ބަޔަކު މާލޭގެ އެކި ތަންތަން ގޮއްވާލަން ރާވައި ދޭން އުޅުނު ނުރައްކާތެރި ބޮމުގެ ހަމަލާއެއް ފުލުހުން ނާކާމިޔާބު ކޮށްލައިފި އެވެ. މ ހަމަލާ ނާ ކާމިޔާބުކޮށްލައި އިންވެސްޓިގޭޝަނެއް ފަށައިގެން ކުރިޔަށްދިޔަ ނަމަވެސް މިކަމާ ބެހޭ ގޮތުން ފުލުހުންގެ އިދާރާއިން އެއްވެސް އެއްޗެއް ބުނެއެއް ނުދެ އެވެ.
ފުލުހުން ހޯމަ ދުވަހުގެ ރޭ މާލޭގައި ފެށި ހާއްސަ އޮޕަރޭޝަނެއްގައި އެރޭ ޕީޓްރަލް ސަރަހައްދުގައި ހުރި ތިން އިމާރާތެއް ފާސްކޮށް ބައެއް ތަކެއްޗާއެކު ހައްޔަރުކޮށްފައި ވަނީ މާލޭގެ ފަސް ތަނެއްގައި ބޮމުގެ ހަމަލާތަކެއް ދިނުމަށް ތައްޔާރީތައް ވަމުން ދިޔަ ބައެއްކަން "އަވަސް" އަށް ވަނީ ކަށަވަރުވެފަ އެވެ. އެ މީހުންގެ މުއްދަތު ވެސް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ޖަހައިފަ އެވެ.
ހޯމަ ދުވަގެ ރޭގެ ވަގުތެއްގައި މއ. ކިނާރާހައުސް އާއި އެގޭގެ ކުރިމަތިން އޮންނަ އެނބޫގޯޅީގައި ހުރި އެޓިކް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ބިދޭސީ ރެކްރޫޓް އެޖެންސީއެއްގެ އޮފީހާއި ހަމަ އެ ސަރަހައްދުގައި ހުރި މއ. ނަމޫނާގެ ފުލުހުން ބަލައި ފާސްކުރި އިރު ޓީއެންޓީ ނޫނީ ގޮވާތަކެތި އުފައްދަން ބޭނުން ކުރާ ކެމިކަލް ގިނަ އަދަދަކަށް ވަނީ އަތުލައިގެންފަ އެވެ. ކަށަވަރުވެފައިވާ ގޮތުގައި އެޓިކް ޕްރައިވެޓް ލިމިޓެޑްގެ އޮފީސް ތެރެއިން ބޮން ހަދަން ބޭނުން ކުރާ ކެމިކަލްގެ ގާތްގަނޑަކަށް 10 ކިލޯ ފުލުހުން ވަނީ ހޯދާފަ އެވެ.
އެތަކެތި ހުރީ ދަޅުދަޅާއި ފުޅި ފުޅިއަށް އަޅައިފަ އެވެ. އަދި ބޮން ހަދަން ބޭނުން ކުރާ ވަޔަރުތަކާއި ޕްރެޝަރު ކްކަރާއި ފޯނުތަކެއް ވެސް ފުލުހުން އެތަނުގެ ތެރެއިން ގެންދިޔަ ހެކިތަކުގެ ތެރޭގައި ހިމެނެ އެވެ. -- ދެހާސް ތޭރަ ވަނަ އަހަރު ބޮސްޓަން މެރެތަންގައި ދިން ބޮމުގެ ހަމަލާގައި ވެސް ބޭނުން ކޮށްފައިވާ ބޮން ވެސް ހަދާފައި ވަނީ ޕްރެޝަރު ކުކަރެއްގެ ތެރެއަށް ގޮވާ އެއްޗިހި އަޅައިގެންނެވެ.
ފުލުހުން ޕީޓްރަލް ކައިރީގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަން ކަވަރު ކުރި "އަވަސް" ގެ ނޫސްވެރިންނަށް ވެސް ވަނީ އެ ރޭ މެންދަމު ހެކީގެ ގޮތުގައި އެއްޗިހިތަކެއް ފުލުހުން ގެންދިޔަތަން ފެނިފަ އެވެ. އެތަންތަން ފާސްކުރަން ފުލުހުން ހޯދި ކޯޓް އަމުރުގައި ވެސް ބުނެފައި ވަނީ، އެތަންތަން ފާސް ކުރަނީ ރާއްޖޭގެ ގައުމީ ސަލާމަތާއި އަމަނަށް ނުރައްކާވާ ފަދަ އަމަލުތަކެއް ރާވާ ހިންގަން ބަޔަކު މަސައްކަތް ކުރުމުގެ ތުހުމަތުގައި ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެޓިކް ޕްރައިވެޓް ލިމިޓެޑްގެ އޮފީހުގެ ދޮރު ވައްޓާލައިގެން ފުލުހުން އެރޭ އެތަނަށް ވަންއިރު އެތަނުން ހައްޔަރު ކުރި ސޮފްޓްވެއާ ޑިވަލޮޕަރެއް ކަމަށްވާ، އިއުތިސާމް މުހައްމަދު ސައީދު (އެޕިކް) އާއި އޭނާއާ އާއިލީ ގޮތުން ގުޅުން އޮންނަ ދެ މީހަކު ވެސް އޭރު ގޮވާ ތަކެތި ތައްޔާރު ކުރަން އެތަނުގެ ތެރޭގައި މަސައްކަތްތަކެއް ކުރަމުން ދިޔަ ކަމަށް ފުލުހުން ތުހުމަތު ކުރެ އެވެ.
