ރައީސް އަބްދުﷲ ޔާމީންއާ ގުޅޭ ގޮތުން ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން އިދިކޮޅު ފަރާތްތަކުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅާފައިވާ މައްސަލަތައް ބެލުމުގައި އެ ކޮމިޝަނުން އިހުމާލުވެފައިވާކަމަށް ބުނެ އެ ކޮމިޝަންގެ މެންބަރުންގެ މައްސަލަ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)އަށް ހުށަހަޅަން ނިންމައިފި އެވެ. މީގެއިތުރުން ފުލުހުންގެ މައްސަލަ ވެސް އެންއައިސީއަށް ހުށަހަޅަން ވަނީ ނިންމާފަ އެވެ.
އިދިކޮޅު ޕާޓީތަކުގެ ފަރާތުން މިއަދު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހިސާން ހުސެއިން ވިދާޅުވީ، ރައީސްއަށް އެކި ތުހުމަތުތައް ކުރެވޭތީ އިދިކޮޅު ފަރާތްތަކުންނާއި އަމިއްލަ ފަރާތްތަކުން ވެސް އޭސީސީއަށާއި ފުލުހަށް މައްސަލަތައް ހުށަހަޅާފައިވާ ކަމަށެެވެ. ނަމަވެސް އޭސީސީގެ މެންބަރުންނާއި ފުލުހުން މި މައްސަލަތައް ބަލައި ތަހުގީގުކޮށްފައިނުވާ ކަމަށް ހިސާން ތުހުމަތު ކުރެއްވި އެވެ.
"އަޅުގަނޑުމެން ކިތައް ފަހަރުތޯ މުއައްސަސާތަކަށް ހުށަހަޅަންވީ ރައީސް ޔާމީނާ ގުޅޭ ގޮތުން ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތައް ބަލަން، ފުލުހުންގެ ބޭފުޅުންނާއި އޭސީސީގެ މެންބަރުން މި މައްސަލަތައް ގަސްދުގައި ނުބަލާ ދިގުދަންމަމުންދާ މައްސަލަ ނޭޝަނަލް އިންޓިގްރިޓީ ކޮމިޝަނަށް ހުށަހަޅާނަން،" ހިސާން ވިދާޅުވި އެވެ.
ފުލުހުންނާއި އޭސީސީގެ މެންބަރުންގެ މައްސަލަ އެންއައިސީއަށް ހުށަހަޅަން ނިންމާފައިވާއިރު ރައީސް ޔާމީނަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތައް ބަލައި ދިނުމަށް އަނެއްކާވެސް މައްސަލަ ފުލުހަށާއި އޭސީސީއަށް ހުށަހަޅަން އިދިކޮޅު ފަރާތްތަކުން ވަނީ ނިންމާފަ އެވެ. އެ މައްސަލަތައް މާދަމާ ހުށަހަޅާނެ ކަމަށް ހިސާން ވިދާޅުވި އެވެ.
ހިސާން ވިދާޅުވީ، ރައީސް ދައްކަވާ ވާހަކަފުޅުތަކުން އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ފައިސާއަށްވީ ގޮތް ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާކަން އެނގޭ ކަމަށެވެ. އެހެންކަމުން އޭގެ ހިސާބުތައް ރައީސް ޔާމީން ހާމަކުރައްވަންޖެހޭނެ ކަމަށާއި އެ ފައިސާތައް ބެހީ ކޮން ބަޔަކަށް ކިހާ ވަރަކަށްތޯ ބުނެދޭން ޖެހޭނެ ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.
ބޮޑެތި ކޮރަޕްޝަންގެ ތުހުމަތުތައް ރައީސް ޔާމީނަށް ކުރެވޭއިރު، އެ މައްސަލަތައް މުއައްސަސާތަކުން ނުބެލުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.
"މުއައްސަސާތަކަށް އަޅުގަނޑުމެން މި ގޮވާލަނީ ގާނޫނީ ގޮތުން އެމަނިކުފާނު ޖަވާބުދާރީކުރުވާށޭ، ހަލާލު ނޫން ފައިސާ ވަތް ކަމާއި މި ކޮރަޕްޝަންގެ ފައިސާ ބޭނުން ކުރެއްވި ކަމަށް އެމަނިކުފާނު އެބަ ވިދާޅުވޭ،" ހިސާން ވިދާޅުވި އެވެ.
ޕީޕީއެމްގެ ބޮޑު ޖަގަހައެއް މާލޭ ހިޔާ ހުސް ބިމުގައި ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ، ކުރީގައި ވަރަށް އަރިސް އަހުމަދު އަދީބު ގެންގުޅުއްވީ ހަލާލު ނޫން ފައިސާކަން މިހާރު އެނގިވަޑައިގަންނަވާ ކަމަށާއި އެހެންކަމުން އެމަނިކުފާނުގެ ގެކޮޅު ދޫވެއްސަށް ވެއްދި ފައިސާ ވެސް ވާނީ ހަލާލު ނޫން ފައިސާއަށް ކަމަށެވެ.
"ފައިސާ ވަދެފައިވަނީ ފޮށިފޮށީގައި ހަމައެކަނި ދޫވެސްއަކަށް ނޫން، ރައްޔިތުންގެ މަޖިލީހަށް އޭރު ކޮންމެހެން ވެސް ހޮވަން އަޅުގަނޑުމެން ބޭނުންވި ބޭފުޅުންނަށް ހަރަދުކޮށްފަ ހުންނާނީ އަހުމަދު އަދީބު، އެހެންވީމަ އަޅުގަނޑުމެންގެ ގެއަށް ވަތް ފައިސާ ޝައްކެއް ނެތް ގޮތުގައި ހަލާލެއް ނޫން، މި ދެންނެވި މެންބަރުން ވެސް މިކަން ގަބޫލު ކުރެވޭނަމަ އަވަހަށް މަގާމުން ދުރަށް ވަޑައިގަންނަވާ،" ރައީސް ވިދާޅުވި އެވެ.