ޓެރަރިޒަމް

ހަރުކަށި ފިކުރުގެ ބަޔަކު އައްޑޫން ހައްޔަރުކޮށްފި

ހަރުކަށި ފިކުރު ފަތުރަން މަސައްކަތް ކުރާ ކަމުގެ ތުހުމަތުގައި އައްޑޫ އިން ބަޔަކު ހައްޔަރު ކޮށްފި އެވެ.

ޓެރަރިޒަމާ ދެކޮޅަށް ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އައްޑޫ އިން ހަތް މީހަކު ހައްޔަރު ކޮށްފައިވާ ކަން ފުލުހުން ވަނީ ޔަގީންކޮށްދީފަ އެވެ. ނަމަވެސް އެ މީހުން ހައްޔަރުކުރި ވަކި ސަބަބެއް ފުލުހުން ބުނެފައެއް ބުނެފައެއް ނުވެ އެވެ.

ހައްޔަރުކޮށްފައިވާ އެންމެންނަކީ ވެސް ދިވެހި ފިރިހެނުން ކަމަށް އެނގިފައިވެ އެވެ.

ހަރުކަށި ފިކުރު ފަތުރަން މަސައްކަތް ކުރާ ކަމުގެ ތުހުމަތުގައި އައްޑޫން ބަޔަކު ހައްޔަރުކޮށްފައި މިވަނީ އެކަހަލަ އެންމެން ހައްޔަރުކުރާނެ ކަމުގެ އިންޒާރު ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ދެއްވާފައި ވަނިކޮށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިމަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާ އަށް ފަހު މުޅި ރާއްޖޭގެ ސެކިއުރިޓީ ލެވަލް އެންމެ މައްޗަށް ވަނީ ޖައްސާފަ އެވެ. އަދި ސިފައިން ދަނީ މުޅި ރާއްޖޭގައި ހަތިޔާރާ އެކު ހަރަކާތްތެރިވަމުންނެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސީޕީ ހަމީދު ވިދާޅުވީ ރާއްޖޭގައި ހަރުކަށި ފިކުރުގެ މީހުންގެ ގޮތުގައި ތިބި ކަމަށް އެމަނިކުފާނު މީގެކުރިން ވިދާޅުވެފައިވާ 1300 މީހުންނަށް ވުރެ މިހާރު އެ އަދަދު އިތުރުވާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އެހެންކަމުން ހަމަލާއާއި ގުޅިގެން ހިންގާ އޮޕަރޭޝަންގެ ތެރެއިން ނުރައްކާތެރި އެންމެން ހޯދާ ހައްޔަރުކުރާނެ ކަމުގެ އިޝާރާތެއް ވަނީ ކުރައްވާފަ އެވެ.

ރައީސް ނަޝީދަށް ހަމަލާދިނުމުގައި ބައިވެރިވި މީހުންނަކީ ހަރުކަށި ފިކުރުގެ ބައެއް ކަމަށް ފުލުހުންނާއި އަދި ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމު ވެސް ވަނީ ވިދާޅުވެފަ އެވެ.