ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

162 ސްކޫލަކުން ދަރިވަރުންނަށް ވެކްސިން ދީފި

ދަރިވަރުންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ ވެކްސިން ޕްރޮގްރާމްގައި 162 ސްކޫލެއްގެ ދަރިވަރުން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފި އެވެ.

އެޑިއުކޭޝަނުން މިއަދު ބުނެފައި ވަނީ ކޮވިޑުން ދިފާއު ވާން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ފައިޒާ ވެކްސިން ދިނުމުގެ ޕްރޮގްރާމްގައި މާލެއާއި އަތޮޅު ތެރެއިން މިހާތަނަށް 25404 ދަރިވަރުންނަށް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައި ކަމަށެވެ. އަދި ވެކްސިން ޕްރޮގްރާމް 162 ސްކޫލެއްގައި ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

ސްކޫލް ވެކްސިން ޕްރޮގްރާމް ފަށާފައިވަނީ މިމަހުގެ 15 ވަނަ ދުވަހު އެވެ. އެ ޕްރޮގްރާމް ފެށީ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް އެމެރިކާގެ އެހީގައި 128،600 ޑޯޒް ފައިޒާ ވެކްސިން މިމަހުގެ ނުވަވަނަ ދުވަހު ރާއްޖެއަށް ލިބުމުންނެވެ. އެ ދުވަހު އެޑިޔުކޭޝަނުން ބުނި ގޮތުގައި ގާތްގަނޑަކަށް 40000 ދަރިވަރުންނަށް ކޮވިޑް ވެކްސިން ޖަހާނެ އެވެ.

ވެކްސިން ޖަހަން ދާންޖެހޭ މަރުކަޒުތަކާއި ގަޑިތައް ސްކޫލްތަކުން ބެލެނިވެރިންނާއި ދަރިވަރުންނަށް އެޑިއުކޭޝަނުން އަންގަމުންދާނެ އެވެ. އަދި ކޮންމެ ދުވަހަކު ވެސް ކޮންމެވެސް އެއް ސްކޫލެއްގެ ހުރިހާ ދަރިވަރުންނަށް ވެކްސިން ޖެހުން ކުރިއަށް ދާއިރު، މި މަހުގެ ނިޔަލަށް ހުރިހާ ދަރިވަރުންނަށް ވެސް ވެކްސިން ޖަހާ ނިންމާލުމަކީ އަމާޒެއް ކަމަށް އެޑިޔުކޭޝަނުން ބުނެ އެވެ.

މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ވެކްސިން ދިނުމަށް ފަހު، މިއަހަރު އޯލެވެލް ނިންމި ދަރިވަރުންނަށް ވެކްސިން ދިނުމުގެ ކަންކަން ކުރިއަށްދާނެ އެވެ.

ދަރިވަރުން ވެކްސިން ޖަހަން ގޮސް ކިއުއެއްގައި ޖެހެން ނުޖެހޭނެ ކަމަށާއި ދަރިވަރުން ވެކްސިން ޖަހަން ދާނީ އެ ދަރިވަރަކަށް ދީފައިވާ ވަގުތެއްގަ އެވެ. އެގޮތުން 30 މިނެޓްގެ ތެރޭގައި 100 ވަރަކަށް ދަރިވަރުންނަށް ވެކްސިން ޖެހޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން އިތުރަށް ބުނީ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މާލެއާއި އަތޮޅުތަކުގައިވެސް ވެކްސިން ސެންޓަރުތަކުގައި ޑޮކްޓަރުން ތިބޭނެ ކަމަށެވެ. އަދި ވެކްސިން ޖެހުމަށް ދަރިވަރުންދާއިރު، ރަނގަޅަން ކައިގެން ދިއުމަށް މިނިސްޓްރީން އިލްތިމާސް ކުރެ އެވެ.