އަރަބި ބަހުން ކިޔަވައިދޭ އެންމެ ބޮޑު ސްކޫލަކަށް ރާއްޖޭގައި މި ވަގުތު ހުރި އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ (އަރަބިއްޔާ ސްކޫލް) ބާ ޖަމާލުއްދީނުގެ ބިމުހައި އަޅުއްވައި ދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވީ މިއަދު އަރަބިއްޔާ ސްކޫލްގެ ބެލެނިވެރިންނާ ބައްދަލުވުމުގެ ތެރޭގަ އެވެ.
ބައްދަލުވުމަށް ފަހު ބެލެނިވެރިންގެ މަންދޫބުން އަވަސް އަށް ދިން އިންޓަވިއުއްގައި ބުނީ އަރަބިއްޔާ ސްކޫލަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ގެނެސް ދެއްވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށާއި އެމަނިކުފާނުގެ ވެރިކަމުގެ ދައުރުގައި ބާ ޖަމާލުއްދީން ހުރި ބިމުގައި އަރަބިއްޔާ ސްކޫލް އަޅުއްވާދެއްވާނެ ކަމަށެވެ.
އިއްޒުއްދީން ސްކޫލާއި އެކުގައި އަރަބިއްޔާ ސްކޫލް ޝެއާ ކުރުން އެއީ ކުރެވޭނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ރައީސް ވެސް ވިދާޅުވި ކަމަށް ބެލެނިވެރިން ބުންޏެވެ.
"އަންނަ އަހަރު ސްކޫލް ހުޅުވެން ވާއިރަށް އަރަބިއްޔާ ސްކޫލްގެ މައްސަލައަށް ހައްލެއް ގެނެސްދެއްވާނެ ކަމަށް ރައީސް ވިދާޅުވި. އަޅުގަނޑުމެން ވަރަށް އުންމީދާއެކު މީޓިން މި ނިންމާލީ. އަރަބިއްޔާއަށް މާލެއިން ބިމެން ހަމަޖެހުމަކީ އަޅުގަނޑުމެން ވަރަށް އެދިއެދި ތިބި ކަމެއް." ބެލެނިވެރިން ވިދާޅުވި އެވެ.
އަރަބިއްޔާ ސްކޫލްގައި ޖާގައިގެ ދަތިކަން ހުރިކަން ރައީސް ވެސް ފާހަގަކުރެއްވި ކަމަށާއި އަދި އާ ސްކޫލް އަޅާއިރު އެތަން ވާނީ ޖާގައިގެ ގޮތުން ތަނަވަސް، ފެންވަރު ރަނގަޅު ސްކޫލަކަށް ކަމަށް ރައީސް ވިދާޅުވި ކަމަށް ވެސް ބުންޏެވެ.
ބެލެނިވެރިން ބުނި ގޮތުގައި ބާ ޖަމާލުއްދީންގެ ބިމުގައި އަރަބިއްޔާ ސްކޫލް އަޅަން ފަށާނެ ތާރީހެއް ވަރަށް އަވަަހަށް ސަރުރާކުން އަންގާނެ އެވެ.
"އާ ސްކޫލް އެޅެންދެން އަރަބިއްޔާގައި ކިޔަވާ ކުދިންނަށް ވަގުތީ ހައްލެއް ހޯދުމަށް މަޝްވަރާތައް ކުރައްވަމުންދާ ކަމަށް ރައީސް ވިދާޅުވި. އެއްވެސް ސްކޫލަކާއި ޝެއާ ވާގޮތަށް އެކަން ނުކުރައްވާނެ ކަމަށް ވެސް ވިދާޅުވި." ބެލެނިވެރިން ވިދާޅުވި އެވެ.