ޓެރަރިޒަމްގެ ހަމަލާއެއް ދޭން އުޅޭކަމުގެ ތުހުމަތަށް ތ. ތިމަރަފުށިން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ އެރަށު ކެނެރީގެ އަލީ މުނީޒްގެ ބަލިހާލަތަށް ރިއާޔަތްކޮށް ޝަރުތުތަކަކާއެކު ދޫކޮށްލާފައިވަނިކޮށް، އެ ޝަރުތުތަކާ ހިލާފުވުމުން އޭނާ އަލުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
މުނީޒުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ބޭނުންވާ އުކުޅުތައް ދަސްކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއް ކަމަށް ދޭހަވާ ފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާ އެވެ.
އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް ފުރާނައަށް ނުރައްކާވާފަދަ ސިއްހީ ހާލަތެއް ހުރުމުން ކޯޓުން އޭނާ ހަރުކަށި ޝަރުތުތަކަކާއެކީ ބަންދުން ދޫކޮށްލީ މިދިޔަ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ބަންދު މުރާޖާ އަޑުއެހުމުގައި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓަކަށް ހަވާލާދެމުން ދައުލަތުން ބުނީ މުނީޒު ޓެރަރިޒަމްގެ ތުހުމަތު އޮންނަ މީހަކާއި މުއާމަލާތްކޮށްފައިވާ ކަމަށާއި އަދި ގިނަ ވަގުތު މަލެތެރޭ އާއި ހުޅުމާލޭގައި އުޅޭ ކަމަށެވެ.
ފުރާނައަށް ނުރައްކާވާފަދަ ބައްޔެއް ހުރި މީހަކު ގިނަ ވަގުތު ބޭރުގައި އުޅުމުގެ މާނައަކީ އޭނާގެ އެ ބަލިހާލަތު ރަގަޅުވެފައި އޮތުން ކަމަށް ދައުލަތުން ބުންޏެވެ. އަދި ކޯޓުގެ ޝަރުތުތަކާ ހިލާފުވެއްޖެނަމަ އަލުން ބަންދު ކުރެވޭނެ ކަމަށް އޭނާ ބަންދުން ދޫކޮށްލި ކޯޓު އަމުރުގައިވާ ކަމަށް ވެސް ދައުލަތުން ބުންޏެވެ. އެހެންކަމުން ކޯޓުގެ ޝަރުތުތަކާ އޭނާ ހިލާފުވެފައިވާތީ ޝަރީއަތް ނިމެންދެން ބަންދުކޮށްދިނުމަށް ވަނީ އެދިފަ އެވެ.
ދައުލަތުން ކުރި ތުހުމަތުތައް މުނީޒު ވަނީ ދޮގުކޮށްފަ އެވެ. އޭނާ ބުނީ ޓެރަރިޒަމްގެ ތުުހުމަތުވާ އެއްވެސް މީހަކު ބައްދަލުކޮށްފައި ނުވާނެ ކަމަށެވެ. އަދި ބޭރަށް ނިކުތުން މަނާ ގަޑިތަކުގައި ނިކުންނަނީ ފުލުހުންގެ ހުއްދަ ހޯދައިގެން ކަމަށް ބުންޏެވެ.
އޭނާގެ ދިފާއީ ވަކީލް އާދަމް ޝަމީމް ވިދާޅުވީ ހުއްދަ ދީފައިވާ ގަޑިތަކުގައި ކިތަންމެ ގިނައިރަކު ބޭރުގައި އުޅުނަސް އެއީ އެއްްވެސް މައްސަލައެއް ނޫން ކަމަށެވެ. އަދި އޭނާގެ ހަށިގަނޑުގައި ފުރާނައަށް ނުރައްކާވާ މިންވަރަށް ޕޮޓޭޝިއަމް މަދުކަމަށް ޑޮކްޓަރުގެ ރިޕޯޓުތަކުން އެނގޭ ކަމަށާއި އެ ހާލަތު އަދިވެސް ދެމި އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
ދެފަރާތުގެ ވާހަކަތައް އެއްސެވުމަށްފަހު ގާޒީ އަލީ ނަދީމް ވިދާޅުވީ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓަށް ބަލާއިރު ޓެރަރިޒަމްއާ ގުޅުންހުރި މީހަކާ މުނީޒު މުއާމަލާތްކޮށްފައިވާ ކަމަށް އެނގެން އޮތް ކަމަށެވެ. އެހެންކަމުން ކޯޓުގެ ޝަރުތުތަކާ ހިލާފުވެފައިވާތީއާއި މި މައްސަލައިގައި އިތުރު މީހުން ވެސް ހިމެނޭތީ މުނީޒު ޝަރީއަތް ނިމެންދެން ބަންދުކުރަން ވަނީ އަމުރުކުރައްވާފަ އެވެ.
މުނީޒު ބަންދުން ދޫކޮށްލީ އަށް ޝަރުތެއް ކޮށްފަ އެވެ. އޭގެތެރޭގައި ގާނޫނާ ހިލާފު އެއްވެސް ކަމެއް ނުކުރުމަށާއި، ކޯޓަށް ބަރާބަރަށް ހާޒިރުވުމަށާއި، އިރުއޮއްސި 6:00 އިން ހެނދުނު 6:00 އަށް ގެއިން ބޭރަށް ނުނިކުތުމަށާއި، ކޮންމެ ދުވަހަކު ހެނދުނު 8:00 އިން 12:00 އަށް ފުލުހުންގެ އިދާރާއަށް ހާޒިރުވެ ސޮއިކުރުމަށް ވަނީ ޝަތުރުކޮށްފަ އެވެ.
އަދި މި މައްސަލައިގައި ހެކިބަސް ދޭނެ ކަމަށް ލަފާކުރެވޭ އެއްވެސް މީހަކާ މުއާމަލާތް ނުކުރުމަށާއި ސިއްހީ ލިޔެކިޔުންތައް ކޮންމެ 15 ދުވަހަކުން ކޯޓަށާއި އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމަށްވެސް ވަނީ އަމުރުކޮށްފަ އެވެ.