ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

27،697 ދަރިވަރުން ވެކްސިން ފުރިހަމަކޮށްފި

،ސުކޫލް ކުދިންގެ ވެކްސިން ޕްރޮގްރާމްގައި 27،697 ދަރިވަރުން ވެކްސިން ފުރިހަމަ ކޮށްފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިމަހުގެ 26 ވަނަ ދުވަހާއި ހަމައަށް 35،989 ދަރިވަރުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފަ އެވެ. އެއީ 218 ސްކޫލަކުންނެވެ. އަދި 171 ސްކޫލެއްގެ ދަރިވަރުން ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށް ވެސް އެޑިޔުކޭޝަން މިނިސްޓްރީން ހާމަކުރެ އެވެ. އެއީ 27،697 ދަރިވަރުންނެވެ.

ސުކޫލް ދަރިވަރުންގެ ތެރެއިން ވެކްސިން ޖަހައި ދެމުން އަންނަނީ 12 އަހަރާއި 17 އަހަރާ ދެމެދުގެ ދަރިވަރުންނަށެވެ. އެ ކުދިންނަށް ޖަހައި ދެނީ ފައިޒާ ވެކްސިނެވެ.

ސުކޫލް ކުދިންގެ ވެކްސިން ޕްރޮގްރާމް ފަށައިފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ. އެ ޕްރޮގްރާމު ފެށީ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް އެމެރިކާގެ އެހީގައި 128،600 ޑޯޒް ފައިޒާ ވެކްސިން މިމަހުގެ ނުވަ ވަނަ ދުވަހު ރާއްޖެއަށް ލިބުމާއި ގުޅިގެނެންނެވެ.

ދަރިވަރުންގެ ވެކްސިން ޕްރޮގްރާމު ފެށި ދުވަހު އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައިވަނީ ގާތްގަނޑަކަށް 40،000 ދަރިވަރުންނަށް ކޮވިޑް ވެކްސިން ޖަހާނެ ކަމަށެވެ. ނަމަވެސް އެ އަދަދު މިހާރު ވަނީ އިތުރުވެފަ އެވެ.

ވެކްސިން ޖަހަން ދާންޖެހޭ މަރުކަޒުތަކާއި ގަޑިތައް ސްކޫލްތަކުން ގެންދަނީ ބެލެނިވެރިންނާއި ދަރިވަރުންނަށް ދުރާލާ އަންގަމުންނެވެ. އަދި ކޮންމެ ދުވަހަކުވެސް ކޮންމެވެސް އެއް ސްކޫލެއްގެ ހުރިހާ ދަރިވަރުންނަށް ވެކްސިން ޖެހުން ކުރިއަށްދާއިރު، މިމަހުގެ ނިޔަލަށް ހުރިހާ ދަރިވަރުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައި ނިންމާލުމަކީ އެޑިއުކޭޝަން މިނިސްޓްރީގެ އަމާޒެކެވެ.

މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ވެކްސިން ދިނުމަށްފަހު މިއަހަރު އޯލެވެލް ނިންމި ދަރިވަރުންނަށް ވެކްސިން ދިނުމުގެ ކަންކަން ކުރިއަށް ގެންދާނެ އެވެ.