ހަބަރު

ބޮން ގޮއްވަން އުޅުނު މައްސަލާގެ ޝަރީއަތް ސިއްރު

ބޮން ހަދައި އެތަކެތި މާލޭގެ އެކި ތަންތަނުގައި ގޮއްވާލަން ރޭވިކަމުގެ ތުހުމަތުގައި ދައުވާކޮށްފައިވާ ހަތަރު މީހުންގެ ޝަރީއަތް ދައުލަތުގެ އެދުމުގެ މަތިން ކުރިމިނަލް ކޯޓުން ސިއްރުކޮށްފި އެވެ.

މިއަދު މި މައްސަލާގައި އޮތީ މައްސަލަ ކުރިމިނަލް ކޯޓުގައި ފެށުމަށް ބާއްވާ އަޑުއެހުމެވެ. މައްސަލާގައި ދައުވާކޮށްފައިވަނީ، ގދ. މަޑަވެލި ގަމަރީ، އިއުތިސާމް މުހައްމަދު ސައީދާއި ހއ. ހޯރަފުށީ ވިދުވަރުގެ ނާސިއު މުހައްމަދާއި ހދ. ނައިވާދޫ ރިވެލި ޝިމާން ޝަރީފާއި ހއ. ހޯރަފުށީ އަލަނާސީގެ މުހައްމަދު ތަސްލީމެވެ.

އެ ހަތަރު މީހުންގެ މައްޗަށް ކުރަނީ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާ އެވެ.

މއ. ކިނާރާހައުސް އާއި އެގޭގެ ކުރިމަތިން އޮންނަ އެނބޫގޯޅީގައި ހުރި އެޓިކް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ބިދޭސީ ރެކްރޫޓް އެޖެންސީއެއްގެ އޮފީހާއި ހަމަ އެ ސަރަހައްދުގައި ހުރި މއ. ނަމޫނާގެ ފުލުހުން މި މައްސަލާގައި ބަލައި ފާސްކުރި އެވެ. އަދި ޓީއެންޓީ ނޫނީ ގޮވާތަކެތި އުފައްދަން ބޭނުން ކުރާ ކެމިކަލް ކަމަށް ބުނާ ގިނަ އަދަދެއްގެ ތަކެތި ވަނީ އަތުލައިގެންފަ އެވެ.

އެނގިފައިވާ ގޮތުގައި އެޓިކް ޕްރައިވެޓް ލިމިޓެޑްގެ އޮފީހުގެ ދޮރު ވައްޓާލައިގެން ފުލުހުން އެރޭ އެތަނަށް ވަންއިރު އެތަނުން ހައްޔަރު ކުރި ސޮފްޓްވެއާ ޑިވަލޮޕަރެއް ކަމަށްވާ، އިއުތިސާމް މުހައްމަދު ސައީދު (އެޕިކް) އާއި އޭނާއާ އާއިލީ ގޮތުން ގުޅުން އޮންނަ ދެ މީހަކު ވެސް އޭރު ގޮވާ ތަކެތި ތައްޔާރު ކުރަން އެތަނުގެ ތެރޭގައި މަސައްކަތްތަކެއް ކުރަމުން ދިޔަ ކަމަށް ފުލުހުން ތުހުމަތު ކުރެ އެވެ.

ދޮރު ވައްޓާލައިގެން ވަން އިރު އެ މީހުންގެ ތިބީ އެތާނގެ ތެރޭގަ އެވެ. "އެޕިކްލޫޒާ" ގެ ނަމުގައި ޓްވިޓާގައި ވެސް ހަރަކާތްތެރިވާ އިއުތިސާމް، އަކީ ޓެރަރިސްޓް ޖަމާއަތް، އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ވާގިދޭ ގޮތަށް ހިޔާލު ފާޅު ކުރި ފަރާތެކެވެ. އެކަމާ ހުރެ ޓްވިޓާ އިން އޭނާގެ ހޭންޑުލް ބްލޮކް ވެސް ކުރި އެވެ.

އެޓިކް ޕްރައިވެޓް ލިމިޓެޑްގެ ވެރިފަރާތް އިއުތިސާމްގެ ބައްޕަ އެރޭ، "އަވަސް" އަށް ބުނި ގޮތުގައި އެތަނުން ވަޔަރުތަކަކާއި ފުޅިތަކަކަށް އަޅާފައި ހުރި އެއްޗިހިތަކެއް ފުލުހުން ގެންދިޔަ އެވެ.