ޑރ. އައިޝަތު އަލީ

"ސްކޫލްތަކުގެ އުމްރާނީ ތަރައްގީއަށް އެންމެ ބޮޑު ހަރަދެއް ކުރީ މިސަރުކާރުން"

ރާއްޖޭގެ ސްކޫލްތަކުގެ އުމްރާނީ ތަރައްގީއަށް އެންމެ ބޮޑު ހަރަދެއް ކުރީ މި ސަރުކާރުން ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

ސަރުކާރު ހިއްސާވާ މައި ޕާޓީ، އެމްޑީޕީ އިން މިހާރު ކުރިއަށް ގެންދާ އެޕާޓީގެ ކޮންގްރެސްގައި ވާހަކަ ދައްކަވަމުން ތައުލީމީ ދާއިރާއަށް މި ސަރުކާރުން ގެނެސްފައިވާ ބަދަލުތަކާއި ކުރިއެރުންތައް އެޑިޔުކޭޝަން މިނިސްޓަރު ވަނީ ހިއްސާކުރައްވާފަ އެވެ.

މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި ކުރިއަށް ގެންދިޔައީ 135 ކްލާސްރޫމުގެ މަސައްކަތާއި 15 މަލްޓިޕާޕަސްހޯލުގެ މަސައްކަތް ކަމަށެވެ. އަދި އެހެނިހެން މަޝްރޫއުތަކުގެ ތެރޭގައި ނިންމާލީ 64 މަޝްރޫއެއްގެ މަސައްކަތް ކަމަށެވެ.

ރައީސް ޔާމީންގެ ފަސް އަހަރުގެ ސަރުކާރާއި މިސަރުކާރުގެ ހަތަރު އަހަރާ އަޅާކިޔުއްވަމުން އައިޝަތު އަލީ ވިދާޅުވީ ރައީސް ޔާމީންގެ ދައުރުގައި ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަށް ހަރަދުކޮށްފައި ވަނީ 941.4 މިލިއަން ރުފިޔާ ކަމަށެވެ. އެކަމަކު މި ސަރުކާރުގެ ހަތަރު އަހަރު ތެރޭގައި އެފަދަ މަޝްރޫއުތަކަށް 1.3 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

"މި ސަރުކާރުން ވީ ސްކޫލްތައް އެއް ދަންފަޅިއަށް ބަދަލުކުރުމުގެ ވައުދާއެކު މުޅިއަކު 216 މަޝްރޫއެއް ވަނީ ބަޖެޓްކުރެވިފައި. އޭގެ ތެރެއިން 44 މަޝްރޫއު މިހާރު ނިމި އެ އިމާރާތްތައް ބޭނުންކުރަން ފެށިއްޖެ. 89 މަޝްރޫއުގެ މަސައްކަތް ހިނގަމުން އެބަދޭ. 11 މަޝްރޫއުގެ މަސައްކަތް މިހާރު ވަނީ އެވޯޑު ކުރެވިފައި ނުވަތަ ކޮންޓްރެކްޓް ކުރެވިފައި. އިރާދަކުރެއްވިޔާ އެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތްތައް ވަރަށް އަވަހަށް ފެށިގެން ދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މި މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ 1288 ކްލާސްރޫމާއި، 81 މަލްޓިޕާޕަސް ހޯލާއި އަދި 338 އެހެންނިހެން މަޝްރޫއުތަކެވެ. އެހެނިހެން މަޝްރޫއުތަކުގެ ތެރޭގައި ސްޓާފްރޫމާއި، ލައިބްރަރީ އަދި އޮފީސް އިމާރާތް ފަދަ ތަންތަން ހިމެނެ އެވެ.

