ކްރިމިނަލް ކޯޓް

އަމީނާއި ޔާސިރް ޔަހްޔާ އާއި ގުޅުން އޮވޭ: ހެކި

އައިއެސް ޖަމާއަތުގެ ފަރާތުން ރާއްޖޭގައި ހަރަކާތްތެރިވާ އެންމެ އިސް މީހާ ކަމަށް ތުހުމުހަތު ކުރާ މުހައްމަދު އަމީން އާއި ރާއްޖޭގެ ޖަލެއްގައި މަރުވެފައިވާ ޓެރަރިޒަމްގެ ސީރިއަސް ތުހުމަތުތަކެއް އޮތް ޔަމަނުގެ ރައްޔިތެއް ކަމަށްވާ ޔާސިރު ޔަހްޔާ އާއި ގުޅުން އޮންނަ ކަމަށް ހެކިވެރިޔަކު ބުނެފި އެވެ.

ދައުލަތުން އަމީނަށް އުފުލާފައިވާ ދައުވާތަކަކީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އެވެ. ދައުލަތުގެ ދައުވާތަކާއި އަމީނަށް ކުރާ ތުހުމަތުތަކަށް އޭނާ ވަނީ އިންކާރު ކޮށްފަ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު މި މައްސަލައިގެ އަޑުއެހުމެއް ބާއްވާފައި ވަނީ ދައުލަތުގެ ހެއްކެއްގެ ހެކިބަސް ނެގުމަށެވެ.

އެގޮތުން މިއަދުގެ އަޑުއެހުމުގައި ހެކިބަސް ދިން ސިއްރު ހެކިވެރިޔާ ބުނެފައި ވަނީ އޭނާ އަކީ ފުލުހުންގެ އިދާރާގައި ޓެރަރިޒަމްގެ އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވާ އޮފިސަރެއް ކަމަށެވެ. އަމީން އަކީ ޓެރަރިޒަމްގެ މައްސަލަތަކުގައި ހައްޔަރުކޮށް، ސުވާލުކޮށްފައިވާ މީހެއް ކަމަށް ބުންޏެވެ. އަދި ހޯދިފައިވާ މައުލޫމާތުތަކުގެ އަލީގައި، އަމީން އަކީ ހަރުކަށިފިކުރުގެ މީހުންނާ ގުޅުން އޮންނަ އަދި އެ ފިކުރު ފަތުރަން އުޅޭ މީހެއް ކަމަށް އޭނާ ވަނީ ހެކިބަސް ދީފަ އެވެ.

އެގޮތުން ޔާސިރް ޔަހްޔާ ދެފަހަރެއްގެ މަތިން އަމީން ދިރިއުޅޭ ގެ ކައިރިން ފެނިފައިވާ ކަމަށް ހެކިވެރިޔާ ބުންޏެވެ. އަދި އެ ދެ މީހުންގެ މެދުގައި މުއާމަލާތްތަކެއް ކުރެވިފައިވީ ނަމަވެސް ދެ މީހުން ބައްދަލުކުރިކަން އެނގެން ނެތް ކަމަށް ބުންޏެވެ. ޔާސިރަކީ ހަރުކަށި ފިކުރުގެ "ބޮޑެއް" ކަމަށް ތުހުމަތު އޮތް މީހެކެވެ.

އަދި މީގެ އިތުރުން ވެސް ޝޯޝަލް މީޑިއާގައި ދީނީ ހަރުކަށި ފިކުރު ފަތުރާ ބައެއްގެ ގޮތުގައި ލޭބަލްވެފައިވާ ޝިފާޒް ކިޔާ މީހަކާއި އަދި އަލީ އާދަމް ކިޔާ މީހަކާ ވެސް އަމީން ބައްދަލުކޮށްފައިވާ ކަމަށް ހެކިވެރިޔާ ކިޔައިދިނެވެ. އެގޮތުން އެ މީހުންނާ އަޑި ޕާކު ސަރަހައްދުގައި 2010 ވަނަ އަހަރު ބައްދަލުކުރި ކަމަށް ބުންޏެވެ.

އެ ދެ މީހުންނަކީ ވެސް ޖިހާދަށް ދިޔަ ދެ މީހުންނެވެ. އެމީހުންގެ ސޯޝަލް މީޑިއާގައި ޒިހާދަށް ދިއުމާއި ހަރުކަށި ފިކުރު ޕްރޮމޯޓްކޮށްފައިވާ ކަމަށް ހެކިވެރިޔާ ކިޔައިދިނެވެ. އަދި މިހާރު ޝިފާޒް ހަނގުރާމައިގެ ތެރެއިން މަރުވެފައިވާ ކަމަށެވެ.

