އައިއެސް ޖަމާއަތުގެ ފަރާތުން ރާއްޖޭގައި ހަރަކާތްތެރިވާ އެންމެ އިސް މީހާ ކަމަށް ތުހުމުހަތު ކުރާ މުހައްމަދު އަމީންގެ މައްސަލަ މިއަހަރު ނިންމަން ކްރިމިނަލް ކޯޓުން ތާވަލުކޮށްފި އެވެ.
ދައުލަތުން އަމީނަށް އުފުލާފައިވާ ދައުވާތަކަކީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އެވެ. ދައުލަތުގެ ދައުވާތަކާއި އަމީނަށް ކުރާ ތުހުމަތުތަކަށް އޭނާ ވަނީ އިންކާރު ކޮށްފަ އެވެ.
މި މައްސަލައިގައި މިހާރު ހެކިބަސް ނެގުމުގެ މަރުހަލާ ކުރިއަށްދާއިރު ކޯޓުން މިއަދު ވަނީ މައްސަލައިގެ ތާވަލެއް އެކުލަވާލައިފަ އެވެ. ކުރިން މި މައްސަލަ ބައްލަވަމުން ދެންދެވީ އިސް ގާޒީ އަހުމަދު ޝަކީލް އެވެ. އެކަމަކު މިހާރު މައްސަލަ ބައްލަވަމުން ގެންދަވަނީ ގާޒީ ހަސަން ސައީދު އެވެ. ގާޒީ ވަނީ މައްސަލައިގައި ކުރިއަށް ހުރި އަޑުއެހުންތައް ބާއްވާނެ ދުވަސްތައް ހާމަކުރައްވައިފަ އެވެ.
އެގޮތުން ހެކިބަސް ނެގުމަށް ތިން ދުވަހެއް އަދި ހުލާސާ ބަޔާން އިއްވާނެ ދުވަހެއް ތާވަލުކޮށްފައިވެ އެވެ.
މައްސަލައިގެ ތާވަލް
- އޮގަސްޓް 30 - ހެކިބަސް ނެގުން
- ސެޕްޓެމްބަރު 13 - ހެކިބަސް ނެގުން
- ސެޕްޓެމްބަރު 26 - ހެކިބަސް ނެގުން
- އޮކްޓޯބަރު 11 - ހުލާސާ ބަޔާން އިއްވުން
ޖިނާއީ އިޖުރާއަތު ގާނޫނުގައި ބަޔާންކުރާ ގޮތުގައި ހުލާސާ ބަޔާން އިއްވާތާ 30 ދުވަހުގެ ތެރޭގައި ހުކުމް އިއްވަން ޖެހެ އެވެ. ހުކުމް ކުރައްވާނެ ވަކި ދުވަހެއް ގާޒީ ވިދާޅުވެފައެއް ނުވެ އެވެ.
މިއަދު އަޑުއެހުމެއް ބޭއްވީ ދެ ހެކި ވެރިއެއްގެ ހެކިބަސް ނެގުމަށެވެ. އެކަމަކު ތާވަލުކުރެވުނީ ކުރިން ހެކިބަސް ނަގައިފައިވާ ދެ މީހެއްގެ ހެކިބަސް ނެގުމަށެވެ. އެއީ މައްސަލަ ބަލާ ގާޒީ ބަދަލުވުމާއި ގުޅިގެން އޮޅުމެއްގެ ތެރެއިން ހިނގާދިޔަ ކަމެކެވެ. އެހެންކަމުން މިއަދުގެ އަޑުއެހުމުގައި ހެކިބަސް ނެގުން ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ.
ބަންދު މުރާޖާ: ދުލެއް ނުކޮށްލި
އަމީންގެ ބަންދު މުރާޖާ ކުރުމަށް އޭނާގެ ފަރާތުން ހުށަހަޅާފައި ވާތީ އެކަމާ ގުޅޭ ގޮތުން ވެސް ދެފަރާތުން ވާހަކަދެއްކި އެވެ. އެގޮތުން ދިފާއީ ވަކީލް އަހުމަދު ޔާމިން ވިދާޅުވެފައި ވަނީ އަމީން ބާއްވާފައި އޮންނަނީ އެކަހެރިކޮށްގެން ކަމަށާއި ދައުލަތުން އޭނާއާ މެދު ތަފާތު ކުރުންތައް ގެންގުޅޭ ކަމަށެވެ. މީގެ ކުރިން ވެސް އަމީންގެ ފަރާތުން އެ ޝަކުވާ ކޯޓުގައި ވަނީ ކޮށްފަ އެވެ.
