ހަބަރު

މޫސުން ގޯސްވެ ކަނޑު ދަތުރުކުރާއިރު ސަމާލުވާން އެދެފި

Sep 21, 2019

މިހާރު ރާއްޖޭގެ ބޮޑު ހިސާބަކަށް މޫސުން ގޯސްވެ ވިއްސާރަ ކުރަމުން ދިޔުމާ ގުޅިގެން، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކޯސްޓް ގާޑުން އިލްތިމާސް ކޮށްފި އެވެ.

އެމްއެންޑީއެފް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުކުރުމަށާއި އުޅަނދުތަކުގައި ގައި ލައިފްޖެކެޓާއި، މުވާސަލާތީ ވަސީލަތްތަކާއި ދިޔަހިއްކާ ޕަންޕު ފަދަ ނިޒާމްތައް ރަނގަޅަށް ހުރިތޯ ޗެކްކުރަން އެދޭ ކަމަށެވެ.

އަދި އުޅަނދު ފަހަރަށް މުދާ ބަރުކުރުމުގައި ކަނޑައެޅިފައިވާ މިންގަނޑަށް ވުރެ ބޮޑަށް ބަރުނުކުރުމަށްވެސް އެ ބަޔާނުގައި ވަނީ އިލްތިމާސްކޮށްފަ އެވެ.

"... ޑައިވިންގ ކުރުމާއި އެހެނިހެން މޫދު ކުޅިވަރުތައް ރާވާ ހިންގާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދެއްވައިގެން މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން ސަލާމަތީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުމަށްފަހު ނޫނީ މިފަދަ ކުޅިވަރުތައް ނުރޭއްވެވުމަށް ދަންނަވަމެވެ،" އެމްއެންޑީއެފުން ބުންޏެވެ.

އަދި ފަޅުތެރޭގައްޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރާއި ހާވާލުވެފައިވާ ފަރާތްތަކުންވެސް އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަހިއްކުމަށް ސަމާލުކަން ދިނުމަށްވެސް އެދިފައިވެ އެވެ.

މޫސުމާބެހޭ އިދާރާއިން ވަނީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފަ އެވެ. އެގޮތުން، ލ. އަތޮޅުން ފެށިގެން ނ. އަތޮޅާއި ހަމައަށް ބޯކޮށްވާރޭވެހި ވައިގަދަވާނެކަމަށް އެ އިދާރާއިން ވަނީ ބުނެފަ އެވެ.

އިއްޔެ ހަވީރުން ފެށިގެން މާލެއަށް ކުރަމުންދާ ވިއްސާރާގައި، ގިނަ މަގުތައް ފެންބޮޑުވެފައިވާއިރު ބައެއް ގެތަކަށް ފެން ވަންނަމުންދާ ކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ. އެމްއެންޑީއެފް އާއި ފުލުހުން ގުޅިގެން މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.