ދަރިވަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ވެކްސިން ޕްރޮގްރާމް އަންނަ ހަފްތާގައި ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ އާ އާންމު ހާލަތެއްގައި ދިވެހިން މިހާރު ދަނީ މަސައްކަތް ކުރަމުން ކަމަށެވެ. އަދި ސަރުކާރުގެ މިހާރު އަމާޒަކީ ރާއްޖޭގެ މުޅި އާބާދީއަށް ބޭނުންވާ ވަރަށް ވެކްސިން ހޯދާ، ވެކްސިން ފުރިހަމަ ކުރުން ކަމަށެވެ.
ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމުން ކުރެވެން އޮތް އެންމެ މުހިންމު މަސައްކަތަކީ ވެކްސިން ފުރިހަމަ ކުރުން ކަމަށާއި ސަރުކަރާރުގެ މަސައްކަތުން ރާއްޖޭގެ 12 އަހަރުން މަތީގެ އާބާދީގެ އެންމެންނަށް ވެކްސިން ޖެހޭ ވަރަށް ވެކްސިން ލިބިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ 12 އަހަރާއި 17 އަހަރާއި ދެމުދުގެ ކުދިންނަށް ވެކްސިން ޖެހުމުގެ ހުއްދަ ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާއިން ދީފައިވާ ކަމަށާއި އެ ކުދިންނަށް ޖެހޭނީ ހަމައެކަނި ފައިޒާ ވެކްސިން ކަމަށެވެ. މިހާރު ރާއްޖެ އަށް ފައިޒާ ވެކްސިން ލިބިފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އަންނަ ހަފްތާގައި އެ އުމުރުފުރާގެ ހުރިހާ ކުދިންނަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމް ފަށާނެ ކަމަށެވެ.
"އަޅުގަނދުމެންގެ އަމާޒަކީ މި މަސް ނިމޭއިރު ވެކްސިން ޖަހާ އާބާދީގެ 90 ފަސެންޓް ވެކްސިން ފުރިހަމަ ކުރުން" ރައީސް ސޯލިހް ވިދާޅުވި އެވެ.
ރާއްޖޭގައި ވެކްސިން ޖެހޭނެ އާބާދީއަށް ވެކްސިން ލިބިފައިވާކަން ފާހަގަކުރައްވަމުން ރައީސް ވަނީ އަވަހަސް ވެކްސިންގެ ދެ ޑޯޒް ހަމަކުރުމަށް އިލްތިމާޒް ކުރައްވާފަ އެވެ.
މިއަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށިފައިވާއިރު ވެކްސިންގެ އެންމެ ޑޯޒެއް ވެސް ފުރިހަމަނުކުރާ ސްކޫލް މަސައްކަތްތެރިންނަށް ސްކޫލްތަކަސް ނުވަދެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަންގާފަ އެވެ.
ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ރާއްޖޭގައި ކުރިއަށް ދާއިރު މިހާތަނަށް 287،599 ވުރެ ގިނަ މީހުން ދެވަނަ ޑޯޒް ޖަހާ ވެކްސިން ފުރިހަމަ ކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެ އެވެ.