ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

އައިއެސްގެ އިސް ދިވެހި މީހާއަށް ދައުވާކޮށްފި

ދިވެހި ފުލުހުންގެ ހިދުމަތާއި ޔޫރަޕިއަން ޔޫނިއަންގައި ހިމެނޭ ދެ ގައުމެެއްގެ އިދާރާއަކާއި އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިދިޔަ ޖެނުއަރީ މަހު ހައްޔަރުކުރި ހަރުކަށި ފިކުރު ފަތުރާ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އިސް ދިވެހި މީހާ، ވ. ދެލްވައްތަ، ހޫދު މުހައްމަދު ޒާހިރު ގެ މައްޗަށް ދައުވާކޮށްފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ، ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އެކި އެކައުންޓްތަކުން އައިއެސް ޖަމާއަތައް ތާއީދުކޮށް، އެ ޖަމާއަތުގެ ލިޔެކިއުންތަކާއި ފޮޓޯއާއި ވީޑިއޯ އިންޓަނެޓް މެދުވެރިކޮށް ފަތުރައި ޝާއިއުކޮށް އަދި ޓެރަރިޒަމްގެ އަމަލެއް ރާވައި ހިންގައިފާނެކަމުގެ އިންޒާރުދެމުންދާ ކަމަށް ތުހުމަތު ކުރެވޭތީ ހޫދުގެ މައްޗަށް ފަސް ދައުވާއެއް އުފުލައިފަ އެވެ.

ހޫދަކީ އައިއެސްގެ ހަބަރު ފަތުރާ މީޑިއާ އޮޕަރޭޓްކުރާ މެންބަރެއްގެ ހައިސިއްޔަތުން މަސައްކަތްކުރާ މީހެއް ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ.

ޕީޖީ އޮފީހުން ބުނީ އައިއެސް އިން ދުނިޔޭގައި ހިންގާ ލާއިންސާނީ އަމަލުތަކާއި، ހަމަލާތަކާއި، އެމީހުންގެ ޕްރޮޕެގެންޑާ ފެތުރުމަށް އެކި އެކި ބަސްބަހުން ތައްޔާރުކޮށްފައިވާ ގިނަ ލިޔުންތަކާއި، ފޮޓޯތަކާއި، ވީޑިއޯތައް އެ ޖަމާއަތާ ގުޅުންހުރި އޮންލައިން ޕްލެޓްފޯމްތަކުގައި ހޫދު ހިއްސާކޮށް އޭނާ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދީފައިވާ ކަމަށެވެ.

ދައުލަތުން އޭނާގެ މައްޗަށް ދައުވާ ކުރަން ކްރިމިނަލް ކޯޓަށް ފޮނުވާފައި ވަނީ އިއްޔެ އެވެ.

ހޫދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް

  • އިންޓަނެޓް މެދުވެރިކޮށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދިނުމުގެ ކުށުގެ ދައުވާ - 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް
  • އިންޓަނެޓް މެދުވެރިކޮށް ޓެރަރިސްޓް ޖަމާއަތެއްގެ ލިޔެކިއުންތައް ފެތުރުން - 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް
  • ޓެރަރިސްޓް ޖަމާޢަތެއްގެ މެންބަރަކަށްވުން - 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް
  • ޓެރަރިސްޓް ޖަމާއަތަކަށް ތާޢީދުކުރުން - ތިން އަހަރާ ފަސް އަހަރާ ދެމެދުގެ ޖަލު ހުކުމެއް
  • ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުން - އެއް އަހަރާއި ތިން އަހަރާ ދެމެދުގެ ޖަލު ހުކުމެއް

ހޫދާއި ގުޅޭ ގޮތުން ފުލުހުން މީގެ ކުރިން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، 2015 ވަނަ އަހަރުން ފެށިގެން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އެކި ނަންނަމުގައި އެކައުންޓްތައް ހަދައިގެން އޭނާ ހަރުކަށި ފިކުރު ފަތުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ ގޮތުން ޓެލެގްރާމް އަދި އެ ނޫންވެސް އެންކްރިޕްޓް ކޮށްފައިވާ މެސެޖިން ޕްލެޓްފޯމްތަކުގައި "ސްކާމިޝް" އާއި "ސްކާމިޝްކިޑް" ފަދަ ނަންނަމުގައި އެކައުންޓްތައް ހަދައި ސޯޝަލް މީޑިއާ ގުރޫޕްތަކުގައި އައިއެސްއަށް ތާއީދުކޮށް އެކި ގައުމުތަކުގައި ހަރަކާތްތެރިވާ އެ ޖަމާއަތަށް ތާއީދު ކުރާ މީހުންނަށް އެ ޖަމާއަތުގެ ލިޔެކިޔުންތައް މީނާ ދައުރުކޮށްދީފައިވާ ކަމަށެވެ.

މި ގުރޫޕްތައް މެދުވެރިކޮށް ޓެރަރިޒަމްްގެ އަމަލުތައް ރާވާ ހިންގުމަށް ގޮވާލާ އެކަމަށް ހިތްވަރުދީ ޓެރަރިޒަމްގެ އަމަލެއް ހިންގަފާނެ ކަމުގެ ބިރު ދައްކާ އިންޒާރު ދެމުންވެސް ގޮސްފައިވާ ކަމަށް ވެސް ފުލުހުން ހާމަކޮށްފައިވެ އެވެ. އަދި އޭނާ ސޯޝަލް މީޑިއާގައި ފަރުވާ ބައެއް ކޮންޓެންޓްތަކުގައި ހުޅަނގުގެ ބައެއް ގައުމުތަކުގެ އިސްވެރިންގެ ފުރާނައަށް ނުރައްކާވާފަދަ ހަަމަލާ ދިނުމަށް ގޮވާލާ އެފަދަ ކަންކަން ކުުރުމަށް ހިތްވަރު ދެމުން ގޮސްފައިވާ ކަމަށެވެ. އަދި ހުޅަނގުގެ އެކި ގައުމުތަކުގައި އެ ގައުމުތަކުގެ ރައްޔިތުންނަށާއި އެ ގައުމުތަކުގެ އެކި ތަންތަނަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާތައް ދިނުމަށް ގޮވާލާ އެކަމަށް ހިތްވަރު ދެމުން ދިޔަ ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ ހަ ވަނަ ދުވަހު އެވެ. މި މައްސަލައިގެ ތަހުގީގަށް ބޭރުގެ އެކި ގައުމުތަކުގެ އިންޓެލިޖެންސް އޭޖެންސީތަކާއި، ތަހުގީގީ އިދާރާތަކުގެ އެހީތެރިކަން ލިބިފައިވާ ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ. އެގޮތުން އެފްބީއައިގެ އިތުރުން އިޓަލީ ފުލުހުންނާއި ޔޫރަޕުގެ އެހެން ގައުމެއްގެ ފުލުހުން މި އޮޕަރޭޝަނުގައި ވަނީ ބައިވެރިވެފަ އެވެ.