މިދިޔަ އަހަރު ޓެރަރިޒަމްގެ ހަމަލާއެއް ދޭން އުޅުނު ކަމުގެ ތުހުމަތަށް ތ. ތިމަރަފުށިން ހައްޔަރުކޮށް ދައުވާ އުފުލާފައިވާ އަބްދުﷲ ޝަރީފަށް އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުން ރާއްޖެއަށް ކަނޑައަޅާފައިވާ އަމީރުކަން ދީ، އެކަން އެންގުމަށް ފޮނުވާފައިވާ ސިޓީގެ ތަރުޖަމާ ދައުވާ ލިބޭ ފަރާތްތަކަށް ހާމަކުރުމަށް ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ނަދީމް ނިންމަވައިފި އެވެ.
ތިމަރަފުށީ ސްކޫލަށް ޓެރަރިޒަމްގެ ހަމަލާއެއް ދޭން އުޅުނު އަށް މީހުންނަކީ ތިމަރަފުށި ފެހިވިދުވަރު، އަބްދުﷲ ޝަރީފް، އެރަށު ކެނެރީގެ، އަހުސަން މުހައްމަދު އަދި އަލީ މުނީޒު، ސައިމާ، ޝަމާހް ޝަރީފް، އަސުރުމާގެ، މުހައްމަދު އާސިރު، ރ. ކަނދޮޅުދޫ ފެހިވިލާ، އަލީ އަރުހަމް މުހައްމަދު، ނ. ކުޑަފަރި ރޯޒްމީޑް، އިބްރާހިމް ލޫތު އަދި ރ. މަޑުއްވަރީ ބީޗް ހައުސް، އަބްދުﷲ އިމާދު އެވެ.
އައިއެސް އާއި ގުޅުން އޮންނަ ހަރުކަށި ފިކުރުގެ މި އަށް މީހުންގެ މައްޗަށް ޖުމްލަ 20 ދައުވާއެއް ދައުލަތުން އުފުލާފައިވެ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބާއްވާފައިވަނީ މި މައްސަލައާއި ގުޅިގެން ދައުލަތުން ހުށަހަޅާފައިވާ ހެކި ރައްކާތެރިކޮށްދިނުމުގެ އަމުރަށް ގޮތެއް ނިންމުމަށް ބޭއްވި މަޖިލީހެކެވެ. މި މީހުންނާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ 62 ހެއްކެއް ރައްކާތެރިކޮށްދިނުމަށް ވަނީ އެދިފަ އެވެ. ނަމަވެސް ދައުލަތުން އެދުނު ގޮތަށް ސިއްރުކޮށްދޭން މިއަދު ނިންމީ މަދު ހެކިތަކެކެވެ.
ދައުލަތުން ރައްކާތެރިކޮށްދިނުމަށް އެދުނު ހެކިތަކުގެ ތެރޭގައި ދައުވާ ލިބޭ އަބްދުﷲ ޝަރީފަށް އައިސިސް ޖަމާއަތުގެ ރާއްޖޭގެ އަމީރުކަން ދީފައިވާ ކަމުގެ ލިޔުމުގެ ތަރުޖަމާ ހިމެނެ އެވެ. އެ ލިޔުން ފެނިފައިވަނީ އޭނާގެ ފޯނުންނެވެ.
ދައުލަތުން ބުނެފައިވަނީ އެ ސިޓީގައި އައިއެސް ޖަމާއަތް އޮޕަރޭޓް ކުރާ ގޮތާއި، ހަރުކަށި ފިކުރަށް ތާއީދުކޮށް، އެމީހުންގެ ކަންކަން ރާއްޖޭގައި ހިންގާނެ ގޮތްތައް ހިމަނާފައިވާ ކަމަށެވެ. އަދި އެ ސިޓީ ހާމަވެއްޖެނަމަ އައިއެސް ޖަމާއަތަށް ތާއީދުކުރާ މީހުންނަށް އިތުރު ހިތްވަރެއް ލިބި، އޭގައި ހުރި އަނިޔާވެރި ކަންކަން ހާމަވެ، މީހަކަށް ޖިސްމާނީ ގޮތުން ބޮޑު ގެއްލުމެއް ލިބިދާނެ ކަމަށ ދައުލަތުން ބުންޏެވެ.
ގާޒީ މިއަދު ވިދާޅުވީ ދައުލަތުން ބުނާގޮތަށް އައިއެސް ޖަމާއަތަށް ތާއީދުކުރާ މީހަކަށް އެ ސިިޓީ ފެނިގެން އެމީހުންގެ ވިސްނުމަށް ވަކި ބަދަލެއް އަންނާނެ ކަމަކަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އަދި އެ ސިޓީ އަކީ ދައުވާ ލިބޭ މީހެއްގެ ފޯނުން ފެނުނު އެއްޗެއް ކަމަށާއި ސިއްރުކުރަން ޖެހޭ ކަމެއް އޭގައި ނެތް ކަމަށެވެ. އެހެންކަމުން އެ ސިޓީ ތަރުޖަމާކުރި މީހާގެ ނަން އުނިކޮށްފައި ދައުވާ ލިބޭ މީހުންނަށް ހާމަކުރުމަށް ނިންމެވި އެވެ.
