔަކު ހައްޔަރުކޮށް ޓެރަރިސްޓް ހަމަލާއެއް ފެއިލްކޮށްލާފައިވާ ކަމަށް ފުލުހުން ބުނީ މިމަހުގެ 14 ވަނަ ދުވަހު އެވެ. ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން ހައްޔަރުކުރީ އައްޑޫ ސިޓީ އާއި މާލޭގެ އިތުރުން ކ. ގުރައިދޫން އިން ނެވެ.

މި މައްސަލައިގައި އައްޑޫ ސިޓީން 10 ފިރިހެނުންނާއި މާލެއިން ދެ ފިރިހެނުން އަދި ކ. ގުރައިދޫން ދެ ފިރިހެނުން ހައްޔަރުކޮށްފައިވެ އެވެ. މި އެންމެންނަކީ ވެސް ދިވެހިންނެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވަނީ ހައްޔަރުކުރި މީހުންނަކީ އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ތާއީދުކުރާ ބައެއް ކަމަށާއި ހައްޔަރުކުރެވުނު މީހުންގެ ތެރެއިން ނުވަ މީހަކީ ޓެރަރިޒަމްގެ ކުށުގެ ތުހުމަތުގައި ކުރިންވެސް ހައްޔަރުކުރެވުނު ބައެއް ކަމަށެވެ.