ހަބަރު

ރައީސް ދެއްކެވި ފައިސާގެ ވާހަކަ ތަރުޖަމާނު "ތަރުޖަމާކޮށްދީފި"

އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާ ގުޅޭ ގޮތުން ރޭ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅު ރައީސްގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ތަރުޖަމާކޮށްދެއްވައިފި އެވެ. އެކަމާ ގުޅޭގޮތުން މުއާޒް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ދެއްކެވި ވާހަކަފުޅު އިދިކޮޅު ފަރާތްތަކުން އޮޅުވާލަމުން ގެންދާ ކަމަށާއި އެމަނިކުފާނު އިޝާރާތް ކުރެއްވީ އަލްޖަޒީރާގެ ސްޓީލިން ޕެރެޑައިސް ޑޮކިއުމެންޓްރީ އަށް ކަމަށެވެ.

މުއާޒް އިތުރަށް ވިދާޅުވީ ރައީސް ރޭ ވިދާޅުވީ އެ ޑޮކިއުމަންޓްރީގައި އެމަނިކުފާނާ މެދު ބުނާ ބުނުމެއް، ހަމައެގޮތަށް ވިދާޅުވުމަށްފަހު، އޭގައި ބުނާ ވާހަކައިން ސުވާލު އުފެއްދެވުމުގެ ގޮތުން ކަމަށެވެ.

ޕީޕީއެމްގެ ބޮޑު ޖަގަހައެއް މާލޭ ހިޔާ ހުސް ބިމުގައި ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ، ކުރީގައި ވަރަށް އަރިސް އަހުމަދު އަދީބު ގެންގުޅުއްވީ ހަލާލު ނޫން ފައިސާކަން މިހާރު އެނގިވަޑައިގަންނަވާ ކަމަށާއި އެހެންކަމުން އެމަނިކުފާނުގެ ގެކޮޅު ދޫވެއްސަށް ވެއްދި ފައިސާ ވެސް ވާނީ ހަލާލު ނޫން ފައިސާއަށް ކަމަށެވެ.

"ފައިސާ ވަދެފައިވަނީ ފޮށިފޮށީގައި ހަމައެކަނި ދޫވެސްއަކަށް ނޫން، ރައްޔިތުންގެ މަޖިލީހަށް އޭރު ކޮންމެހެން ވެސް ހޮވަން އަޅުގަނޑުމެން ބޭނުންވި ބޭފުޅުންނަށް ހަރަދުކޮށްފަ ހުންނާނީ އަހުމަދު އަދީބު، އެހެންވީމަ އަޅުގަނޑުމެންގެ ގެއަށް ވަތް ފައިސާ ޝައްކެއް ނެތް ގޮތުގައި ހަލާލެއް ނޫން، މި ދެންނެވި މެންބަރުން ވެސް މިކަން ގަބޫލު ކުރެވޭނަމަ އަވަހަށް މަގާމުން ދުރަށް ވަޑައިގަންނަވާ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ގިނަ މެންބަރުންތަކެއް ވަނީ މަޖިލީހުގެ މެންބަރު ކަމަށް ވަޑައިގަތުމަށް އަދީބުގެ އެހީ ހޯދައި އަދީބުގެ ފައިސާ ބޭނުންކޮށްފައި ކަމަށެވެ. ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ފައިސާ ބޭނުންކޮށްގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް އިންތިހާބުވެވަޑައިގަތް ހުރިހާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިސްތިއުފާދީ، އަމިއްލަ މަސައްކަތްތަކުން އަލުން އިންތިހާބުވެގެން ވަޑައިގަތުމަށް ވެސް ރައީސް ގޮވާލެއްވި އެވެ.

"އެބަ ތުހުމަތުކުރޭ އަދީބުގެ ފައިސާއިން އަޅުގަނޑަށް ބައެއް ލިބުނު ކަމަށް، އާނ! އަލްޖަޒީރާއިން ވެސް ފެނުނީ އަޅުގަނޑުގެ ގެއަށް ފޮށިތައް ވައްދާތަން، މި ނޫން އެހެން އެއްވެސް އެއްޗެއް އަލްޖަޒީރާއަށް ވެސް ނުފެނުނު، އެހެންވީމަ އަޅުގަނޑުގެ އަބުރު ސަލާމަތް ކުރުމަށްޓަކައި ވެސް މި ފައިސާ އެބަ ދައުލަތަށް ވަންނަންޖެހޭ،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅާ ބެހޭގޮތުން އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތައް ދޮގުކޮށް ޕީޕީއެމުންވެސް މިއަދު ވަނީ ނޫސް ބަޔާނެއް ނެރެފަ އެެވެ. ޕީޕީއެމްއިން ބުނީ، އެ ވާހަކަފުޅު އޮޅުވާލަމުން ދަނީ ގައުމަށް ހެޔޮ ނޭދޭ ބަޔަކު ކަމަށެވެ.