ޞަފުހާ

ނަޒީރު: ހިދުމަތުގެ 45 އަހަރު ޓީވީގައި

އެ އީ މީގެ 45 އަހަރު ކުރި އެވެ. ޓެކްނީޝަނެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަމުގައި ހުންނެވި މުހައްމަދު ނަޒީރު ގައުމީ ޓީވީ -- ޓީވީއެމްއާ ގުޅިވަޑައިގަތީ އެ ސްޓޭޝަން އުފެދުނުތާ އެއް އަހަރުވެސް ނުވަނީސް ފެބްރުއަރީ 18، 1979 ގައެވެ.

ޓެކްނިކަލް ވަޒީފާއެއް ހުސްވެފައި ނެތުމުން ނަޒީރު ޓީވީއެމްއާ ގުޅިވަޑައިގަތީ އިނގިރޭސި ސެކްރެޓެރީއެއްގެ ގޮތުގަ އެވެ.

"އޭރުވެސް އަޅުގަނޑު ބޭނުންވަނީ ޓެކްނިކަލް ވަޒީފާއެއް. އަޅުގަނޑު ވަތްއިރު (ޓެކްނިކަލް) ވަޒީފާއެއް ހުސްވެފައި ނެތީމަ އެ ފުރުސަތު އޭރު އަޅުގަނޑަކަށް ނުލިބުނު،" ނަޒީރުގެ ހިދުމަތް ފެށުނުގޮތް ހިއްސާކުރައްވަމުން ވިދާޅުވި އެވެ.

ނަޒީރުގެ ނަސީބު ރަނގަޅު ކަމުން އޭނާ ޓީވީއެމްއާ ގުޅިވަޑައިގެންނެވި އަހަރުގެ ތެރޭގައި ޓެކްނިކަލް ވަޒީފާއެއް އެތަނުން ހުސްވެ ޓްރާންސްމިޓިން ޓެކްނީޝަނެއްގެ ވަޒީފާވެސް ފަހުން ލިބުނެވެ.

"އޭރު އޮންނަ ގޮތުން ޓްރާންސްމިޓިން ޓެކްނީޝަނާއި ސްޓޫޑިއޯ ޓެކްނީޝަން އެއް މަސައްކަތެއް ކުރަން މި ޖެހެނީ. އެހެންވީމަ އަޅުގަނޑު ފުރަތަމަވެސް ސްޓޫޑިއޯގައި އޮންއެއާގައި ކަޓްސުވިޗްގައި މަސައްކަތްތައް ދަސްކޮށްގެން ކަޓްސުވިޗްގައި އިންނަން ފެށީ،" އޭރުގެ ހަނދާންތައް ހިއްސާކުރައްވަމުން ނަޒީރު ވިދާޅުވި އެވެ.

ހިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގައި ނަޒީރު ވަނީ ޓީވީއެމްގެ ސީނިއާ ޓްރާންސްމިޓިން ޓެކްނީޝަންކަމާއި، ސްޓޫޑިއޯ ކޯޑިނޭޓަރުކަމާއި، މެއިންޓެނަންސް ކޯޑިނޭޓަރުކަމާއި، ޑެޕިއުޓީ ޑިރެކްޓަރުކަމުގެ މަގާމުވެސް އަދާކުރައްވާފަ އެވެ. މީގެ އިތުރުން އޭނާ ވަނީ ޓީވީއެމްގެ އިދާރީ ބަޔާއި، ނިއުސް ރޫމާއި، އިންޖިނިއަރިންއާ ބެހޭ ބަޔާއި، ޕްރޮގްރާމިން ބަޔާއި، ރެކޯޑިން ޔުނިޓުގައިވެސް މުހިއްމު މަސައްކަތްތަކެއް ކުރައްވާފަ އެވެ.

ނަޒީރު ވަނީ ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރުކުރައްވާ، މަސައްކަތާ ގުޅޭ ތަފާތު އެކި ތަމްރީންތައް ހައްދަވާ، ކުރު ކޯސްތައްވެސް ފުރިހަމަ ކުރައްވާފަ އެވެ.

