ކްރިމިނަލް ކޯޓް

ތިމަރަފުށި ޓެރަރިޒަމް: އައިއެސްގެ ސިޓީއަކާއި އިންޓެލިޖެންސް ރިޕޯޓުތަކެއް

މިދިޔަ އަހަރު ޓެރަރިޒަމްގެ ހަމަލާއެއް ދޭން އުޅުނު ކަމުގެ ތުހުމަތަށް ތ. ތިމަރަފުށިން ހައްޔަރުކޮށް ދައުވާ އުފުލާފައިވާ އަށް މީހުންނާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ހެކިތަކުގެ ތެރެއިން އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުން ފޮނުވާފައިވާ ސިޓީގެ ތަރުޖަމާއާއި، ބޭރުގެ އިންޓެލިޖެންސް ރިޕޯޓުތަކެއް ސިއްރުކޮށްދިނުމަށް ދައުލަތުން އެދެފި އެވެ.

ތިމަރަފުށީ ސްކޫލަށް ޓެރަރިޒަމްގެ ހަމަލާއެއް ދޭން އުޅުނު އަށް މީހުންނަކީ ތިމަރަފުށި ފެހިވިދުވަރު، އަބްދުﷲ ޝަރީފް، އެރަށު ކެނެރީގެ، އަހުސަން މުހައްމަދު އަދި އަލީ މުނީޒު، ސައިމާ، ޝަމާހް ޝަރީފް، އަސުރުމާގެ، މުހައްމަދު އާސިރު، ރ. ކަނދޮޅުދޫ ފެހިވިލާ، އަލީ އަރުހަމް މުހައްމަދު، ނ. ކުޑަފަރި ރޯޒްމީޑް، އިބްރާހިމް ލޫތު އަދި ރ. މަޑުއްވަރީ ބީޗް ހައުސް، އަބްދުﷲ އިމާދު އެވެ.

އައިއެސް އާއި ގުޅުން އޮންނަ ހަރުކަށި ފިކުރުގެ މި އަށް މީހުންގެ މައްޗަށް ޖުމްލަ 20 ދައުވާއެއް ދައުލަތުން ވަނީ ވަނީ އުފާލަ އެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން އިބްތިދާއީ އަޑުއެހުމެއް ބާއްވާފައި ވަނީ ދައުލަތުގެ ފަރާތުން ހެކިތަކެއް ރައްކާތެރިކޮށްދިނުމަށް އެދި ހުށަހަޅައިފައި ވާތީ އެވެ. އެގޮތުން ދައުލަތުގެ ފަރާތުން ވަނީ 22 ސިއްރު ހެކިން ތަހުގީގަށް ދީފައިވާ ބަޔާންތައް ސިއްރުކޮށްދިނުމަށް އެދިފަ އެވެ. ދައުލަތުގެ ވަކީލް އަހުމަދު ޝަފީއު ވިދާޅުވެފައި ވަނީ އެ ބަޔާންތަކުގައި ހުރި މައުލޫމާތުތަކާއި ހެކިވެރިންގެ މައުލޫތު، އެ ބަޔާންތައް ހިއްސާކޮށްފިނަމަ ހާމަވެގެން ދާނެ ކަމަށެވެ.

މީގެ އިތުރުން ބައެއް ތަހުގީގު ރިޕޯޓުތަކާއި، އިސްލާމިކް މިނިސްޓްރީން ތައްޔާރުކޮށްފައިވާ ތަރުޖަމާ ރިޕޯޓުތަކަކާއި، ބޭރުގެ އިންޓެލިޖެންސް ރިޕޯޓުތަކާއި، މޯބައިލް ފޮރެންސިކް ރިޕޯޓުތަކެއް ވެސް ސިއްރުކޮށްދޭން ވަނީ އެދިފަ އެވެ.

