މޯލްޑިވްސް ޕޮލިސް ސާވިސް

ޓެރަރިސްޓް ހަމަލާ ދޭން އުޅުނު 14 މީހުން ބަންދަށް

ޓެރަރިސްޓް ހަމަލާއެއް ދޭން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި 14 މީހުންގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.

ރާއްޖޭގައި ޓެރަރިސްޓް ހަމަލާއެއް ދޭން އުޅުނު ބަޔަކު ހައްޔަރުކޮށް ޓެރަރިސްޓް ހަމަލާއެއް ފެއިލްކޮށްލާފައިވާ ކަމަށް ފުލުހުން ބުނީ މިމަހުގެ 14ވަނަ ދުވަހު އެވެ. ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން ހައްޔަރުކުރީ އައްޑޫ ސިޓީ އާއި މާލޭގެ އިތުރުން ކ. ގުރައިދޫން އިން ނެވެ.

މި މައްސަލައިގައި އައްޑޫ ސިޓީން 10 ފިރިހެނުންނާއި މާލެއިން ދެ ފިރިހެނުން އަދި ކ. ގުރައިދޫން ދެ ފިރިހެނުން ހައްޔަރުކޮށްފައިވެ އެވެ. މި އެންމެންނަކީ ވެސް ދިވެހިން ނެވެ.

ހައްޔަރުކުރި މީހުންގެ ތެރެއިން 20 އަހަރުގެ މީހަކާއި 27 އަހަރުގެ މީހަކާއި 30 އަހަރުގެ މީހަކާއި 35 އަހަރުގެ މީހަކާއި 37 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

މައްސަލައިގައި ހިމެނޭ 18 އަހަރުގެ މީހަކާއި 33 އަހަރުގެ ދެ މީހުންނާއި 35 އަހަރުގެ މީހަކާއި 46 އަހަރުގެ މީހަކަށް ވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތު ދީފަ އެވެ. އޭގެ އިތުރުން 19 އަހަރުގެ މީހާ އާއި 27 އަހަރުގެ ދެ މީހުންނާއި 28 އަހަރުގެ މީހާއަށް 30 ދުވަހުގެ ބަންދުގެ މުއްދަތު ވަނީ ދީފަ އެވެ.

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ޓެރަރިޒަމް އެންޑް ވަޔަލެންޓް އެކްސްޓްރިމިޒަމް ޔުނިޓުގެ ހެޑް އިންސްޕެކްޓާ އޮފް ޕޮލިސް އުސްވަތު އަހުމަދު ވިދާޅުވީ ހައްޔަރުކުރި މީހުންނަކީ އިސްލާމިކް ސްޓޭޓްއަށް ތާއީދުކުރާ ބައެއް ކަމަށާއި ހައްޔަރުކުރެވުނު މީހުންގެ ތެރެއިން ނުވަ މީހަކީ ޓެރަރިޒަމްގެ ކުށުގެ ތުހުމަތުގައި ކުރިންވެސް ހައްޔަރުކުރެވުނު ބައެއް ކަމަށެވެ.

އުސްވަތު ވިދާޅުވީ އިސްލާމިކް ސްޓޭޓްއަށް ތާއީދުކުރާ އެ މީހުން މަސައްކަތްކުރީ ޓެރަރިސްޓް ހަމަލާއެއްދީ ގިނަ ބައެއްގެ ފުރާނަ ގެއްލުވާލަން ކަމަށާއި އެ ރޭވުން ނާކާމިޔާބު ކޮށްލެވުނު ކަމަށެވެ.

މައްސަލަ އާއި ގުޅިގެން ބަލައި ފާސްކުރެވުނު ތަންތަނުން ގޮވާ ޒާތުގެ ތަކެތި ފެނިފައިވާ ކަމަށާއި އެތަކެތި ތަހުލީލު ކުރަމުންދާ ކަމަށްވެސް އުސްވަތު ވިދާޅުވި އެވެ. މައްސަލައިގެ ތަހުގީގު ކުރިއަށްދާތީ ޓެރަރިސްޓް ހަމަލާ ދޭން މަސައްކަތްކުރި ގޮތް ހާމަކުރެވެން ނެތް ކަމަށް ވިދާޅުވި އެވެ.

އޮޕަރޭޝަންގައި ގިނަ އަދަދެއްގެ ފުލުހުން ބައިވެރިކަން ފާހަގަކުރެއްވި ނަމަވެސް އެ އަދަދު ހާމަކޮށްފައެއް ނުވެ އެވެ.