ޓެރަރިސްޓް ހަމަލާ

2017 ގައި ގޮއްވާލަން އުޅުނީ ކުނޫޒު

ދެހާސް ސަތާރަ ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ބޮމެއް ގޮއްވާލަން އުޅުނީ މ. ކުނޫޒުގައި ކަމަށް ދައުލަތުން މިއަދު ބުނެފި އެވެ.

ފުލުހުން 2017 ވަނަ އަހަރު މއ. ކިނާރާހައުސް އާއި އެގޭގެ ކުރިމަތިން އޮންނަ އެނބޫގޯޅީގައި ހުރި އެޓިކް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ބިދޭސީ ރެކްރޫޓް އެޖެންސީއެއްގެ އޮފީހާއި ހަމަ އެ ސަރަހައްދުގައި ހުރި މއ. ނަމޫނާގެ ބަލައި ފާސްކުރި އިރު ޓީއެންޓީ ނޫނީ ގޮވާތަކެތި އުފައްދަން ބޭނުން ކުރާ ކެމިކަލް ގިނަ އަދަދަކަށް ވަނީ އަތުލައިގެންފަ އެވެ. އެޓިކް ޕްރައިވެޓް ލިމިޓެޑްގެ އޮފީސް ތެރެއިން ބޮން ހަދަން ބޭނުން ކުރާ ކެމިކަލްގެ ގާތްގަނޑަކަށް 10 ކިލޯ ފުލުހުން ވަނީ ހޯދާފަ އެވެ.

ދޭން އުޅުނު ހަމަލާތައް ނާކާމިޔާބު ކޮށްލުމަށްފަހު ހަތަރު މީހަކު ހައްޔަރުކޮށް ދައުވާކުރި އެވެ. އޭރު ފުލުހުން ބުނެފައި ވަނީ މާލޭގެ ފަސް ތަނެއްގައި އައިއީޑީ ގޮއްވާލަން އުޅުނު ކަމަށެވެ. ދައުލަތުން މިއަދު މި މީހުންގެ ދައުވާ ކްރިމިނަލް ކޯޓުގައި އިއްވަމުން ބުނެފައި ވަނީ އެމީހުން އުޅުނީ ޖުމްހޫރީ ޕާޓީގެ ޖަލްސާއެއް ކުރިއަށް ދަނިކޮށް ކުނޫޒު ގޮއްވާލަން ކަމަށެވެ.

މި މައްސަލާގައި ދައުވާކޮށްފައިވަނީ، ގދ. މަޑަވެލި ގަމަރީ، އިއުތިސާމް މުހައްމަދު ސައީދާއި ހއ. ހޯރަފުށީ ވިދުވަރުގެ ނާސިއު މުހައްމަދާއި ހދ. ނައިވާދޫ ރިވެލި ޝިމާން ޝަރީފާއި ހއ. ހޯރަފުށީ އަލަނާސީގެ މުހައްމަދު ތަސްލީމެވެ.

އެ ހަތަރު މީހުންގެ މައްޗަށް ކުރަނީ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާ އެވެ.

މި މައްސަލައިގެ އަޑުއެހުންތައް މީގެ ކުރިން ކުރިއަށް ގެންގޮސްފައި ވަނީ ސިއްރުކޮށްގެންނެވެ. އެކަމަކު މައްސަލަ ބެއްލެވި ގާޒީ ބަދަލުވެ ފަހުން ހަވާލުވެވަޑައިގަތް ގާޒީ ނިންމެވީ މައްސަލަ ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށެވެ. އަދި މައްސަލައިގައި އިންސާފުވެރި ގޮތަކީ މައްސަލަ އަލުން ފަށައިގެން ކުރިއަށް ގެންދިއުން ކަމަށް ފެނިވަޑައިގަންނަވާތީ މައްސަލަ އަލުން ފެށުމަށް ވެސް މިހާރު މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވަނީ ނިންމަވައިފަ އެވެ.

މި ހަތަރު މީހުންގެ ތެރެއިން ނާސިއު މުހައްމަދު ފިޔަވައި އަނެއް ތިން މީހުން ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ. ނާސިއުގެ ދިފާއީ ވަކީލް ހާޒިރު ނުވުމުން މިއަދު އަޑުއެހުމުގައި ބައިވެރިވެފައެއް ނުވެ އެވެ. ކުރިން ވެސް އެމީހުން ދައުވާތަކަށް އިންކާރުކުރި އެވެ.

ދައުލަތުން ވަނީ މި މީހުންނާ ދެކޮޅަށް ގިނަ ހެކިތަކެއް ހުށަހަޅައިފަ އެވެ. އެގޮތުން ސީނަށް ދިޔަ ފުލުހުންނާއި ސިއްރު ހެކިންނާއި އިންޓެލިޖެންސް ރިޕޯޓުތައް ހިމެނެ އެވެ.

