ޓީޗަރުންގެ މުސާރައާއި އިނާޔަތްތައް ބޮޑުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމުގެ ގޮތުން ރެހެންދި ސުކޫލުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ތައުލީމީ ދާއިރާގައި އެންމެ ބޮޑު ބުރައެއް އުފުލަނީ ޓީޗަރުން ކަމަށެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ޓީޗަރުން ކޮށްދެއްވީ އަގުނުކުރެވޭ ބޮޑު ޖިހާދެއް ކަމަށާއި ކޮވިޑްގެ ކުރިން ވެސް ޓީޗަރުންނަކީ ބުރަ މަސައްކަތެއް ކުރައްވާ ބައެއް ކަމަށް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ޓީޗަރުންގެ މުސާރައާއި އިނާޔަތްތައް ބޮޑުކުރަން ފައިސާ ހިމެނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މީގެ އިތުރުން ޓީޗަރުން ލިބުން ދަތި ރަށްރަށަށް، ރަށުން ބޭރުން ގެންނަ ޓީޗަރުންނަށް ހާއްސަ އިނާޔަތްތައް ހަމަޖައްސައިދެއްވާނެ ކަމަށް ވިދާޅުވި އެވެ.
ސަރުކާރުގެ ރިޔާސީ ވައުދެއް ކަމުގައިވާ މީހުން ބިނާކުރުމުގެ ސިޔާސަތުގެ އަމަލީ މަސައްކަތް ކުރާ ބަޔަކީ ޓީޗަރުން ކަމުގައިވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.
"ހަރުކަށިފިކުރާ މަސްތުވާތަކެތީގެ މައްސަލަތަކަށް އެންމެ މުހިއްމު ހައްލެއް ގެނެސްދެވޭނީ ތައުލީމީ ނިޒާމުގެ ތެރެއިން. ޓީޗަރުން ކުރައްވާ މަސައްކަތަކީ އަގު ނުކުރެވޭވަރުގެ ބޮޑު ޖިހާދެއް،" ރައީސް ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް އިތުރަށް ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ދޮޅު އަހަރެއްހާ ދުވަހު އާންމު އުސޫލުން ކިޔެވުން ހުއްޓުމަކަށް އައިސްފައި އޮތުމަށްފަހު މިއަދު އާންމު ހާލަތުގައި ކިޔެފުން ފެށޭތީ އުފާކުރައްވާ ކަމަށެވެ. ކޮވިޑްގެ ހާލަތު އެންމެ ގޯސްވި ދުވަސްކޮޅުވެސް ދަރިވަރުންގެ ކިޔެވުން ހުއްޓާނުލައި ކުރިއަށް ގެންދިއުމަށް ޓީޗަރުން ކުރެއްވީ އަގުނުކުރެވޭ މަސައްކަތެއް ކަމުގައިވެސް ވިދާޅުވި އެވެ.
އެދުވަސްތަކުގައި ސުކޫލުތަކުގެ ވެރިންނާއި ޓީޗަރުން އަދި ބެލެނިވެރިން ކުރެއްވި ބުރަ މަސައްކަތް ފާހަގަކުރައްވާ ރައީސް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
ރައީސް ވިދާޅުވީ ނިމިދިޔަ ދިރާސީ އަހަރު ކުރެވުނު އެންމެ މުހިއްމު ތަޖުރިބާ އަކީ ކޮންމެ ތަނެއްގައި އަދި ކޮންމެ ވަގުތެއްގައި ވެސް ތައުލީމު ހާސިލްކުރެވޭނެ ކަމެވެ. އަދި ތައުލީމު ހޯދުމަށް ހުރިހާ ދަރިވަރުން މަސައްކަތް ކުރުމަށް އެދިވަޑައިގެންނެވި އެވެ.
"ކޮންމެ ކުއްޖަކު ވެސް ގަދައަޅާ މަސައްކަތް ކުރަންވީ ގައުމަށް ހިދުމަތްކުރާ ގައުމަށް ބޭނުންތެރި ކުއްޖަކަށް ވުމަށް. މުޖުތަމައަށް އުފާވެރިކަމާ ހަމަޖެހުން ގެނެސްދޭނެ ކުއްޖަކަށް ވުމަށް. މިދިޔަ ދުވަސްތަކުގައި ހަޔާތުން ގެއްލިގެން ދިޔައީ ބޮޑު ބައެއް. އެބައި އަނބުރާ ހޯދުމަކީ ވަރަށް މުހިއްމު ކަމެއް،" ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ އާންމު ހާލަތަކަށް ދެވޭނީ ހުރިހާ އެންމެން ވެސް ވެކްސިންގެ ދެ ޑޯޒް ޖަހައިގެން ކަމަށެވެ. 12 އަހަރާއި 17 އަހަރުގެ ކުދިންނަށް ކޮވިޑް ވެކްސިން ޖެހުމުގެ ހާއްސަ ޕްރޮގްރާމް ފަށަން ތައްޔާރުވަމުން އަންނަ ކަމަށާއި އުންމީދަކީ މިމަސް ނިމުމުގެ ކުރިން އެ އުމުރުފުރާގެ ހުރިހާ ކުދިންވެސް ފުރަތަމަ ޑޯޒް ޖެހުން ކަމަށް ރައީސް ވިދާޅުވި އެވެ.
އާ އަހަރުގެ ކިޔެވުން މިއަދު ފެށިގެން ދާއިރު ހުރިހާ ދަރިވަރުން ވެސް އާ އުންމީދަކާ އެކީ އަދި އާ އަޒުމަކާ އެކީ ކިޔެވުން ކުރިއަށް ގެންދިއުމަށް ރައީސް އިލްތިމާސް ކުރެއްވި އެވެ.