މިނިސްޓަރު ވިދާޅުވީ ވަށާ ޖެހޭ ތައުލީމުގެ ސިޔާސަތުގެ ދަށުން ސްކޫލުގައި ކިޔަވާ ވަގުތުގެ އިތުރުން ދަރިވަރުންނަށް ޖިސްމާނީ، އިޖުތިމާއީ އަދި ޖަޒުބާތީ ތަރައްގީ ގެނެވޭނީ ސްކޫލްތައް އެއްދަންފަޅިއަށް ބަދަލުކޮށްގެން ކަމަށެވެ. އެގޮތުން ރާއްޖޭގައި ހުރި 216 ސަރުކާރު ސްކޫލުގެ ތެރެއިން 155 ސްކޫލު އެއްދަންފަޅިއަށް ކިޔަވައިދޭ ކަމަށް ފާހަގަކުރައްވާފައިވެ އެވެ.

މީގެ އިތުން ސްކޫލު ނެތް ކުދިކުދި އާބާދީތައް ހިމެނޭ ރަށްރަށުގެ ދަރިވަރުން ކަނޑުހުރަސްކޮށް އެހެން ރަށްރަށަށް ސްކޫލަށް ދާ ދިޔުން ވެސް ނިމުމަކަށް ގެނެސް، ސެޓެލައިޓް ސްކޫލް ހިންގަން ފަށައިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ގްރޭޑް ނުވަޔަކަށް ނުކިޔެވޭ ރަށްރަށުގައި ވެސް ސެޓެލައިޓް ސްކޫލިން ނިޒާމުގެ ދަށުން މިހާރު ކިޔެވޭނެ ކަމަށާއި އަދި އޯލެވެލްއަށްފަހު މާލެއަށް ނުވަތަ ދުރު ރަށްރަށަށް ކިޔަވަން ދާ ދިއުމަށް ވެސް ނިމުމެއް ގެނެސް ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މިހާރު އޭލެވެލް ކިޔެވޭނެ ކަމުގައި ވިދާޅުވި އެވެ.

"މި ސަރުކާރުގެ އެންމެ ބޮޑު އެއް ކާމިޔާބީއަކީ ހެނދުނުގެ ނާސްތާ ޕްރޮގްރާމް. މި ޕްރޮގްރާމް ހިންގަން ފަށާ އިސްލާހުކޮށް، މިހާރު ވަނީ ނާސްތާ އެންމެ ބޮޑަށް ބޭނުންވާ ފަރާތްތަކަށް ދެވޭގޮތަށް މި ޕްރޮގްރާމް ފަރުމާކުރެވިފައި. މި ޕްރޮގްރާމުން ބާރުއަޅަނީ ހުރިހާ ދަރިވަރުންނަށް ވެސް ހަކަތައާ އުވާވެރިކަމާއެކު ސްކޫލް ދުވަސް ފެށުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

އައިޝަތު އަލީ އިތުރަށް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ކުދިން ބާކީނުކޮށް އެކުދިންނަށް އިތުރު ހުނަރުތަކާއެކީ ތައުލީމީ ނިޒާމު ބައްޓަންކޮށްފައިވާ ކަމަށެވެ. އެގޮތުން މިނިސްޓްރީގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަ ޑިޕާޓްމެންޓެއް ވެސް ގާއިމްކޮށްފައިވާ ކަމުގައި ވިދާޅުވި އެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ސްކްރީން ރީޑިން ސޮފްޓްވެއާއެއް ގާއިމްކޮށް ހަބް ސްކޫލްތަކެއް ވެސް ހުޅުވައިފައިވާ ކަމަށް ފާހަގަކުރެއްވި އެވެ. އަދި އެފަދަ ކުދިންނަށް "ފަންނު ވެށި" ޕްރޮގްރާމެއް ފަށައި، އެ ޕްރޮގްރާމްގެ ދަށުން ފެހުމާއި ކެއްކުމާއި އާންމު ދިރިއުޅުމުގައި ކުރެވޭނެ އެކި ހުނަރުތައް ދަސްކޮށްދޭ ކަމަށް ވިދާޅުވި އެވެ.

ޖުމްލަ ގޮތެއްގައި ރާއްޖޭގެ ތައުލީމީ ނިޒާމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ހެޔޮ ބަދަލެއް ގެނެސްދެއްވާފައިވާ ކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ.