ހަބަރު

ރައީސްގެ "ހަލާލު ނޫން ފައިސާ"ގެ ވާހަކަ ދަނީ އޮޅުވާލަމުން: ޕީޕީއެމް

އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާ ގުޅޭ ގޮތުން ރޭ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅު އޮޅުވާލަމުންދާ ކަމަށް ޕީޕީއެމްއިން ބުނެފި އެވެ. ޕީޕީއެމްއިން ބުނީ، އެ ވާހަކަފުޅު އޮޅުވާލަމުން ދަނީ ގައުމަށް ހެޔޮ ނޭދޭ ބަޔަކު ކަމަށެވެ.

ރައީސްގެ ވާހަކަފުޅާ ގުޅިގެން ދައްކަމުންދާ ވާހަކަތައް ކުށްވެރިކޮށް އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "އަޅުގަނޑުމެންގެ ގެއަށް ވަތް ފައިސާ ޝައްކެއް ނެތް ގޮތުގައި ހަލާލެއް ނޫން،" ކަމަށް ރައީސް ޔާމީން ވިދާޅުވި ބަސްފުޅުގެ މާނަ އޮޅުވާލާފައިވާ ކަމަށެވެ.

"އެމަނިކުފާނުގެ އެ ވާހަކަފުޅު ގެންނަވާފައިވަނީ ރާއްޖޭގެ އިދިކޮޅު ފަރާތްތަކުން ފަންޑުކޮށްގެން އަލްޖަޒީރާގައި މިހާރު މަސައްކަތް ކުރާ ވިލް ޖޯޑަން ހެދި ސީޓިލިން ޕެރެޑައިސް ރިޕޯޓާ ގުޅުވައިގެން، މި ދެންނެވި ވިލް ޖޯޑަންއަކީ ރައީސް ނަޝީދުގެ ވެރިކަމުގައި ދިވެހި ރައްޔިތުންނާމެދު ހިންގި ލާއިންސާނީ އަމަލުތަކަށް ފަސްއަޅާ ޕްރޮޕެގެންޑާ ފެތުރުމަށް ރައްޔިތުންގެ ފައިސާއިން ބޮޑު މުސާރައެއް ދީފައި ރައީސް އޮފީހުގެ މަސައްކަތަށް ގެނެސްފައި ހުރި މީހެއް،" ބަޔާނުގައި ބުނެފައިވެ އެވެ.

ބަޔާނުގައި ބުނީ، ރައީސްގެ އެ ވާހަކަފުޅަކީ ސްޓީލިން ޕެރެޑައިސްގައި ބުނެފައިވާ ގޮތަށް އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ފައިސާއަކީ ހަލާލު އެއްޗަކަށް ނުވާނަމަ އަދީބުގެ ފަރާތުން ފައިސާ ލިބިފައިވީ ފަރާތްތަކަށް ލިބިފައިވާ ފައިސާއަކީ ހަލާލު އެއްޗެއްތޯ ސުވާލު އުފައްދަމުން ގެންނެވި ވާހަކަފުޅެއްކަން އެމަނިކުފާނުގެ ބަސްފުޅު އެއްކޮށް އަޑުއަހާލުން ހާމަވާ ކަމަށެވެ.

ޕީޕީއެމްގެ ބޮޑު ޖަގަހައެއް މާލޭ ހިޔާ ހުސް ބިމުގައި ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ، ކުރީގައި ވަރަށް އަރިސް އަހުމަދު އަދީބު ގެންގުޅުއްވީ ހަލާލު ނޫން ފައިސާކަން މިހާރު އެނގިވަޑައިގަންނަވާ ކަމަށާއި އެހެންކަމުން އެމަނިކުފާނުގެ ގެކޮޅު ދޫވެއްސަށް ވެއްދި ފައިސާ ވެސް ވާނީ ހަލާލު ނޫން ފައިސާއަށް ކަމަށެވެ.

"ފައިސާ ވަދެފައިވަނީ ފޮށިފޮށީގައި ހަމައެކަނި ދޫވެސްއަކަށް ނޫން، ރައްޔިތުންގެ މަޖިލީހަށް އޭރު ކޮންމެހެން ވެސް ހޮވަން އަޅުގަނޑުމެން ބޭނުންވި ބޭފުޅުންނަށް ހަރަދުކޮށްފަ ހުންނާނީ އަހުމަދު އަދީބު، އެހެންވީމަ އަޅުގަނޑުމެންގެ ގެއަށް ވަތް ފައިސާ ޝައްކެއް ނެތް ގޮތުގައި ހަލާލެއް ނޫން، މި ދެންނެވި މެންބަރުން ވެސް މިކަން ގަބޫލު ކުރެވޭނަމަ އަވަހަށް މަގާމުން ދުރަށް ވަޑައިގަންނަވާ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ގިނަ މެންބަރުންތަކެއް ވަނީ މަޖިލީހުގެ މެންބަރު ކަމަށް ވަޑައިގަތުމަށް އަދީބުގެ އެހީ ހޯދައި އަދީބުގެ ފައިސާ ބޭނުންކޮށްފައި ކަމަށެވެ. ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ފައިސާ ބޭނުންކޮށްގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް އިންތިހާބުވެވަޑައިގަތް ހުރިހާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިސްތިއުފާދީ، އަމިއްލަ މަސައްކަތްތަކުން އަލުން އިންތިހާބުވެގެން ވަޑައިގަތުމަށް ވެސް ރައީސް ގޮވާލެއްވި އެވެ.

"އެބަ ތުހުމަތުކުރޭ އަދީބުގެ ފައިސާއިން އަޅުގަނޑަށް ބައެއް ލިބުނު ކަމަށް، އާނ! އަލްޖަޒީރާއިން ވެސް ފެނުނީ އަޅުގަނޑުގެ ގެއަށް ފޮށިތައް ވައްދާތަން، މި ނޫން އެހެން އެއްވެސް އެއްޗެއް އަލްޖަޒީރާއަށް ވެސް ނުފެނުނު، އެހެންވީމަ އަޅުގަނޑުގެ އަބުރު ސަލާމަތް ކުރުމަށްޓަކައި ވެސް މި ފައިސާ އެބަ ދައުލަތަށް ވަންނަންޖެހޭ،" ރައީސް ވިދާޅުވި އެވެ.