ޓީވީއެމްގައި ނަޒީރު ކުރެއްވި މަސައްކަތްތަކުގެ ތެރެއިން ފަސްވަނަ ސާކް ސަމިޓްގެ ހަބަރާއި މައުލޫމާތު، ސެޓެލައިޓް މެދުވެރިކޮށް ދެއްކުމަށް ކުރެއްވެވި ބުރަ މަސައްކަތް އޭނާ ވަރަށް ބޮޑަށް ފާހަގަކުރައްވަ އެވެ. މީގެއިތުރުން ޓީވީ މޯލްޑިވްސްގެ އާ ޓްރާންސްމީޓަރު ބެހެއްޓުމަށް ކުރައްވާފައިވާ މަސައްކަތާއި، ޓީވީ މޯލްޑިވްސްއަށް ޖަޕާން ސަރުކާރުން ހަދިޔާކުރި ސާމާނުތައް ބެހެއްޓުމަށް ކުރައްވާފައިވާ މަސައްކަތާއި، ޓީވީ މޯލްޑިވްސްގެ ޓަވަރުގައި ހަރުކޮށްފައިވާ އެންޓެނާ ސިސްޓަމް ބަދަލުކުރުމަށް ކުރައްވާފައިވާ މަސައްކަތަކީ ހަނދާނުން ފޮހެލަން ދަތި މަސައްކަތްތަކެއް ކަމުގައި ވިދާޅުވި އެވެ.

ޓީވީއެމުން ތައްޔާރުކުރި ފިލްމްތަކުގެ ތެރެއިން 11 ފިލްމެއްގައި ނަޒީރު ވަނީ މުހިއްމު ޓެކްނިކަލް މަސައްކަތްތަކެއްވެސް ކުރައްވާފަ އެވެ. އޭގެ ތެރެއިން ބައެއް ފިލްމްތަކަކީ އޮލިމްޕަހުގައިވެސް އެޅުވި ފިލްމްތަކެވެ.

ދައުލަތުގެ މީޑިއާ -- ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ މެނޭޖާ، ޑިޖިޓަލް އާކައިވްސްގެ މަގާމުގައި މިއަދު ހުންނެވި ނަޒީރު ސިފަކުރެއްވި ގޮތުގައި ޕީއެސްއެމްގެ އާކައިވް އަކީ ދައުލަތުގެ އަގުހުރި ތަރިކަ އެކެވެ. އަދި އެ އާކައިވް ވަރަށް ރަނގަޅަށް ބެލެހެއްޓެން ޖެހޭނެ ކަމަށާއި ނަމަވެސް އިހުގެ ބައެއް ތަކެތި އާކައިވްގައި މިއަދު ނެތް ކަމަށް ވިދާޅުވި އެވެ.

"މި ތަރިކަ ޖެހޭނެ ރައްކާތެރިކަމާއެކު ބެލެހެއްޓެން. އެންމެ ފަސޭހައިން މި ބެލެހެއްޓޭނެ ގޮތަކީ ޑިޖިޓަލްކުރުން. ޑިޖިޓަލް ކޮށްގެން ބެކަޕް ކޮޕީއެއްވެސް އޮންނަ ގޮތަށް ބާއްވައިގެން،" ނަޒީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި މިހާ ގިނަ ދުވަހު އެއްތަނެއްގައި މަސައްކަތް ކުރެވުނީ ތަނަށް އޮތް ލޯތްބާއި މުވައްޒަފުންގެ އެކުވެރިކަމާއި އާއިލާގެ އެހީތެރިކަމައި އެއްބާރުލުން ލިބިގެން ކަމަށެވެ.

"އަވަސް އަވަހަށް ތަންތަނަށް ބަދަލުވުމަކީ މާ ހަމަޖެހޭ ކަމެއް ނޫން. އެހެންވީމަ އަޅުގަނޑު އެއްތަނެއްގައި ވަޒީފާ އަދާކޮށް ރިޓަޔާކުރަންދެންވެސް ޕީއެސްއެމްގައި މަސައްކަތްކުރާނެމޭ އަދިވެސް ހިތުގައި އޮތީ،" ހިދުމަތުގެ މުޅި ހަޔާތް ޓީވީއެމްގައި ހޭދަކުރެއްވުމުގެ އަޒުމުގައި ހުންނެވި ނަޒީރު ވިދާޅުވި އެވެ.