މިނިސްޓްރީ އޮފް އެޑިއުކޭޝަން

އަރަބިއްޔާގެ ވަގުތީ އިމާރާތުގައި 18 ކްލާސްރޫމް

އިމާރާތުގެ ހާލަތު ދަށްވެ ނުރައްކާ ވުމުން އަރަބިއްޔާގެ ދަރިވަރުން ކިޔަވަމުން އައި އިމާރާތުގެ ބަދަލުގައި ދާއިމީ އިމާރާތެއް ހަމަޖެހެން ދެން އަރަބިއްޔާގެ ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދަން ނިންމާފައިވާ ވަގުތީ އިމާރާތް ނިމޭއިރު ހުންނާނީ 18 ކްލާސް ރޫމް ކަމަށް އެޑިއުކޭޝަނުން ބުނެފި އެވެ.

އަވަސް އިން ކުރި ސުވާލައް ޖަވާބު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެއްޓަރީ އަހުމަދު އަލީ ވިދާޅުވީ ވަގުތީ އިމާރާތުގެ މަސައްކަތް ހަލުއިކޮށް ކުރިއަށްދާ ކަމަށެވެ. މި މަހުގެ 16 ވަނަ ދުވަހު ސްކޫލްތައް ހުޅުވޭއިރު އެ އިމާރާތް ހުޅުވޭތޯ މަސައްކަތް ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

"މަސައްކަތް ކުރަމުންދަނީ މި މަހު 16 ގެ ކުރިން އެތަން ހުޅުވަން. މަސައްކަތްތައް ހަލުއިކޮށް ދަނީ ކުރިއަށް." އަހުމަދު އަލީ ވިދާޅުވި އެވެ.

ވަގުތީ އިމާރާތުގައި 18 ކްލާސްރޫމާއެކު އޮފީސް ބައެއް ވެސް ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ސްކޫލެއްގައި ހުންނަން ޖެހޭ ހުރިހާ ހިދުމަތެއް ވަގުތީ އިމާރާތުގައި ހުންނާނެ ކަމަށެވެ.

އަރަބިއްޔާގެ ވަގުތީ އިމާރާތް ހަދަމުންދަނީ އެމްޓީސީސީ ސޯމިލް ކުރީން ހިންގި އަދި ފޮރިން މިނިސްޓްރީ ވަގުތީ ގޮތުން ހިންގި އިމާރާތުގަ އެވެ.