އައްޑޫ ސިޓީ

ޓެރަރިޒަމްގެ ކުށުގައި އައްޑޫން ހައްޔަރުކުރި ތިން މީހަކު ދޫކޮށްލައިފި

Mar 30, 2022
2

އައްޑޫ ސިޓީގައި ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ތެރެއިން ތިން މީހުން ދޫކޮށްލައިފި އެވެ.

ފުލުހުން މިދިޔަ ހޯމަ ދުވަހު އައްޑޫގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އެ ސިޓީން އެ ދުވަހު ނުވަ މީހަކު ހައްޔަރު ކުރި އެވެ. އޭގެ ތެރެއިން ހަ މީހުންގެ ބަންދަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އިއްޔެ ހަތް ދުވަސް ޖަހާފައިވެ އެވެ.

ބާކީ ތިބި ތިން މީހުންނާ ގުޅޭ ގޮތުން އަވަސް އިން ސުވާލުކުރުމުން ފުލުހުން ބުނީ އެ މީހުން ދޫކޮށްލާފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގެ އެ ތިން މީހުން އިއްޔެ ދޫކޮށްލީ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ނުކޮށެވެ.

ޓެރަރިޒަމްގެ ތުހުމަތުގައި އައްޑޫން ބަޔަކު ހައްޔަރުކުރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ދެކަނބަލުންނާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސްބްރަމަންޔަމް ޖައިޝަންކަރާއި އދ.ގެ އާންމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ސަލާމަތީ ހިދުމަތްތަކުގެ އެންމެ އިސްވެރިން އައްޑޫގައި ތިއްބަވަނިކޮށެވެ.

އެ ބޭފުޅުން އައްޑޫއަށް ވަޑައިގެން ތިއްބެވީ އިންޑިއާ ސަރުކާރުގެ އެހީގައި އައްޑޫގައި ހެދި ފުލުސް އެކަޑަމީ ހުޅުވުމުގެ ރަސްމިއްޔާތަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިދިޔަ އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއަށް ފަހު އައްޑޫގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ވެސް ޓެރަރިޒަމްގެ ތުހުމަތުގައި ބަޔަކު ހައްޔަރު ކޮށްފައިވެ އެވެ.