އެމްޑީޕީ

ބޮމުގެ އިންޒާރާއެކު ފިޔަވަޅުތައް ވަރުގަދަ ކުރަން ގޮވާލައިފި

ބޮމެއް ގޮއްވާލައި ރާއްޖޭގައި ޓެރަރިސްޓް ހަމަލާއެއް ދޭޭނޭ ކަމުގެ ނުރައްކާތެރި އިންޒާރެއް ދީފައިވާތީ އެ އިންޒާރު ސީރިއަސްކޮށް ނަންގަވައި ވަރުގަދަ ފިޔަވަޅުތައް ވަގުތުން ވަގުތަށް އެޅުއްވުމަށް ސަލާމަތީ ހިދުމަތްތަކަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ގޮވާލައިފި އެވެ.

އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މޭ މަހުގެ 6 ވަނަ ދުވަހު ބޮން ގޮއްވާލައި ޓެރަރިސްޓް ހަމަލާއެއް ދިނުމަށްފަހު މާ ގިނަ ދުވަސްތަކެއް ނުވަނީސް އަނެއްކާ އެފަދަ ޓެރަރިސްޓް ހަމަލާއެއްގެ އިންޒާރު ދިނުމަށް ބޭނުންކޮށްފައި ވަނީ މާލޭގެ ނޫރު މިސްކިތް ކަމަށެވެ. ނޫރު މިސްކިތުގެ ތަނބެއްގައި ލިޔެފައިވާ އިންޒާރުގައި ބުނެފައި ވަނީ ވަރަށް އަވަހަށް ބޮމެއް ގޮއްވާލާނޭ ކަމަށާއި ދިވެހި ގައުމު ސުންނާފަތި ކޮށްލާނޭ ކަމަށެވެ.

މިސްކިތަކީ ހުރުމަތްތެރިވެގެންވާ ތަނަކަށްވާއިރު މިސްކިތުގެ ހުރުމަތް ކަނޑައި ދިވެހި ބަހުން އެފަދަ އިންޒާރެއް މިސްކިތް މެދުވެރިކޮށް ދޭނީ ސީދާ އެ ނިޔަތުގައި އެކަން ރާވާ ތަންފީޒުކުރުމަށް މަސައްކަތް ކުރަމުންދާ ޓެރަރިސްޓުން ކަމުގައި ގަބޫލުކުރަން ޖެހޭ ކަމަށްވެސް އެމްޑީޕީން ބުންޏެވެ. އަދި މިކަމުން ވެސް އިތުރަށް ހާމަވެގެން ދަނީ މި ރާއްޖޭގައި ހަރުކަށި ފިކުރު ފުޅާވެ ގޮސް ރައްޔިތުންނަށާއި މުޅި ގައުމަށް ޓެރަރިޒަމުގެ ނުރައްކާ އޮތް މިންވަރު ކަމަށެވެ.

މަރުތަކާ ބެހޭ ރިޔާސީ ކޮމިޝަނުގެ ތަހުގީގު ރިޕޯޓްގައި ބައެއް މިސްކިތްތަކުގައި އޭގެ ތެރޭގައި ނޫރު މިސްކިތް ހިމެނޭ ގޮތުން ހަރުކަށި ފިކުރުގެ ބައެއް ލީޑަރުން އެމީހުންނާ ގުޅުން އޮންނަ ބޭރުގެ ޓެރަރިސްޓް ޖަމާއަތްތަކާ ގުޅިގެން އެ އެމީހުންގެ ފިކުރު ކުރިއަރުވައި އޮޕަރޭޝަންތައް ހިންގާކަން ފާހަގަކޮށްފައިވާއިރު ހަމަ އެ މިސްކިތުގައިި މި ފަދަ ޓެރަރިސްޓް އިންޒާރެއް ލިޔެފައިވުމަކީ ސަލާމަތީ ހިދުމަތްތަކުން އެއަށް ފަހު ވެސް ސާވެލެންސްކޮށް އެކަންތައް ރަނގަޅަށް ނުބެލިވާ ކަމަށް ތުހުމަތުކުރުމުގެ ޖާގަ އޮތްކަމެއް ކަމުގައިވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

"މި މިންވަރުގެ ޓެރަރިޒަމުގެ ނުރައްކާ އޮތްއިރު ވެސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ވަގުތުން ވަގުތަށް އަޅަންޖެހޭ ފިޔަވަޅެއް އޮތްކަމަށް ނުދެކެވާ ކަމީ މި ޕާޓީން ކަންބޮޑުވާ ކަމެކެވެ. އެހެން ކަމުން ޓެރަރިޒަމުގެ ނުރައްކާތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުއްވުމުގައި އިތުރަށް ސަމާލުވެވަޑައިގެން ވަގުތުން ވަގުތަށް އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް ސަލާމަތީ ހިދުމަތްތަކަށާއި ސަރުކާރަށް އިލްތިމާސްކުރަމެވެ،" އެމްޑީޕީގެ ބަޔާނުގައިވެއެވެ.