މޫސުން

ސިފައިން ނުކުމެ މާލޭ މަގުތަކުން ފެން ހިންދަނީ

Oct 12, 2019
2

ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެން ބޮޑުވެ، އާންމު ދިރިއުޅުމަށް ބުރުއާރާފައިވާތީ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ސިފައިން ނުކުމެ ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެން ބޮޑުވުމާއި ގުޅިގެން ޕަމްޕް ޖަހައިގެން ފެން ހިންދުމުގެ މަސައްކަތް ފަޔާ އެންޑް ރެސްކިއު ސާވިސްގެ ސިފައިން ކުރަމުން ގެންދާ ކަމަށެވެ.

ވެރިރަށް މާލެއަށް މިއަދު ވާރޭ ވެހެން ފެށީ ހެނދުނުއްސުރެ މޫސުން ރީތިކޮށް އޮތުމަށް ފަހު 6:00 ޖަހާ އެހާކަންހާއިރުން ފެށިގެނެވެ. ބޯކޮށް ވެހުނު ވާރޭ ހުއްޓާލީ 7:00 ޖަހަން ކައިރިވެފައި ހުއްޓަ އެވެ. އޭރު މާލޭގެ ބޮޑު ބައެއްގައި ފެން ބޮޑުވެ އާންމުން ހާލަތަށް ބުރޫއަރާފައި ވެ އެވެ.

މާލޭގެ ބޮޑެތި ބައެއް މަގުތަކުގައި ހެދިފައިވާ ފެންގަނޑު ހިންދުމުގެ މަސައްކަތް ފަށާފައިވާއިރު ސިފައިން އެން ބޮޑަށް ސަމާލުވެ ފެން ހިންދަމުން ދަނީ އަބަދުވެސް އެންމެ ބޮޑަށް ފެން ބޮޑުވާ މާފަންނު ވެސްޓްޕާކް ހިމެނޭ ސަރަހައްދެވެ. މީގެ އިތުރުން އައިޖީއެމްއެޗް ކައިރިއާ، ޣިޔާސުއްދީން ސުކޫލު ހިމެނޭ ސަރަހައްދުގައި ވެސް ވަރަށް ބޮޑަށް ވަނީ ފެން ހެދިފަ އެވެ.

މާލެެއަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވެފައިވާއިރު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް ގުގުރުމާއެކު ބައެއް ރަށްރަށަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައި ވެއެވެ.

އެ އޮފީހުން ލަފާކޮށްފައިވާ ގޮތުގައި ދެކުނުގެ އަތޮޅުތަކަށް އިރާއި އިރު ދެކުނުން ގަޑިއަކު އަށް މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި އެހެން ހިސާބުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވެ އެވެ.

އެންމެ ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާ އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފަ ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ވަނީ ބުނެފަ އެވެ.

ހުޅަނގު މޫސުމުގެ ހިތަ ނަކަތުގެ އާންމު ވިއްސާރަ ކުރަމުން ދާއިރު މޫސުމާބެހޭ އިދާރާ އާއި ކޯސްޓްގާޑުން ވަނީ މޫސުމަށް ބަލައިގެން ދަތުރަށް އަރަށް އިލްތިމާސްކޮށްފައެވެ. މި ވިއްސާރަ ކުރަމުން ދަނިކޮށް އިއްޔެ ކެޔޮޅު ކަމު ނުކުމެ އުޅުނު ލޯންޗަކަށް ވަނީ ހޮނުވެސް އަޅާފަ އެވެ.