ފޭސްބުކް އެކައުންޓްތަކެއް މެދުވެރިކޮށް އެމެރިކާގެ ޓެރެރިސްޓުންތަކެއްގެ އަތުން ފައިސާ ހޯދި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލާފައިވާ ހދ. ނޭކުރެންދޫ ޝާޒިން، މުހައްމަދު މުނާޒް އެ ޕޯސްޓްތައް ކޮށްފައިވާ ކަމާމެދު ދިފާއުން ސުވާލު އުފައްދައިފި އެވެ.
މި މައްސަލައިގައި މިއަދު ކުރިއަށް ގެންގޮސްފައި ވަނީ ހުލާސާ ބަޔާން އިއްވުމުގެ އަޑުއެހުމެވެ.
މުނާޒްގެ މައްޗަށް 2019 ވަނަ އަހަރު ދައުލަތުން ދައުވާކުރީ "އަބޫ ޔޫސުފް" އާއި "އަބޫ މިޝްކާ"ގެ ނަމުގައި ހުޅުވާފައިވާ ފޭސްބުކް އެކައުންޓްތަކަކުން އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ޓެރަރިޒަމަށް ހިތްވަރުދޭ ބަޔަކާ މުއާމަލާތްކޮށް ފައިސާ ހޯދާފައިވާ މައްސަލައެއްގަ އެވެ.
އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ކުށުގެ ދައުވާ އެވެ. އޭނާ އެ ފައިސާ ހޯދާފައިވަނީ ޓެރަރިސްޓް ޖަމާއަތަކަށް ފަންޑު ކުރަން ކަމަށް ވެސް ދައުލަތުން ވަނީ ތުހުމަތުކޮށްފަ އެވެ.
މި މައްސަލައިގެ ހުލާސާ ބަޔާން އިއްވަމުން ދިފާއީ ވަކީލް ހުސްނީ މުބާރަކް ވިދާޅުވެފައި ވަނީ މުނާޒް ފޭސްބުކަށް ވަންނަނީ އެކި މީހުންގެ ފޯނުން ކަމަށެވެ. އަދި ފަހުން އޭނާއަށް އަމިއްލަ އެކައުންޓަށް ލޮގިން ނުވެވޭ ކަމަށް ތަހުގީގުގައި ވެސް އޭނާ ބުނެފައިވާ ކަމަށެވެ. އެހެންކަމުން އެހެން މީހުންގެ ފޯނުން ފޭސްބުކަށް ވަންނައިރު އެއީ ސީދާ މުނާޒް ކޮށްފައިވާ ޕޯސްޓްތަކެއް ކަމާމެދު ޝައްކު އުފެދޭ ކަމަށެވެ. އަދި މުނާޒްގެ އަމިއްލަ ފޯނުން އެ އެކައުންޓްތަކަށް ލޮގިން ވެފައިވާކަން ފުލުހުން ހޯދާފައިނުވާކަން ވެސް ފާހަގަކުރެއްވި އެވެ.
ދައުލަތުގެ ވަކީލް އައިޝަތު މިލްނާ ވިދާޅުވެފައި ވަނީ "އަބޫ ޔޫސުފް" އެކައުންޓުން މުނާޒް އެކި ދުވަސްމަތިން ޓެރަރިޒަމަށް ހިތްވަރުދޭ ޕޯސްޓްތައް ކޮށްފައިވާ ކަމަށެވެ. އެގޮތުން އެ އެކައުންޓްގެ ކަވާ ފޮޓޯގައި ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އައިއެސްގެ ދިދަ ފެންނަ ފޮޓޯއެއް އަޕްލޯޑްކޮށްފައިވާ ކަމަށެވެ. އަދި ދިވެހި ދައުލަތާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ކުފުރުވެފައިވާ ބައެއްކަމަށް ބުނެ ޕޯސްޓްތައް ކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން ޖިހާދަށް ދިއުމަށް ހިތްވަރުދީ ޕޯސްޓްތައް ކޮށްފައިވާ ކަމަށެވެ.
