ދެހާސް ސަތާރަ ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި މާލޭގެ ފަސް ތަނެއްގައި ބޮމުގެ ހަމަލާތަކެއް ދިނުމަށް ތައްޔާރީތައް ވަމުން ދަނިކޮށް އިތުރު ބަޔަކާ އެކީ ހައްޔަރުކުރި ގދ. މަޑަވެލި ގަމަރީ، އިއުތިސާމް މުހައްމަދު ސައީދު ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
ދޭން އުޅުނު ހަމަލާތައް ނާކާމިޔާބު ކޮށްލުމަށްފަހު ފުލުހުން ހައްޔަރު ކުރި މީހުންގެ ތެރެއިން އިއުތިސާމްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުނު ކަމުގެ ކުށުގެ ދައުވާ އެވެ. އެ މައްސަލައިގެ ޝަރީއަތްތައް ނުފެށި އުޅެނިކޮށް 2018 ވަނަ އަހަރުގެ ތެރޭގައި ކޯޓުން ވަނީ އިއުތިސާމް ދޫކޮށްލައިފަ އެވެ.
އޭގެ ފަހުން އިއުތިސާމް ހައްޔަރުކޮށްފައި ވަނީ މޭ ހައެއްގެ ހަމަލާ އާއި ގުޅިގެން ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މިދިޔަ ޖޫން މަހު އައްޑޫ ސިޓީއިން ހައްޔަރުކުރި އަށް މީހުންނާ އެކީ އެވެ. އޭގެ ތެރެއިން ފަސް މީހުން ކްރިމިނަލް ކޯޓުން ދޫކޮށްލުމުން ހައިކޯޓުން ވަނީ އެމީހުން ބަންދުކުރުމަށް އަމުރުކޮށްފަ އެވެ.
އެފަހަރު ބަންދުކުރުމަށްފަހު އިއުތިސާމްގެ ބަންދަށް ކޯޓުން ދީފައި ވަނީ 30 ދުވަހުގެ މުއްދަތެކެވެ. މިއަދު ކޯޓުގައި ބަންދު މުރާޖައާ މަޖިލީހުގައި ގާޒީ ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. ބަންދުކޮށްފައި ވަނީ އައިއީޑީ ގޮއްވައިލަން އުޅުނު މައްސަލައިގަ އެވެ.
އެ މައްސަލައިގެ ބާވަތުން މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަދި މި މައްސަލައިގައި ކުރިއަށް ދަނީ އިބްތިދާއީ މަރުހަލާ އެވެ.
ފުލުހުން 2017 ވަނަ އަހަރު މއ. ކިނާރާހައުސް އާއި އެގޭގެ ކުރިމަތިން އޮންނަ އެނބޫގޯޅީގައި ހުރި އެޓިކް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ބިދޭސީ ރެކްރޫޓް އެޖެންސީއެއްގެ އޮފީހާއި ހަމަ އެ ސަރަހައްދުގައި ހުރި މއ. ނަމޫނާގެ ބަލައި ފާސްކުރި އިރު ޓީއެންޓީ ނޫނީ ގޮވާތަކެތި އުފައްދަން ބޭނުން ކުރާ ކެމިކަލް ގިނަ އަދަދަކަށް ވަނީ އަތުލައިގެންފަ އެވެ. އެޓިކް ޕްރައިވެޓް ލިމިޓެޑްގެ އޮފީސް ތެރެއިން ބޮން ހަދަން ބޭނުން ކުރާ ކެމިކަލްގެ ގާތްގަނޑަކަށް 10 ކިލޯ ފުލުހުން ވަނީ ހޯދާފަ އެވެ.
އެތަކެތި ހުރީ ދަޅުދަޅާއި ފުޅި ފުޅިއަށް އަޅައިފަ އެވެ. އަދި ބޮން ހަދަން ބޭނުން ކުރާ ވަޔަރުތަކާއި ޕްރެޝަރު ކްކަރާއި ފޯނުތަކެއް ވެސް ފުލުހުން އެތަނުގެ ތެރެއިން ގެންދިޔަ ހެކިތަކުގެ ތެރޭގައި ހިމެނެ އެވެ. -- ދެހާސް ތޭރަ ވަނަ އަހަރު ބޮސްޓަން މެރެތަންގައި ދިން ބޮމުގެ ހަމަލާގައި ވެސް ބޭނުން ކޮށްފައިވާ ބޮން ވެސް ހަދާފައި ވަނީ ޕްރެޝަރު ކުކަރެއްގެ ތެރެއަށް ގޮވާ އެއްޗިހި އަޅައިގެންނެވެ.