އޭގެތެރޭގައި އައިއެސް ޖަމާއަތުން ފޮނުވާފައިވާ ސިޓީއެއްގެ ތަރުޖަމާ ހިމެނެ އެވެ. އެއީ ދައުވާ ލިބޭ މީހެއްގެ ފޯނަކުން ފެނިފައިވާ ސިޓީއެކެވެ. ސިޓީގައި އައިއެސް ޖަމާއަތް އޮޕަރޭޓް ކުރާ ގޮތާއި، ހަރުކަށި ފިކުރަށް ތާއީދުކޮށް، އެމީހުންގެ ކަންކަން ރާއްޖޭގައި ހިންގާނެ ގޮތްތައް ހިމަނާފައިވާކަން ދައުލަތުން ފާހަގަކުރެއްވި އެވެ.

ސިޓީއާ ގުޅިގެން ގާޒީ އަލީ ނަދީމް ވަނީ، އެ ސިޓީ ސިއްރުކުރަން އެދިފައި ވަނީ ކީއްވެތޯ އާއި، ދައުވާ ލިބޭ މީހެއްގެ އަތުން ފެނުނު ސިޓީއެއް ސިއްރުކުރުމުގެ ބޭނުމަކީ ކޮބައިތޯއާއި، އެމީހުންގެ އަތުން ވެސް މުޖުތަމައަށް ފެތުރިގެން ދިއުމުގެ އިހުތިމާލް އޮންނާނެ ކަމާމެދު ގާޒީ ދައުލަތާ ސުވާލުކުރެއްވި އެވެ.

ދައުލަތުން ބުނެފައިވަނީ އެ ސިޓީގައި ހިމެނޭ ކޮންޓެންޓްގެ ސަބަބުން ހަރުކަރިފިކުރަށް މީހުން ތާއީދުކޮށް، އެކަމަށް ހިތްވަރު ލިބިގެންދާނެ ކަމަށެވެ. އެ ސިޓީ ދޫކޮށްފިނަމަ އެތަކެތި މުޖުތަމައަށް ފެތުރި ބިރުވެރިކަން އުފެދިގެންދާނެ ކަމަށެވެ.

ސިއްރުކުރަން އެދުނު އިތުރު ލިޔެކިޔުންތަކުގެ ތެރޭގައި ފުލުހުން ތައްޔާރުކޮށްފައިވާ ރިޕޯޓުތަކެއް ހިމެނޭއިރު، ރިިޕޯޓްތަކުގައި ހިމެނޭ ފުލުހުންނަކީ ކޮން ބައެއްކަން ނޭނގޭ ގޮތަށް ހެކިބަސް ނަގައިދިނުމަށް ވެސް ދައުލަތުން އެދިފައިވެ އެވެ. އަދި ބައެއް ރިޕޯޓުތައް ޝަރީއަތުން ކަނޑައަޅާ ގޮތެއްގެ މަތިން ދިފާއީ ވަކީލުން ކޯޓަށް ހާޒިރުވެގެން ދިފާއަށް ދެއްކުމަކުން މައްސަލައެއް ނެތް ކަމަށްވެސް ދައުލަތުގެވ ވަކީލް ވިދާޅުވި އެވެ.

ޝަފީއު ވިދާޅުވީ ބައެއް ރިޕޯޓުތައް ސިއްރުކުރަން އެދުނީ ޓެރަރިޒަމްގެ އަމަލު ހިންގާނެ ގޮތުގެ މައުލޫމާތުތަކާއި ޓެރަރިޒަމަށް ހިތްވަރު ލިބޭ މައުލޫމާތުތައް ހާމަވެދާނެތީ ކަމަށެވެ. އަދި ގައުމީ ސަލާމަތަށް ނުރައްކާ މައުލޫމާތު ވެސް ހުރުމުން ކަމަށެވެ. އެކަމަކު ހުރިހާ ދިފާއީ ވަކީލުން ވެސް އެދިވަޑައިގެންފައި ވަނީ ސިއްރު ހެކިންގެ ބަޔާންތައް ހާމަކުރުމަށެވެ. އެމީހުންގެ ޒާތީ މައުލޫމާތުތައް އުނިކުރުމަށްފަހު ރިޕޯޓްތައް ހިއްސާކޮށްދެއްވުމަށް ވެސް އެދިވަޑައިގަތެވެ. ސަބަބަކަށް ފާހަގަކުރައްވާފައި ވަނީ ދިފާއު ބިނާކުރުމަށާއި ދައުވާއަށް ޖަވާބުދާރީ ވުމަށް ވެސް ހުރަސް އެޅިގެންދާތީ އެވެ.

