އެމްޑީޕީ

ހަމަލާގެ ތަހުގީގާ މެދު އެމްޑީޕީ ހިތްހަމަޖެހޭ

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއަށް ފަހު ގުޅުންހުރި އިދާރާތަކާއި ސަރުކާރުން ކުރާ މަސައްކަތްތަކާ މެދު އެމްޑީޕީން ހިތްހަމަޖެހޭ ކަމަށް އެ ޕާޓީގެ ސްޕޯކްސްޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެެއްޖެ އެވެ.

އަވަސް އާ ވާހަކަ ދައްކަވަމުން އިމްތިޔާޒް މިއަދު ވިދާޅުވީ ހަމަލާގެ ތަހުގީގަށް ފާހަގަވާ ކަންކަން އެމްޑީޕީ އަށާއި އަދި ރައްޔިތުންގެ މަޖިލީހަށް، އިދާރާތަކުން ހިއްސާ ކުރަމުން ގެންދާ ވކަމަށާއި މި މައްސަލާގައި ފުލުހުންނާއި ސިފައިން އަދި މުޅި ސަރުކާރުން އަމަލު ކުރަމުން އަންނަ ގޮތާމެދު ހިތްހަމަޖެހޭ ކަމަށެވެ.

ރައީސް ނަޝީދަށް ފަރުވާ ދެއްވުމުގައި އޭޑީކޭ ހޮސްޕިޓަލްގެ ޑޮކްޓަރުންގެ ޓީމުން ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވާ އިންތި ވިދާޅުވީ އެމްޑީޕީގެ ހާއްސަ ޝުކުރެއް އެ ޓީމަށާއި ހޮސްޕިޓަލަށް އޮތް ކަމަށާއި ރައީސް ނަޝީދުގެ ހާލުކޮޅު ރަގަޅުވަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން މިތިބީ ތަހުގީގު ފުރިހަމަ ކުރާނެ ވަގުތެއްގެ އިންތިޒާރުގައި. ބޭނުމަކީ ހަމަލާގައި ބައިވެރިވި އެންމެން ވީހާވެސް އަވަހަކަށް ހައްޔަރު ކުރުން. އަޅުގަނޑުމެންގެ އެދުމަކީ އެންމެހާ ފަރާތްތަކުން ވެސް މި ހަމަލާ އާއި ގުޅޭ ތަހުގީގަށް އެއްވެސް ހުރަހެއް ނޭޅުން. އަދި ފުލުހުންނާއި ސިފައިންގެ މަސައްކަތައް އެއްބާރުލުން ދިނުން." އިންތި ވިދާޅުވި އެވެ.

މަޖިލީހުގެ ސަލާމަތީ ކަންކަމާ ބެހޭ ކޮމެޓީން ވަނީ މިފަދަ މައްސަލަތައް ތަހުގީގު ކުރުމުގައި މިހާތަނަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ރިއާޔަތްކޮށް މި މައްސަލަ ސީރިއަސް އަދި އަވަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް ދޭން އެދިފަ އެވެ. އަދި ދައުލަތުގެ ތިން ބާރުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ސަލާމަތީ ހިދުމަތްތަކުން ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށް ދެމުން ދަނިކޮށް އެ ރައްކާތެރިކަން ފޭލިވި ގޮތުގެ އިންކުއަރީއެއް ހަދަން އެ ކޮމެޓީން ވަނީ ނިންމާފަ އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާ އާއި ގުޅިގެން މިހާތަނަށް ތިން މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އޭގެތެރެއިން މއ. ފޭރުގޭ މުޖާޒް އަހުމަދު އާއި ގއ. ކޮނޑޭ ފޮޅޭމާ، ތަހުމީން އަހުމަދު ހައްޔަރު ކުރީ އިއްޔެ އެވެ. މިއަދު ހެނދުނު ހައްޔަރު ކޮށްފައި ވަނީ ބޮން ގޮއްވާލި ކަމަށް ތުހުމަތު ކުރެވޭ މީހާ އެވެ. އެމީހާގެ ވަނަވަރު ފުލުހުން އަދި ހިއްސާކޮށްފައެއް ނުވެ އެވެ.