އަރަބިއްޔާ ސްކޫލް

އަރަބިއްޔާގެ ބެލެނިވެރިން ރައީސްއާ ބައްދަލުކުރަނީ

އަރަބި ބަހުން ކިޔަވައިދޭ އެންމެ ބޮޑު މުއައްސަސާއަކަށް ރާއްޖޭގައި މި ވަގުތު ހުރި އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ -- އަރަބިއްޔާ ސްކޫލްގެ ދަރިވަރުންގެ ކިޔެވުން ވަގުތީ ގޮތުން އިއްޒުއްދީން ސުކޫލަށް ބަދަލު ކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމި ނިންމުމާ ގުޅިގެން އެ ސްކޫލްގެ ބެލެނިވެރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ މިއަދު ބައްދަލުކުރަން ނިންމައިފި އެވެ.

ރައީސް އޮފީހުން ބުނީ އަރަބިއްޔާ ބެލެނިވެރިން ރައީސާ މިއަދު ބައްދަލުކުރާނެ ކަމަށެވެ. އެ ބައްދަލުވުން އޮތީ މިއަދު ހެނދުނު 11:00 ޖަހާއިރު ރައީސް އޮފީހުގަ އެވެ.

އަރަބިއްޔާ ސްކޫލު މިހާރު ހިންގާ އިމާރާތުގައި ރެނދުލައިފައިވާތީ އެ ސްކޫލުގައި ކިޔަވައިދިނުން ރައްކާތެރިކަމަށް ނުވާތީ ދަރިވަރުންގެ ކިޔެވުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރަން އެޑިއުކޭޝަން މިނިސްޓްރީން އޮތީ ހުށަހަޅައިފަ އެވެ. ނަމަވެސް ބެލެނިވެރިންނާ ހިޔާލުތަފަތުވެ ކޮޅެއްގައި ނުޖެހޭތީ އިއްޔެ ވަނީ ބައްދަލުވުމެއް ބާއްވައިފަ އެވެ. އެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވެސް ބައިވެރިވެވަޑަައިގެންނެވި އެވެ.

އަރަބިއްޔާ ސްކޫލުގެ މައްސަލަ ހައްލުނުވާތީ ބެލެނިވެރިން އިއްޔެ ސްކޫލު ކުރިމަތީގައި އިހުތިޖާޖުވެސް ކޮށްފައިވެ އެވެ.

އިއްޔެގެ ބައްދަލުވުމަށް ފަހު އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ނޫސްވެރިންނާ ބައްދަލުކުރްވައި ވިދާޅުވީ ބެލެނިވެރިންގެ ކަންބޮޑުވުންތައް ބަލައި އެ ބޭފުޅުންގެ ހުށަހެޅުންތަކާ މެދު މަޝްވަރާކުރައްވާނެ ކަމަށެވެ.

މީގެ ކުރިން މިނިސްޓްރީން ވަނީ އަރަބިއްޔާގެ ދަރިވަރުންނަށް ހުޅުމާލޭން ބިމެއް ހަމަޖައްސާ ބެލެނިވެރިންނަށް އެ މައުލޫމާތު ހިއްސާކޮށްފަ އެވެ. ނަމަވެސް ބެލެނިވެރިން އެ ސްކޫލު މިވަގުތު ހުޅުމާލެ އަށް ބަދަލުކުރުމާ ދެކޮޅެވެ. މިނިސްޓަރު އިއްޔެ ވިދާޅުވީ އަރަބިއްޔާގެ ދަރިވަރުންނަށް މާލެއިން ވެސް ބިމެއް ހޯދައިދިނުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަރަބިއްޔާ ސްކޫލު ހުޅުވާ އެތަނުގައި ކިޔަވައިދޭން ފެށީ ސެޕްޓެމްބަރު 19، 2013 ގައެވެ. އެކަމަކު އެ އިމާރާތް ބޭނުންކުރަން ފެށިތާ މިވީ އަށް އަހަރު ދުވަހުގެ ތެރޭގައި އިމާރާތުގެ ބައެއް ތަނބުތަކުގައި ވަނީ ރެނދު ލާފަ އެވެ.