ތައުލީމީ ދާއިރާގެ މުވައްޒިފުންނަށް މިހާތަނަށް އިތުރު ގަޑީގެ ފައިސާއާ އެކީ ގައި ލިބޭ ވަރަށް ވުރެ ބޮޑު މިންވަރެއް މިއަދު ގެނައި ބަދަލާއެކު ހަމައެކަނި މުސާރަ އާއި އިނާޔަތްތަކުންވެސް ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޓީޗަރުންގެ މުސާރަ ބޮޑުކުރުން އިއުލާނު ކުރައްވާ މިއަދު ދެއްވި ވީޑިއޯ މެސެޖެއްގައެވެ.
ރައީސްގެ މެސެޖްގައި ވިދާޅުވީ ކިޔަވައިދިނުމަކީ އެކަމަށް އަގު އަދާކުރެވޭ ވަރަށް ވުރެ މާ މަތިވެރި ކަމެއް ކަމަށާ ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި މިންވަރުން މިއަދު ހަމަޖެއްސި މުސާރަ އަކީ ރަނގަޅު މުސާރައެއް ކަމަށް ޓީޗަރުން ގަބޫލުކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
"ކޮންމެ ގައުމެއްގައިވެސް ދައުލަތުގެ ކެރިފޯރުންތެރިކަން އިތުރުވުން ބިނާވެފައި އޮންނަނީ އެ ގައުމެއްގެ އިންސާނީ ވަސީލަތްތައް ބިނާކުރެވޭ ހަރުދަނާ ކަމެއްގެ މައްޗަށް. ރާއްޖޭގައިވެސް އިންސާނީ ވަސީލަތް ބިނާކުރުމުގެ އެންމެ ބޮޑު ބުރައެއް އުފުއްލަވާ ބަޔަކީ ޓީޗަރުންކަން ޔަގީން. ނަމަވެސް އެ މުހިންމު ޒިންމާ އަދާކުރައްވާ ޓީޗަރުން މިހާތަނަށް ތިއްބެވީ އެބޭފުޅުން ކުރައްވާ މަސައްކަތަށް ހައްގުވާ މިންވަރަށްވުރެ މާ ދަށް އުޖޫރައެއްގައި،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދައުލަތުގެ ޒިންމާތަކާ ހަވާލުވެ ތިބެ ކުރާ މަސައްކަތަށް އެކަށީގެންވާ ވަރުގެ އާމްދަނީއެއް ހޯދައިދިނުމަކީ ވެރިކަމުގެ މައްޗަށް ލާޒިމުކުރާ ކަމެއް ކަމަށާ އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރަ ގާނޫނީ ގޮތުން ކަނޑައަޅައި އެކަން ތަންފީޒު ކުރުމާއި ޓީޗަރުންގެ މުސާރައަށް މިގެނައި ބަދަލަކީ ސަރުކާރު މުވައްޒަފުންގެ މުސާރަ އިތުރުކޮށްދިނުމަށް ފެށި މަސައްކަތުގެ ވަރަށް މުހިންމު ދެ ބައި ކަމަށެވެ.
"ޓީޗަރުންގެ މުސާރައަށް މިއަދު މި ގެނައި ބަދަލުގެ އެންމެ މުހިންމު ބޭނުމަކީ އިތުރު ގަޑީގެ ފައިސާއާ ނުލައިވެސް އެކަށީގެންވާ ރަނގަޅު އުޖޫރައެއް ގެޔަށް ގެންދަން ލިބޭނެ ވަރު ކޮށްދިނުން. މިހާތަނަށް އިތުރު ގަޑީގެ ފައިސާއާ އެކީގަ އި ލިބޭ ވަރަށް ވުރެ ބޮޑު މިންވަރެއް މިގެނައި ބަދަލާއެކު ހަމައެކަނި މުސާރަ އާއި އިނާޔަތްތަކުންވެސް ލިބޭނެ. އަލަށް މި އެކުލަވައިލި ޓީޗަރުންގެ މުސާރައިގެ އޮނިގަނޑުގެ ސަބަބުން ޓީޗަރުކަމުގެ ފަންނުން އިތުރަށް ކުރިއަށް ދެވޭނެ މަގު ދައްކައިދޭނެ،" ރައީސް ވިދާޅުވިއެވެ.