އަމީން އަކީ މުޖުތަމައުއަށް ނުރައްކާ މީހެއް ކަމަށް ދައުލަތުން ބުނި ނަމަވެސް އެފަދަ އެއްވެސް ހެއްކެއް ހުށަހަޅާފައި ނެތް ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި މި މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓުގައި ވަނީ ވެސް ދައުވާއާއި ގުޅުންހުރި ކަންތައްތަކެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
އަމީންގެ ފަރާތުން ވަކީލް ޔާމީން އެދިވަޑައިގަތީ މޮނިކޮމް އަމުރެއްގެ ދަށުން ޓެގު އަޅުވާފައި ނަމަވެސް އޭނާ ދޫކޮށްލުމަށެވެ. އެހެން ނޫންނަމަ ޝަރުތުތަކަކާ އެކީ ނަމަވެސް އަމީން އާއިލާގެ ކައިރިޔަށް ދޫކޮށްލުމަށް އެދިވަޑައިގަތެވެ.
އެކަމަކު ދައުލަތުން ބުނެފައި ވަނީ އަމީންގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ކަމަށްވާއިރު، އެ ގާނޫނުގެ ދަށުން ބަންދު މުރާޖާ ކުރަން ހުށަހެޅޭނީ ހަމައެކަނި ޕްރޮސެކިއުޓާ ޖެނެރަލް އަށެވެ. ގާނޫނުލްއުގޫބާތުގައި ބަންދުގައި ހުންނަ މީހެއްގެ ބަންދު ކޮންމެ 30 ދުވަހަކުން މުރާޖައާ ކުރަން އޮތް ނަމަވެސް ރަރިޒަމް މަނާކުރުމުގެ ގާނޫނުގެ އެގޮތަށް އަމަލު ނުކުރެވޭނެ ކަމަށް ދައުލަތުން ފާހަގަކުރި އެވެ.
އެހެންކަމުން އަމީން އަކީ އެ އަމުރު މުރާޖާ ކޮށްދިނުމަށް އެދި ހުށަހެޅުމުގެ ހައިސިއްޔަތު ލިބިގެންވާ ފަރާތެއް ނޫން ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.
ދެފަރާތުގެ ވާހަކަތައް އެއްސެވުމަށްފަހު ގާޒީ ވިދާޅުވެފައި ވަނީ ގާނޫނުގައި ވާގޮތުން ބަންދު މުރާޖާ ކުރުމަށް އެދި ހުށަހެޅުމުގެ އިހުތިޔާރު ލިބިގެން ވަނީ ދައުލަތަށެވެ. އެހެންކަމުން ދައުލަތާ މަޝްވަރާކޮށްގެން އެކަން ކުރިއަށް ގެންދިއުމަށް ގާޒީ ވިދާޅުވި އެވެ.
މި މައްސަލައަކީ ޓެރަރިޒަމްގެ މައްސަލައަކަށްވާއިރު އެފަދަ މައްސަލަތަކަކީ މުޅި ދައުލަތް ކަންބޮޑުވާ މައްސަލަތަކެއްކަން ގާޒީ ފާހަގަކުރެއްވި އެވެ. އެހެންކަމުން ބަންދުން ދޫކޮށްނުލެވޭނެ ކަމަށް ވެސް ގާޒީ ނިންމެވި އެވެ.
އަމީންއަކީ ރާއްޖެއިން ބޭރުގައި ހިންގާ ޓެރަރިސްޓް ޖަމާއަތްތަކާއި، ހަނގުރާމަވެރި ޖަމާއަތްތަކުގައި ބައިވެރިވުމަށް ދިވެހިން ރެކްރޫޓްކޮށް، ހަނގުރާމަތަކަށް މީހުން ފޮނުވަމުންދިޔަ ކަމުގެ ތުހުމަތު އޮތް މީހެކެވެ.