ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ތައުލީމީ ދާއިރާގެ ކާމިޔާބީ ގުނުއްވީ އުމްރާނީ މަޝްރޫއުތަކުން

Feb 6, 2023

ތައުލީމީ ދާއިރާގެ އުމްރާނީ ތަރައްގީއަށް ހިންގާ އެތައް ސަތޭކަ މަޝްރޫއެއް ނަންބަރުތަކުން ވިދާޅުވުމަށްފަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކާމިޔާބީ ފާހަގަކުރައްވައިފި އެވެ.

ރައީސް ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ސްކޫލުތަކުގައި ޖާގަ އިތުރުކުރުމަށާއި ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނައުމަށް ވަނީ ބޮޑު އިސްކަމެއް ދީފަ އެވެ. އެގޮތުން ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބޮޑުކޮށްފަ އެެވެ.

ރިޔާސީ ބަޔާން މިއަދު އިއްވަމުން ތައުލީމީ ދާއިރާގައި މިސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ރައީސް ސޯލިހް ވަނީ ހިއްސާކުރައްވާފަ އެވެ.

ރައީސް ސޯލިހް ވިދާޅުވީ މިހާތަނަށް ސްކޫލްތަކުގައި ކިޔަވައިދިނުމަށް އޮތް ތަކުލީފް ކުޑަކޮށް، ޖާގައާ ވަސީލަތްތައް އިތުރުކުރުމަށް ރާއްޖޭގެ އެކި ސަރަހައްދުގައި 1،578 ކްލާސްރޫމާއި 85 މަލްޓިޕާޕަސް ހޯލް ހަދަމުންދާ ކަމަށެވެ.

މީގެ އިތުރަށް ތައުލީމީ ދާއިރާއާ ގުޅޭ އިތުރު 509 އުމުރާނީ މަޝްރޫއު ހިނގަމުން ނިމެމުންދާ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ގައުމު އާރާސްތު ވާނީ ޒުވާނުން ބިނާކުރެވިގެން ކަމަށްވާތީ އެކަމަށްޓަކައި ސަރުކާރުން އިސްކަންދީގެން ކުރާ ހާއްސަ މަސައްކަތްތަކެއް އެބަހުރި ކަމަށެވެ. އެހެންވެ ތައުލީމީ ނިޒާމު މުޅިރާއްޖޭގައި އެއްހަމަކުރުމަށްޓަކައި ފުރަތަމަ ބޭނުންވީ އެކަމަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަކުރަން ކަމުގައި ވިދާޅުވި އެވެ.

"ހެނދުނު ހެނދުނާ އިނގިލިކުރީލައިގެން ގެންގޮސް ދަރިފުޅު މަދަރުސާގެ ދޮރުން ވައްދަނީ ބޭނުމަކު. ކްލާސްރޫމް ނެތިގެން، ފުރާޅު ހިޔާނުވެގެން، އަތްވާ ވާރޭގާ ގަހެއްގެ ދަށުގާ އިންނަ ގޮނޑިއެއްގައި އެކުއްޖާ ބައިންދާކަށް ނޫން. ސްކޫލްތަކުގައި ކިޔަވަން ތިބި ދަރިވަރުންގެ އަދަދާ ލިބެންހުރި ވަސީލަތްތަކައި ދިމާނުވުމުން ކުރިމަތިވާ ދަތިތައް އަޅުގަނޑުމެން ސަރުކާރާ ހަވާލުވިއިރުވެސް އޮތް،" ރައީސް ވިދާޅުވި އެވެ.

ރައީސް ގަބޫލުކުރައްވާ ގޮތުގައި ފެންވަރު ރަނގަޅު ތައުލީމީ ނިޒާމެއްގެ ބިންގަލަކީ ފެންވަރު ރަނގަޅު މުދައްރިސުންނެވެ. މުދައްރިސުންނަށް ބޭނުންވެ މިހާތަނަށް ނުވެހުރި ވަރަށް ގިނަ ބޭނުންތައް މިހާތަނަށް ފުރިހަމަކޮށްދެވިފައިވާކަން ފާހަގަކުރައްވާ ރައީސް ސޯލިހް ވިދާޅުވީ އަދިވެސް ކުރިއަށް އޮތް ތަނުގައި ކުރިއަށް ގެންދަންޖެހޭ ތައުލީމީ ދާއިރާގެ މަޝްރޫއުތަކެއް އެބަހުރި ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވި ގޮތުގައި އެމަނިކުފާނު ސަރުކާރާ ހަވާލުވިއިރު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މަތީ ސާނަވީއަށް ކިޔެވުމުގެ ފުރުސަތެއް ނެތެވެ.

"އެހެންނަމަވެސް މިއަދުގެ އުފަލަކީ މުޅި ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް މިހާރު މަތީ ސާނަވީއަށް ކިޔެވޭނެ ފުރުސަތު ފަހިކޮށްދެވިފައި އޮތްކަން،" ރައީސް ވިދާޅުވި އެވެ.

ސްކޫލުތަކުގައި ނާސްތާ ޕްރޮގްރާމު ފެށުމަކީ މިސަރުކާރުގެ ރިޔާސީ ވައުދެކެވެ. މި ޕްރޮގްރާމު ސްކޫލުތަކުގައި ފެށި ނަމަވެސް މިހާރު މި ޕްރޮގްރާމު ކުރިއަށް ގެންދަނީ ކޮންމެހެން ބޭނުންޖެހިފައިވާ ކުދިންނަށް ހާއްސަކޮށްގެންނެވެ.