ހަބަރު

މުޖްތަމައު ތަރައްގީވާނީ ޒުވާން މުދައްރިސުންތަކެއް އުފައްދައިގެން: ރައީސް

Oct 5, 2019
1

ތަރައްގީއާ ފައި ހަމަވާ ގޮތަށް، އެ މުޖްތަމައުއެއް ހަރުދަނާވެ ކުރިއަރައި ތަރައްގީވާނީ، ޒަމާނީ ތައުލީމަށް ލޯހުޅުވިފައިވާ ޒުވާން މުދައްރިސުންތަކެއް އުފައްދައިގެންކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރަމުން އަންނަ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ފޮނުއްވެވި ހިތާބުގައި ވިދާޅުވީ މިއަހަރުގެ މުދައްރިސުންގެ ދުވަހަށް ކަނޑައަޅާފައިވާ ޝިއާރު، "ޒުވާން މުދައްރިސުން: ތަޢުލީމީ ދާއިރާގެ ކުރިމަގު" އިން އެނގެނީ، ގައުމުގެ ކުރިމަގުގެ ޖީލުތައް ބިނާކުރުމަށްޓަކައި، ކިޔަވައިދިނުމުގެ ދާއިރާއަށް ޒުވާނުންގެ ބޭނުންޖެހިފައިވާ މިންވަރާއި، ޒުވާން މުދައްރިސުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުގެ ވަރުގަދަކަމާއި، އުފުލަންޖެހޭ ޒިންމާ ބޮޑުކަމެވެ.

އެގޮތުން، މިހާރު ތިބި މުދައްރިސުންގެ ތެރޭގައި ޒުވާނުން މަދެއް ނޫންކަން ފާހަގަކުރައްވައި ތައުލީމީ ދާއިރާއާ ކޮންމެ އަހަރަކު އަލަށް ގުޅޭ މުދައްރިސުންގެ ބޮޑު އަގުލަބިއްޔަތަކީ ވެސް ޒުވާނުންކަން ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.

"އަދި މިހާރު ތަމްރީންވަމުން އަންނަ މުދައްރިސުންގެ ތެރޭގައިވެސް، ޒުވާނުންގެ ނިސްބަތް ވަރަށް މަތިކަން ފާހަގަކުރައްވައި އެއީ ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ކުރިމަގު އުޖާލާކަން ދައްކައިދޭ ނިޝާނެއް،" އެ ހިތާބުގައި ރައީސް ވިދާޅުވެފައިވެ އެވެ.

ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، މި ސަރުކާރުގެ ތައުލީމީ ސިޔާސަތަކީ، ކިޔަވައިދިނުމުގެ އިތުރުން ހަށިހެޔޮ ދުޅަހެޔޮ ޖީލެއް ބިނާކުރުމާއި ހުނަރުވެރި އުފެއްދުންތެރި ފަރުދުންތަކެއް މުޖްތަމައުއަށް ނެރެދިނުމާއި ޒިންމާދާރު ހެޔޮލަފާ ޒުވާނުންތަކެއް އުފައްދައިދިނުން ކަމަށެވެ.

އެހެން ކަމުން، ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކުން، އެ ސިޔާސަތަށް ހާއްސަ އިސްކަމެއް ދިނުމަށް ރައީސްގެ ހިތާބުގައި ވަނީ އިލްތިމާސްކުރައްވާފަ އެވެ.