އޭގެ ތެރޭގައި މި މީހުން ދައްކާފައިވާ ވާހަކަތައް ސާބިތުކުރުމަށް ހެކި ވަނީ ހުށަހަޅައިފަ އެވެ. އެގޮތުން ސީރިއާއަށް ހަނގުރާމައަށް ދެވޭނެ ދޮރުތައް ބަންދުވަމުން އަންނާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް މި މީހުން ދައްކާފައިވާ ވާހަކަތަކާއި، ސިޔާސީ ޕާޓީތަކުގެ ތެރޭގައި އިތުރަށް ހަމަނުޖެހުން އުފައްދަން ޖެހޭ ކަމަށް މި މީހުން ދައްކާފައިވާ ވާހަކަތައް ސާބިތުކުރުމަށް ހެކި ހުށަހަޅާފައިވެ އެވެ. އަދި އެމީހުން އެޓިކް އޮފީހުގެ ތެރޭގައި އައިއީޑީ ހަދަން ބޭނުންކުރާ ކެމިކަލް ކައްކާފައިވާ ކަމާއި، އެތަނުން ޕޮޓޭޝިއަމް ނައިޓްރޭޓް ފެނިފައިވާކަން ސާބިތުކުރަން ހެކި ހުށަހަޅާފައިވެ އެވެ.

މިއަދުގެ އަޑުއެހުމުގައި ދައުވާ ލިބޭ ޝިމާން ޝަރީފުގެ ދިފާއީ ވަކީލް އައިޝަތު ޝިފްނީ ވިދާޅުވެފައި ވަނީ ޝިމާން އަކީ މިކަމުގައި އެއްވެސް ގޮތަކުން ބައިވެރިވުން އޮތް މީހެއް ނޫން ކަމަށެވެ. ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓުގައި ވެސް އޭނާގެ ނަން އޮތުން ފިޔަވައި އިތުރު ތަފްސީލެއް ނެތް ކަމަށެވެ. އަދި އޭނާ އަކީ ކުށުގެ ވެށިން ހައްޔަރުކޮށްފައިވާ މީހެއް ވެސް ނޫން ކަމަށެވެ.

ތަސްލީމް އަދި އިއުތިސާމްގެ ދިފާއީ ވަކީލް އަހުމަދު ޔާމީން ފާހަގަކުރައްވާފައި ވަނީ ދައުވާގެ ސީޣާއަށާއި ހެކިން ހުށަހަޅާފައިވާ ސަބަބުތަކަށް ދައުލަތުން ބަދަލުގެނެސްފައިވާ ކަމެވެ. އެގޮތުން ފަހުން މައްސަލަ ބަލަން ފެށިއިރު ދިފާއުއަށް އެކަށީގެންވާ ނޯޓީސްއެއް ނުދީ ބަދަލުތައް ގެނެސްފައިވާކަން ފާހަގަކުރައްވާފައިވެ އެވެ.

އެކަމުގެ ޖަވާބުގައި ދައުލަތުން ބުނެފައި ވަނީ އަލުން މައްސަލަ ބައްލަވަން ގާޒީ ނިންމެވުމުން އެ ތަފްސީލުތަކަށް ބަދަލުގެސްފައި ވަނީ ޝަރީއަތުގެ އިޒުނައާއި އެކު ކަމަށެވެ.

ގާޒީ ވެސް ދައުލަތުން ފާހަގަކުރި ކަންކަމާ އެއްބަސްވެވަޑައިގަތެވެ. އަދި މި މައްސަލަ އަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަށް ވެސް ނިންމެވި އެވެ.

ދައުވާ ލިބޭ މީހުން ދިފާއީ ހެކިން ހުށަހަޅަން ބޭނުންވާތީ، މިމަހުގެ 16 ވަނަ ދުވަހުގެ ކުރިން ހެކި ހުށަހެޅުމުގެ ފުރުސަތު ގާޒީ ދެއްވި އެވެ. އަދި މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމުގެ ފުރުސަތު ވެސް ދެއްވި އެވެ.

ދައުވާ ލިބޭ މީހުން ކުރިން ކޯޓުން ދޫކޮށްލާފައި ތިއްބައި އަލުން ހައްޔަރުކޮށްފައި ވަނީ މޭ ހައެއްގެ ހަމަލާ އާއި ގުޅިގެން ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މިދިޔަ އަހަރުގެ ޖޫން މަހު އައްޑޫ ސިޓީއިން ހައްޔަރުކުރި މީހުންގެ ތެރޭގަ އެވެ. އެމީހުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.


އިއުތިސާމް އަކީ "އެޕިކްލޫޒާ" ގެ ނަމުގައި ޓްވިޓާގައި ވެސް ޓެރަރިސްޓް ޖަމާއަތް، އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ވާގިދޭ ގޮތަށް ހިޔާލު ފާޅު ކުރި ފަރާތެކެވެ. އެކަމާ ހުރެ ޓްވިޓާ އިން އޭނާގެ ހޭންޑުލް ބްލޮކް ވެސް ކުރި އެވެ. ދައުވާ ލިބޭ ތަސްލީމަށް މޭހައެއް ހަމަލާއާއި ގުޅިގެން އިތުރު ދައުވާއެއް އުފުލައި އެ މައްސަލައިގެ ޝަރީއަތް ވެސް ކުރިއަށްދެ އެވެ.