ޔާސިރް ޔަހްޔާ އަކީ ޓެރަރިޒަމްއާ ގުޅުން ހުރި މީހެކެވެ. އޭނާ ޓޫރިސްޓު ވިސާގައި 2014 ވަނަ އަހަރު ރާއްޖެ އެތެރެވި އެވެ. އޭގެފަހުން 2017 ވަނަ އަހަރު ފުލުހުން އޭނާ ހައްޔަރުކުރީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭކަމުގެ ތުހުމަތުގަ އެވެ. އެގޮތުން ސައުދީ ރަސްގެފާނު، ސަލްމާން ބިން އަބްދުލްއަޒީޒު ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވާއިރު ރަސްގެފާނަށް ހަމަލާދޭން ރާވާކަމުގެ ރިޕޯޓްތައް ބޭރު ނޫސްތަކުގައި ފެތުރުނެވެ.

އަދި އޭނާ އަކީ ރާއްޖޭގައި ހަރުކަށި ފިކުރު ފަތުރާ އަދި ހަނގުރާމައަށް މީހުން ރެކްރޫޓް ކުރަމުން އައި މީހެއް ކަމަށް ވެސް ވަނީ ލޭބަލް ކޮށްފަ އެވެ. އޭނާ އަކީ ޓެރަރިޒަމްގެ މައްސަލަތަކުގައި އެކި ގައުމުތަކުގައި ހައްޔަރުކޮށްފައިވާ މީހެކެވެ. އޭނާ މަރުވީ ރާއްޖޭގެ ޖަލެއްގައި އޮއްވައި ހާލު ސީރިއަސްވެގެން 2020 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ.

އެހެން ގައިދީންނާ އަމީން ތަފާތު ކުރާ މައްސަލަ

ޝަރީއަތުގެ މިއަދުގެ އަޑުއެހުމުގައި ވެސް އަމީން ވަނީ އޭނާ އެހެން ގައިދީންނާ ތަފާތުކޮށްގެން ގެންގުޅޭތީ ޝަކުވާ ކޮށްފަ އެވެ. އެގޮތުން ޓެރަރިޒަމްގެ މައްސަލަތަކުގައި ބަންދުކުރާ އެހެން މީހުންނަށް އެމީހުން ބޭނުން ގޮޅިއެއްގައި އޮތުމުގެ އިހުތިޔާރު ލިބިގެންވާއިރު، ތިން އަހަރު ވެގެންދިޔައިރު އޭނާ ބަންދުކޮށްގެން ގެންގުޅެނީ އެހެން މީހުންނާ އެކަހެރިކޮށް ވަކިން ކަމަށް ބުންޏެވެ.

ދައުލަތުން ބުނެފައި ވަނީ އެހެން ގައިދީންނާ އަމީން ތަފާތުކޮށްގެން ނުގެންގުޅޭ ކަމަށް ކަރެކްޝަނަލް ސާވިސް އިން މައުލޫމާތު ދޭ ކަމަށެވެ.

އެކަން ދޮގުކުރަމުން އަމީން ބުނެފައި ވަނީ އޭނާގެ އާއިލާއިން ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅުއާ ބައްދަލުކުރި ކަމަށެވެ. އާއިލާ އާއި ހަވާލާދީ އަމީން ބުނީ، އެކަމަކީ ސީޕީގެ އަތްމަތީގައި އޮންނަ ކަމެއް ނޫން ކަމަށް ވިދާޅުވި ކަމަށެވެ. އަދި އެގޮތަށް ވަކިން ބާއްވާފައި އޮންނަނީ ފުލުހުންގެ ލަފަޔަށް ކަމަށާއި، ތަފާތު ކުރާ މައްސަލައަށް ސީޕީ ވެސް ދެކޮޅު ނުހައްދަވާ ކަމަށެވެ.

ވަކިން ބާއްވާފައި އޮންނައިރު ސިއްހީ ގޮތުން ދޭންޖެހޭ އަޅައިލުން ނުދޭ ކަމުގެ ޝަކުވާ ވެސް އޭނާ ކުރި އެވެ.

އަމީންއަކީ ރާއްޖެއިން ބޭރުގައި ހިންގާ ޓެރަރިސްޓް ޖަމާއަތްތަކާއި، ހަނގުރާމަވެރި ޖަމާއަތްތަކުގައި ބައިވެރިވުމަށް ދިވެހިން ރެކްރޫޓްކޮށް، ހަނގުރާމަތަކަށް މީހުން ފޮނުވަމުންދިޔަ ކަމުގެ ތުހުމަތު އޮތް މީހެކެވެ.

މި މައްސަލައިގައި އިތުރު އަޑުއެހުމެއް އޮންނާނީ އަންނަ މަހުގެ 30 ވަނަ ދުވަހުގެ 9:00 ގަ އެވެ. އެދުވަހު ވެސް އޮންނާނީ ހެކިބަސް ނެގުމެވެ.