އެކަމަކު މުނާޒްގެ ފަރާތުން އެކަންކަމަށް ވަނީ އިންކާރުކޮށްފަ އެވެ. ދިފާއުން އިތުރަށް ފާހަގަކޮށްފައި ވަނީ، ޓެރަރިސްޓެއް ކަމަށް ތުހުމަތުކޮށް އެމެރިކާއިން ހައްޔަރުކޮށްފައިވާ މީހެއް ކަމަށްވާ ލަޔަނަލް ވިލިއަމްސް ކިޔާ މީހެއްގެ އަތުންނާއި އައިއެސްއަށް ތާއީދުކުރާކަމަށް ތުހުމަތުކުރެވޭ ޕާކިސްތާނު މީހެއް ކަމަށްވާ މުހައްމަދު އިމްރާން ކިޔާ މީހެއްގެ އަތުން ވެސްޓާން ޔޫނިއަން މަނީ ޓްރާންސްފާ މެދުވެރިކޮށް ފައިސާ ހޯދާފައިވާ ޓްރާންސެކްޝަންތަކުގެ ތަފްސީލް ދައުލަތުން ހޯދާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. ކޯޓު އަމުރަކާ ނުލައި ފުލުހުންނާއި އެ ބޭންކާ ދެމެދު މުއާމަލާތް ނުހިންގޭނެ ކަމަށް ހުސްނީ މުބާރަކް ހުލާސާ ބަޔާން އިއްވަމުން ފާހަގަކުރެއްވި އެވެ.
ދައުލަތުން ބުނެފައި ވަނީ އެ ބޭންކަކީ ދިވެހިންނަށް ވެސް ހިދުމަތް ދޭ ބޭންކަކަށްވާއިރު އެ މައުލޫމާތު ފުލުހުން ހޯދާފައި ވަނީ ލިޔުމުން ހުށަހަޅައިގެން ކަމަށެވެ. އެ މައުލޫމާތުތައް ހޯދާފައި ވަނީ ގާނޫނީ އިމުގެ ތެރެއިން ފުލުހުންނަށް ލިބިދީފައިވާ އިހުތިޔާރުގެ ތެެރެއިން ކަމަށެވެ.
މުނާޒް ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު ވެސްޓާން ޔޫނިއަން މަނީ ޓްރާންސްފާގެ ސްލިޕްތަކެއް ފެނިފައިވާ ކަމަށާއި އެހެންކަމުން އެ މުއާމަލާތްތައް ކޮށްފައިވަނީ މުނާޒްއާކަން އެނގެން އޮތް ކަމަށް ވެސް ދައުލަތުން ވަނީ ބުނެފަ އެވެ. ނަމަވެސް ދިފާއީ ވަކީލް ވިދާޅުވެފައި ވަނީ އެ ބޭންކުން މުއާމަލާތް ކުރުމަކީ ކުށެއް ނޫން ކަމަށާއި، އެއީ ސީދާ ދައުލަތުން ފާހަގަކޮށްފައިވާ ޓެރަރިޒަމަށް ހިތްވަރުދޭކަމަށް ތުހުމަތުކުރާ މީހުންނާއެކު ކޮށްފައިވާ މުއާމަލާތްތަކެއްކަން ކަށަވަރު ނުވާ ކަމަށެވެ. އެހެންކަމުން އެކަން ވެސް ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ.
މީގެ ކުރީގެ އަޑުއެހުމެއްގައި މުނާޒްގެ ފަރާތުން ބުނެފައި ވަނީ އެ ފައިސާ ހޯދާފައި ވަނީ ސަލާން ޖަހާ އުސޫލުން ކަމަށެވެ.
މި މައްސަލައިގައި ދެން އޮންނާނީ ހުކުމް ކުރުމެވެ. ހުކުމް ކުރާ މަޖިލިސް އޮންނާނީ އަންނަ ޖެނުވަރީ 27 ވަނަ ދުވަހު ކަމަށް ގާޒީ އިސްމާއީލް ޝަފީއު ވަނީ ވިދާޅުވެފަ އެވެ.