އިމާރާތުގެ ހާލަތު ދަށްވެ ނުރައްކާ ވުމުން އަރަބިއްޔާގެ ދަރިވަރުން ކިޔަވަމުން އައި އިމާރާތުގެ ބަދަލުގައި ދާއިމީ އިމާރާތެއް ހަމަޖެހެން ދެން އަރަބިއްޔާގެ ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދަން ނިންމާފައިވާ ވަގުތީ އިމާރާތް ނިންމައި އެތާގައި ކުދިން ކިޔަވަން ފަށައިފި އެވެ.
އަރަބިއްޔާގެ ދަރިވަރުންނަށް ވަގުތީ އިމާރާތެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ފޮރިން މިނިސްޓްރީގެ ވަގުތީ އިމާރާތެވެ.
އަރަބިއްޔާގެ ޕްރިންސިޕަލް މުހައްމަދު ޝުޖާއު އަވަސް އަށް ވިދާޅުވީ ވަގުތީ އިމާރާތުގައި ކުދިންގެ ކިޔެވުން ފަށާފައިވަނީ މިއަދު ހެނދުނު 7:00 ގައި ކަމަށެވެ. އެ އިމާރާތުގައި ކިޔެވުން ފެށުމުގެ ގޮތުން މިއަދު ހާއްސަ އެސެމްބްލީއެއް ބޭއްވި ކަމަށް ވެސް ވިދާޅުވި އެވެ.
ވަގުތީ އިމާރާތުގައި ސްކޫލެއްގައި ހުންނަން ޖެހޭ ހުރިހާ އިމްތިޒާމެއް ވެސް ފުރިހަމަކަން ފާހަގަކުރައްވަމުން ޝުޖާއު ވިދާޅުވީ ކިޔެވުން ފެށީ ފުރަތަމަ ދަންފަޅީގެ 775 ދަރިވަރުންނާއި އެކުގައި ކަމަށެވެ.
ޝުޖާއު ވަނީ ވަގުތީ އިމާރާތުގެ މަސައްކަތް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަރަށް ގާތުން ބައްލަވަމުން ގެންދެވިކަން ފާހަގަކުރައްވަމުން އެކަމަނާއަށް ޝުކުރު އަދާކުރައްވާފަ އެވެ.
އަރަބިއްޔާ ސްކޫލްގެ ވަގުތީ އިމާރާތުގައި 18 ކްލާސްރޫމާއެކު އޮފީސް ބައެއް ވެސް ވަނީ ހަދާފަ އެވެ. ސްކޫލެއްގައި ހުންނަން ޖެހޭ ހުރިހާ ހިދުމަތެއް ވަގުތީ އިމާރާތުން ލިބެން ހުންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.
ސަރުކާރު ހިއްސާވާ ވަރަށް ގިނަ ކުންފުނިތަކުގެ އެހީތެރިކަމާ އެކު ވަގުތީ އިމާރާތުގެ މަސައްކަތް ކުރަނީ ސިފައިންނެވެ.
އަރަބިއްޔާ ސުކޫލް ހިންގި އިމާރާތުގައި ތިބުން ރައްކާތެރި ނުވުމުން ސަރުކާރުން އެންމެ ފުރަތަމަ ނިންމީ އިއްޒުއްދީން ސުކޫލު ހިންގާ އިމާރާތަށް އަރަބިއްޔާ ދަރިވަރުންގެ ކިޔެވުން ބަދަލު ކުރާށެވެ. ނަމަވެސް ދެ ސުކޫލެއްގެ ދަރިވަރުން އެއް އިމާރާތެއް ހިއްސާ ކޮށްގެން ބޭނުން ކުރަން އަރަބިއްޔާގެ ބެލެނިވެރިން ދެކޮޅު ހެދި އެވެ.
އަދި ދަރިވަރުން ސުކޫލަށް ނުފޮނުވަން ނިންމި އެވެ. އެ ނިންމުމާ ހަމައަށް އެޑިޔުކޭޝަނުން ވަނީ އިއްޒުއްދީންގައި އަރަބިއްޔާ ކުދީންގެ ކިޔެވުން ކުރިއަށް ގެންދަން ނިންމި ނިންމުން ބަދަލު ނުކޮށް އެ ނިންމުމުގައި ދެމި ތިބެފައެވެ.
އެ ނިންމުމަށް ބަދަލު އައީ އަރަބިއްޔާގެ ބެލެނިވެރިން އިހުތިޖާޖުކޮށް އަދި އޭގެ ފަހުން ރައީސުލްޖުމްހޫރިއްޔާ އާއި ނާއިބު ރައީސާއެކު ވެސް ވަކިވަކިން ބައްދަލުވުންތަކެއް ކުރިއަށް ގެންދިޔަ ފަހުންނެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއެކު ބޭއްވެވި ބައްދަލުވުމުގައި އަރަބިއްޔާގެ ދާއިމީ އިމާރާތެއް ބާޖަމާލުއްދީން ހިންގި ބިމުގައި އަޅުއްވައި ދެއްވާނެ ކަމަށާ އަދި ވަގުތީ ގޮތުން ހަމަޖައްސައިދޭ ތަނަކަށް ރަނގަޅު އިމާރާތެއް ހަމަޖައްސަވާނެ ކަމަށް ރައީސް އެންގެވި އެވެ. ފޮރިން މިނިސްޓްރީގެ ވަގުތީ އިމާރާތް އަރަބިއްޔާ އަށް ދިނީ އެ ބައްދަލުވުމަށްފަހު އެވެ.