ފެން ބޮޑުވުން

ބޯކޮށް ވާރޭވެހި މާލެ ފެނު ތެރޭގައި

May 18, 2020
1

ވެރިރަށް މާލެެއަށް މިރޭ ބޯކޮށް ވާރޭ ވެހި، ބޮޑު ބައެއްގައިި ފެން ބޮޑު ވެއްޖެ އެވެ. އަދި މާލޭގައި ފެން ބޮޑުވެފައިވާ ބައެއް ސަރަހައްދުތަކުގައި ޖަންކްޝަންތަކުން މިރޭ މަގުތަކަށް ނަޖިސް ވެސް ބޭރުވެފައި ވެއެވެ.

ހުއްޓާ ނުލައި މިރޭ މާލެއަށް ދެ ގަޑިއިރެއްހާއިރު ވަންދެން ވާރޭވެހިފައި ވާއިރު މިހާރު ވެސް ކޮންމެވެސް ވަރަކަށް ދަނީ ވާރޭ ވެހެމުންނެވެ. އޭގެ ސަބަބުން މާލޭގެ ގިނަ ސަރަހައްދުތަކެއްގައި ވަނީ ފެން ބޮޑުވެފަ އެވެ. ހާއްސަކޮށް މާފަންނު އަވަށް އެކީގައި ކަހަލަ ގޮތަކަށް ފެން ބޮޑު ވެފައިވެ އެވެ.

މާފަންނުގައި ވަރަށް ބޮޑަށް ފެން ބޮޑުވެފައިވާއިރު ބައެއް ގޭގެއަށް ވެސް ވަނީ ފެން ވަދެފަ އެވެ. އަދި ބައެއް ސަރަހައްދުތަކުން މާލެއަށް ދަނީ އުދަވެސް އަރުވަމުންނެވެ.

އެމްއެންޑީއެފްއިން ބުނީ މާލޭގެ އެކި ސަރަހައްދުތަކުގައި ސިފައިން މިހާރު ޕަންޕު ޖަހައިގެން ފެން ހިއްކުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށާއި އައިޖީއެމްއެޗާއި އެސްޓީއޯ ފުށް ގުދަނާއި ވެސްޓް ޕާކް ސަރަަހައްދަުގައި ޕަންޕު ބަހައްޓައިގެން ފެން ހިންދަމުން ގެންދާ ކަމަށެވެ.

ބޯކޮށް ގިނައިރު ވާރޭވެހިއްޖެނަމަ އަބަދުވެސް މާލޭގެ މަގުތަކުގައި ފެންބޮޑުވެފަ އެވެ. އެކަން ހައްލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވީ ނަމަވެސް މިހާތަނަށް ނަތީޖާއެއް ފެނިފައެއް ނުވެއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާ ކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖެއަށް މޫސުން ގޯސް ވާނެ އެވެ. އަދި ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ވެސް ލަފާކޮށްފައި ވެއެވެ. މިހާރު ރާއްޖެއަށް ކުރާ ވިއްސާރައަކީ ރާއްޖެއާ ކައިރީގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެކެވެ. އަދި މިއީ ހުޅަނގު މޫސުން ވެސް މެއެވެ.