އެކަމަށް ރައްދު ދެއްވަމުން ދައުލަތުގެ ވަކީލް ޝަފީއު ވިދާޅުވީ އެ ބަޔާންތަކުގައި ހުރި މައުލޫމާތުތަކުން ވެސް އެއީ ކޮން ބައެއްކަން ހާމަވެގެންދާނެ ކަމަށެވެ.

ޝަރީއަތުގެ އަޑުއެހުމުގައި ގާޒީ ވަނީ އިތުރު ގިނަ ސުވާލުތަކެއް ވެސް ދައުލަތަށް އަމާޒުކުރައްވާފަ އެވެ.

"އިންޓެލިޖެންސް ރިޕޯޓު ހެކީގެ ގޮތުގައި ބޭނުންކުރެވޭނެ އެއްޗެހި ގާނޫނުން އެނގޭ އެކަން. ޝަރީއަތުގައި ކޯޓުގަ ބެލީމަ އުކުޅުތައް ވެސް އެނގޭނެ ގައުމީ ސަލާމަތަށް ނުރައްކާވާ މައުލޫމާތުވެސް ހާމަވެގެން ދާނެ. އެހެންވީމާ މި ހުރި ސަބަބުތައް ނައްތައެއް ނުލެވޭނެ. ކޮބައިތޯ ތަފާތަކީ ކޯޓުގަ ބެލުމާއި އެ ފަރާތްތަކަށް ރިޕޯޓުތައް ދިނުމަށް،" ގާޒީ އެއްސެވި އެވެ.

އެ ސުވާލަށް ޖަވާބު ދެމުން ދައުލަތުން ބުނެފައިވަނީ ނަކަލުކޮށްގެން އެ ލިޔެކިޔުންތައް ފޯރުކޮށްދިނުމުން މައުލޫމާތުގެ ސިއްރުކަން ކެނޑިގެންދާނެ ކަމަށެވެ. އޭގެ ސަބަބުން އެ މައުލޫމާތު މުޖުތަމައުގެ ތެރެއަށް ވެސް ވާސިލްވެގެން ގޮސްދާނެ ކަމަށެވެ. އެކަމަކު ކޯޓުގައި އެތަކެތި ބަލާނަމަ އެ ލިޔެކިޔުންތަކުގެ ސިއްރުކަން ހިފެހެއްޓޭނެ ކަމަށެވެ.

ގިނަ ސުވާލުތަކަކަށް ފަހު ގާޒީ ނިންމަވާފައި ވަނީ ހެކި ރައްކާތެރިކުރުމުގެ އަމުރަށް އެދިފައިވާ ފޯމުގައި ހުރި ބައެއް ރިޕޯޓުތައް ކޯޓަށް ހުށަހަޅާފައި ނުވާތީ އެ ރިޕޯޓުތައް ހުށަހެޅުމަށް ގޮތެއް ނިންމެވުމަށެވެ. އެހެންކަމުން އޭގެ ފަހުން ދެން އޮންނަ އަޑުއެހުމެއްގައި ރިޕޯޓްތައް ސިއްރުކުރުމާ މެދު ގޮތެއް ނިންމަވާނެ ކަމަށްވެސް ގާޒީ ވަނީ ވިދާޅުވެފަ އެވެ.