ދޮރު ވައްޓާލައިގެން ވަން އިރު އެ މީހުންގެ ތިބީ އެތާނގެ ތެރޭގަ އެވެ. "އެޕިކްލޫޒާ" ގެ ނަމުގައި ޓްވިޓާގައި ވެސް ހަރަކާތްތެރިވާ އިއުތިސާމް، އަކީ ޓެރަރިސްޓް ޖަމާއަތް، އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ވާގިދޭ ގޮތަށް ހިޔާލު ފާޅު ކުރި ފަރާތެކެވެ. އެކަމާ ހުރެ ޓްވިޓާ އިން އޭނާގެ ހޭންޑުލް ބްލޮކް ވެސް ކުރި އެވެ.
އެޓިކް ޕްރައިވެޓް ލިމިޓެޑްގެ ވެރިފަރާތް އިއުތިސާމްގެ ބައްޕަ އެރޭ، "އަވަސް" އަށް ބުނި ގޮތުގައި އެތަނުން ވަޔަރުތަކަކާއި ފުޅިތަކަކަށް އަޅާފައި ހުރި އެއްޗިހިތަކެއް ފުލުހުން ގެންދިޔަ އެވެ.
އެޕިކް މީގެ ކުރިން އޭނާ ސީރިއާއަށް ދާން މަސައްކަތް ކުރި ކަމަށް އަޑުތައް ވެސް ފެތުރިފައިވެ އެވެ. އެހެން ނަމަވެސް އެކަން ކަށަވަރެއް ނުކުރެވުނެވެ. އެނގިފައިވާ ގޮތުގައި ފުލުހުން ތުހުމަތު ކުރަނީ، އެ މީހުން ރޭވީ ވެލާނާގެ ހިމެނޭ ގޮތަށް މާލޭގައި މީހުން ގިނައިން އެއްވާ ފަސް ތަނެއްގައި ބޮމުގެ ހަމަލާތަކެއް ދޭށެވެ. އެގޮތުން ޕިކަޕެއްގައި ބޮން ހަރުކޮށް މާރުކޭޓް ސަރަހައްދުގައި ބޮން ގޮއްވާލަން ވެސް އެ މީހުންގެ ޕްލޭންގައި އޮތް ކަމަށް އިންޓެލިޖެންސުން ތުހުމަތުކޮށްފައިވެ އެވެ.
މިފަދަ ހަމާލާތަކެއްގެ ފުލުހުން ނާކާމިޔާބުކޮށްލާފައިވާއިރު 2005 ވަނަ އަހަރު މާލޭގެ ސަލްޓަންޕާކްގައިވެސް ވަނީ ބޮމެއް ގޮއްވާލައި އިތުރުން ގޮއްވުންތަކެއް ގޮއްވަން ރޭވި ބަޔަކު އަތުލައިގެންފަ އެވެ. އެމީހުންގެ މައްޗަށް ޝަރީއަތް ހިންގައި ޖަލަށް ލާފައި ވަނިކޮށް އެމީހުން މިނިވަން ކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. ނަމަވެސް އޭގެ ތެރެއިން ބައެއް މީހުން ފަހުން ވަނީ ރާއްޖެ ދޫކޮށް ސީރިއަށް ގޮސްފައެވެ.
ދިވެހި ސަރުކާރުން ބުނާ ގޮތުގައި ހައްދުފަހަނައެޅި ފިކުރުމުގައި ޖެހިގެން ސީރިއާއަށް މިހާރުވެސް ދިވެހި 60 އެއްހާ މީހުން ވަނީ ގޮސްފަ އެވެ. އޭގެ ތެރޭގައި ހިމެނޭ ކުޑަކުދިންނާއި އަންހެނުން ވަނީ ތާށިވެ ރާއްޖެ ނާދެވިފަ އެވެ. ބައެއް ދިވެހިން އައިއެސްއާ ގުޅޭ އިރު އަނެއް ބަޔަކު ގުޅެނީ، އަލްގައިދާގެ މެދުއިރުމަތީގެ ގޮފި ޖަބުހަތުއް ނުސްރާ ނޫނީ ނުސްރާ ފުރޮންޓް ޖަމާއަތާ އެވެ.