ދައުލަތުން މި އަށް މީހުންނާ ދެކޮޅަށް ހުށަހަޅާފައިވާ 14 އިންޓެލިޖެންސް ރިޕޯޓަކާއި އަށް އެނެލެޓިކަލް ރިޕޯޓު ވެސް ސިއްރުކުރާނެ ތަނެއް ނެތް ކަމަށް ގާޒީ ނިންމެވި އެވެ. އޭގައި އިންޓެލިޖެންސަށް މައުލޫމާތު ދިން މަސްދަރުތަކާއި، ފުލުހުން ބޭނުންކުރާ ތަފާތު އުކުޅެއް އަދި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އެއްވެސް މައުލޫމާތެއް ނެތް ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި މި މައްސަލަ އާއި ގުޅިގެން ލިބިފައިވާ 22 ތަހުގީގީ ބަޔާނާއި އެ ބަޔާން ދިން މީހުންނަކީ ކޮން ބައެއްކަން ނޭނގޭ ގޮތަށް ދިފާއަށް ބަޔާންތައް ހާމަކުރަންވެސް ގާޒީ ނިންމެވި އެވެ. ގާޒީ ވިދާޅުވީ އެ ބަޔާންތައް އެއްކޮށް ސިއްރުކޮށްފިނަމަ ދިފާއު ބިނާކުރުމަށް ހުރަސް އެޅިގެންދާނެ ކަމަށެވެ.
މީގެ އިތުރުން ދައުވާ ލިބޭ މީހުންނާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީން ތައްޔާރު ކޮށްފައިވާ ރިޕޯޓްތައް ވެސް، އެ ރިޕޯޓުތައް ތައްޔާރުކުރި މީހުން އުނިކޮށްފައި ހާމަކުރަން ގާޒީ ވަނީ ނިންމަވާފަ އެވެ.
ދައުލަތުން އެދުނު ގޮތަށް ސިއްރުކޮށްދީފައިވާ ހެކިތަކުގެ ތެރޭގައި ތިން ހެކިވެރިޔަކު ފުލުހުންނަށް ދީފައިވާ ވީޑިއޯ އިންޓަވިއުތަކާއި، ދައުވާ ލިބޭ އަލީ އަރުހަމްގެ ފޯނުގެ މޯބައިލް ފޮރެންސިކް ރިޕޯޓް ހިމެނެ އެވެ. އަރުހަމްގެ ފޯނުން ގޮވާތަކެއްޗާއި އައިއީޑީ އުފައްދާނެ ގޮތްތަކާއި، ޓެރަރިޒަމް އަމަލުތައް ހިންގާނެ ގޮތްތަކާއި ޓެރަރިޒަމްގެ އަމަލުތަކާ ގުޅޭ ވީޑިއޯ އަދި ފޮޓޯ ފެނިފައިވެ އެވެ.
މުނީޒުގެ ޝަރުތުތައް ބަދަލުކޮށްދޭން އެދުނު
ދައުވާ ލިބޭ އަލީ މުނީޒުގެ ބަލި ހާލަތު ހުރި ގޮތުން ހަރުކަށި ޝަރުތުތަކަކާއެކު ދޫކޮށްލާފައި ވަނިކޮށް ބައެއް ޝަރުތުތަކަށް ބަދަލު ގެނެސްދިނުމަށް އޭނާގެ ފަރާތުން މިއަދު ވަނީ ކޯޓުގައި އެދިފަ އެވެ. މުނީޒުގެ ދިފާއީ ވަކީލް އާދަމް ޝަމީމް ވިދާޅުވި ގޮތުގައި އޭނާ ކޮންމެ 15 ދުވަހަކު ޑޮކްޓަރުގެ ލިޔުންތައް ކޯޓަށް ހުށަހަޅަން ޖެހޭއިރު، މިހާރު ޑޮކްޓަރަށް ދައްކަން ޖެހެނީ 30 ދުވަހުން 30 ދުވަހުން ކަމަށެވެ. އެހެންކަމުން ކޮންމެ 15 ދުވަހަކުން ޑޮކްޓަރުގެ ލިޔުން ހުށަހަޅަން ދަތި ކަމަށް ވިދާޅުވި އެވެ. އަދި އޭނާއަށް ވަޒީފާއަށް ދެވޭ ގޮތަށް ގޭބަންދުގެ ގަޑިތައް ކަނޑައަޅައިދިނުމަށް ވެސް އެދުނެވެ.
މީގެ އިތުރުން މާލޭ ބަންދުގައި ހުރި މުނީޒު ދިރިއުޅެމުން ދަނީ އާއިލާގެ ބައެއްގެ ކައިރީގައި ކަމަށާއި، އާއިލީ ބައެއް މައްސަލަތައް މިހާރު ނިކުންނަމުންދާ ކަމަށްވެސް ޝަމީމް ވިދާޅުވި އެވެ. އެހެންކަމުން ކޮންމެ 30 ދުވަހަކުން މާލެ އަންނަ ގޮތަށް، އުފަން ރަށުގައި އަމިއްލަ ގޭގައި އުޅެވޭނެ ގޮތް ހަމަޖައްސަވައިދެއްވުމަށް ވެސް ޝަމީމް އެދިވަޑައިގެންނެވި އެވެ. އެކަމަކު ގާޒީ ވިދާޅުވީ އެކަމަށް ގޮތެއް ނިންމޭނީ ބަންދު މުރާޖައާ ފޯމަކާއެކު އެކަމުގެ ތަފްސީލުތައް ކޯޓަށް ހުށަހެޅުމުން ކަމަށެވެ.