ޓީޗަރުންގެ މުސާރައަށް މިއަދު މި ގެނައި ބަދަލުގެ އެންމެ މުހިންމު ބޭނުމަކީ އިތުރު ގަޑީގެ ފައިސާއާ ނުލައިވެސް އެކަށީގެންވާ ރަނގަޅު އުޖޫރައެއް ގެޔަށް ގެންދަން ލިބޭނެ ވަރު ކޮށްދިނުން. މިހާތަނަށް އިތުރު ގަޑީގެ ފައިސާއާ އެކީގަ އި ލިބޭ ވަރަށް ވުރެ ބޮޑު މިންވަރެއް މިގެނައި ބަދަލާއެކު ހަމައެކަނި މުސާރަ އާއި އިނާޔަތްތަކުންވެސް ލިބޭނެ. އަލަށް މި އެކުލަވައިލި ޓީޗަރުންގެ މުސާރައިގެ އޮނިގަނޑުގެ ސަބަބުން ޓީޗަރުކަމުގެ ފަންނުން އިތުރަށް ކުރިއަށް ދެވޭނެ މަގު ދައްކައިދޭނެއިބްރާހިމް މުހައްމަދު ސޯލިހް | ރައީސުލްޖުމްހޫރިއްޔާ
ރާއްޖޭގެ ތައުލީމީ ދާއިރާއަށް ބަލާއިރު މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރަށްރަށުގެ ސްކޫލްތަކަށް ފެންވަރު ރަނގަޅު ޕްރިންސިޕަލުން ލިބެން ނެތުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލަކީ ރަށްރަށުގައި ވަޒީފާ އަދާކުރުމަށް ޕްރިންސިޕަލުންނާއި ޓީޗަރުންނަށްވެސް ލިބޭނެ އިތުރު ބާރަކަށް ވާނެ ކަަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިފަދަ ބަދަލުތައް ގެންނަނީ ހަމައެކަނި ވަކި ދާއިރާތަކެއް ކުރިއެރުވުމަށް ނޫން ކަމަށާ މިއީ މުޅި ރާއްޖޭގެ ތަރައްގީއަށް އަދި ލާމަރުކަޒީ ނިޒާމުން ރާއްޖެ ތަރައްގީ ކުރުމުގެ ސިޔާސަތުގެ ދަށުން ގައުމު ކުރިއެރުވުމުގައި ބައިވެރިވުމަށް ހިތްވަރު ދިނުމުގެ ގޮތުން ފަށާފައިވާ މަސައްކަތެއް ކަމަށެވެ.
"އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ޓީޗަރުންގެ މުސާރަ ބޮޑުވުމުން ގައުމު ބިނާކުރުމުގެ މުޅިން އާ ބާބެއް ފެށިގެން ދާނެ. އަދި ކިޔަވައިދިނުމުގެ ދާއިރާއަށް ޝައުގުވެރިވާ މީހުންގެ އަދަދުވެސް އިތުރު ވެގެން ދާނެ. މިއީ ދިވެހިން އެދޭ ގޮތަށް ދިވެހިންގެ އަތްމަތިން ދިވެހި ގައުމު ބިނާކޮށް އާރާސްތު ކުރުމަށްވެސް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް،"
އެމަނިކުފާނު ވިދާޅުވި ގޮތުގައި ޓީޗަރުކަމުގެ ފަންނާ ގުޅޭގޮތުން ހެދި ދިރާސާއިން ފާހަގަވި ގޮތުގައި ޓީޗަރުންނަށް ކުރިމަތިވެފައިވާ ހަމައެކަނި މައްސަލައަކީ މުސާރަ ކުޑަވުމެއް ނޫނެވެ. އޭގެ ތެރެއިން އެންމެ މުހިންމު ހަތަރު މައްސަލައަކީ މުސާރަ ކުޑަވުމާއި ވާކްލޯޑާއި މަސައްކަތުގައި ހޭދަކުރަންޖެހޭ ވަގުތު ގިނަވުމާއި ހައްގުތައް ކަށަވަރު ނުވުމުގެ މައްސަލައިގެ އިތުރުން ވަސީލަތްތައް މަދުވުމުގެ މައްސަލަ ކަމަށެވެ. މިކަންކަން ހައްލުކުރުމުގެ މަސައްކަތް އަމަލީ ގޮތުން ފައްޓަވާފައިވާ ކަމަށް ވިދާޅުވިއެވެ.