ހަބަރު

މާފަންނުއާގޭގެ ބިމާއެކު މާލޭގެ 19 ބިމެއް ވިއްކަނީ

ސުޕްރީމް ކޯޓު ކުރިމަތިން އޮންނަ މާފަންނުއާގޭގެ ބިން ހިމެނޭ ގޮތަށް މާލެއިން 19 ބިމެއް އެންމެ ބޮޑު އަގު ހުށަހަޅާ ފަރާތަކަށް ވިއްކަން ހައުސިން މިނިސްޓްރީން މިއަދު އިއުލާނުކޮށްފި އެވެ.

ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އޯކިޑްމަގާވީ ދިމާލުން މާފަންނުއާގެއިން ދައުލަތަށް ނެގި ބިން ކަމަށްވާ، މ. ދަންޑެހެލުގެއިން ތިން ގޯއްޗާއި، ބޮޑުތަކުރުފާނު މަގުގައި ކުރީގެ ކުނިކޮށި ހުރިތަކުން ހަ ގޯތި އަދި އެ މަގުގައި ވިލާ ކޮލެޖާ ޖެހިގެން ހުޅަނގަށް ހުންނަ އެސްޓީއޯއިން ރެޑީ މިކްސް ކޮންކްރީޓް ތައްޔާރުކުރާ 378 ނަންބަރު ކޮށިން 10 ގޯތި ވިއްކުމަށް ނިންމާފައިވާ ކަމަށެވެ.

މާފަންނުއާގެ އިން 2،678 އަކަފޫޓު ދައުލަތަށް ނަގަން ހައުސިން މިނިސްޓްރީން ސިވިލް ކޯޓަށް މީގެ ކުރިން މައްސަލައެއް ހުށަހެޅި އެވެ. އަދި އެ ބިމުން 12،000 އަކަފޫޓު ކުރިން ވެސް އޮތީ ބަދަލު ދިނުމަށް ފަހު ދައުލަތަށް ނަގައިފަ އެވެ.

ބިން ގަންނަން ބޭނުންވާ ފަރާތްތަކުން މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށް ޕްރޮޕޯސަލް ހުށަހަޅަން އިއުލާނުގައި ބުނެފައިވެ އެވެ. ޕްރޮޕޯސަލް ބަލައިގަތުން އެ ދުވަސްތަކުގެ ހެނދުނު 8:30 އިން މެންދުރު 1:30 ގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.

ބިން ވިއްކަން ހަމަޖެހިފައިވާ އަގުތަކުގެ ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ. އެ ބިންތަކުގެ ސައިޒާއި އެ ބިންތައް ވިއްކާ އަގާ ގުޅޭ ގޮތުން އެކުލަވާލާފައިވާ މައުލޫމާތު ކަރުދާސް މާދަމާއިން ފެށިގެން ރަސްމީ ގަނޑީގައި މިނިސްޓްރީގެ ކައުންޓަރުން ދޫކުރާނެ ކަމަށް އިއުލާނުގައިވެ އެވެ. އެމިނިސްޓްރީން ކުރި އިއުލާނުގައި އިތުރަށް ބުނެފައިވަނީ ބިން ވިއްކުމަށް ކަނޑައެޅިފައިވާ ޕްލޮޓްތަކަށް، ބީލަމުގެ އުސޫލުން، އަގުހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.