އާ ދިރާސީ އަހަރުގައި ނާސްތާ ދޭނީ ކޮންމެހެން ބޭނުންވާ ދަރިވަރުންނަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
ސަރުކާރުން ބޮޑު ހަރަދެއް ކުރާ ނާސްތާ ޕްރޮގްރާމްގެ ތެރެއިން އާ ދިރާސީ އަހަރުގައި ނާސްތާ ދޭނީ ކޮންމެހެން ބޭނުންވާ ދަރިވަރުންނަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ މިހާރު ނިންމާފަ އެވެ.
ޕާމަނެންޓް ސެކްރެޓަރީ އަހުމަދު އަލީ ވިދާޅުވީ ކޮވިޑާއި ގުޅިގެން ނާސްތާ ޕްރޮގްރާމް ކުރިއަށް ގެންދަން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އެހެންކަމުން ދިރާސީ އާ އަހަރުގެ ފުރަތަމަ ޓާމް ނިމެންދެން -- މި އަހަރުގެ ނިމެންދެން -- އެ ޕްރޮގްރާމް ކުރިއަށް ނުގެންދަން ނިންމާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ނާސްތާ ޕްރޮގްރާމް ނިންމާލީ ނޫން ކަމަށާއި ކޮވިޑްގެ ހާލަތު ރަނގަޅުވުމުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އަދި ކޮވިޑްގެ ދަތި ހާލުގައި ވެސް ނާސްތާ ކޮންމެހެން ބޭނުންވާ ކަމަށް ކަނޑައެޅިފައިވާ ދަރިވަރުންނަށް ދެމުން ގެންދާ ކަމަށެވެ. އާ ދިރާސީ އަހަރުގައި އެ ކުދިންނަށް ނާސްތާ ލިބޭނެ ކަމަށް ވިދާޅުވި އެވެ.
ހުރިހާ ދަރިވަރުންގެ ނާސްތާ ޕްރޮގްރާމަކީ މި ސަރުކާރުން އެންމެ އިސްކަން ދީގެން ގެނައި ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނޭ ޕްރޮގްރާމެކެވެ. ސްކޫލްތަކުގެ ހުރިހާ ދަރިވަރުންނަށް ނާސްތާ ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެ ވައުދު ފުއްދަން އެޑިއުކޭޝަން މިނިސްޓްރީން 2019 ވަނަ އަހަރުގެ ފުރަތަމަ ޓާމުގައި ވަނީ ޕައިލެޓް ޕްރޮގްރާމެއްގެ ގޮތު 25 ސްކޫލެއްގައި ނާސްތާ ފަށާފަ އެވެ.
މަދު ސްކޫލަކަށް ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމުގެ ތަޖުރިބާއަށް ފަހު 188 ސްކޫލާއެކު ހަމަ އެހަރުގެ ޖޫން މަހުގެ 11 ވަނަ ދުވަހުން ފެށިގެން 203 ސްކޫލްގައި ދަރިވަރުންނަށް ނާސްތާ ދޭން ފެށި އެވެ. ފަހުން ކޮވިޑާއި ގުޅިގެން އެ ޕްރޮގްރާމް މިވަގުތު ވަނީ މެދުކަނޑާލާފަ އެވެ.