މިނިސްޓްރީ އޮފް އެޑިއުކޭޝަން

11653 ދަރިވަރުން ވެކްސިން ފުރިހަމަކޮށްފި

ސުކޫލް ކުދިންގެ ވެކްސިން ޕްރޮގްރާމުގައި 11653 އަށްވުރެ ގިނަ ދަރިވަރުން ވެކްސިން ފުރިހަމަކޮށްފި ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިމަހުގެ 11 ވަނަ ދުވަހާއި ހަމައަށް 35152 ދަރިވަރުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފަ އެވެ. އެއީ 214 ސްކޫލަކުން ނެވެ. އަދި 88 ސްކޫލެއްގެ ދަރިވަރުން ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރެ އެވެ. އެއީ 11653 ދަރިވަރުންނެވެ.

ސުކޫލް ދަރިވަރުންގެ ތެރެއިން ވެކްސިން ޖަހައި ދެމުން އަންނަނީ 12 އަހަރާއި 17 އަހަރާ ދެމެދުގެ ދަރިވަރުންނަށެވެ. އެ ކުދިންނަށް ޖަހައި ދެނީ ފައިޒާ ވެކްސިނެވެ.

ސުކޫލް ކުދިންގެ ވެކްސިން ޕްރޮގްރާމް ފަށައިފައި ވަނީ މިމަހުގެ 15 ވަނަ ދުވަހު އެވެ. އެ ޕްރޮގްރާމު ފެށީ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް އެމެރިކާގެ އެހީގައި 128،600 ޑޯޒް ފައިޒާ ވެކްސިން މިމަހުގެ ނުވަ ވަނަ ދުވަހު ރާއްޖެއަށް ލިބުމާއި ގުޅިގެނެންނެވެ. އެ ދުވަހު އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފައި ވަނީ ގާތްގަނޑަކަށް 40،000 ދަރިވަރުންނަށް ކޮވިޑް ވެކްސިން ޖަހާނެ ކަމަށެވެ. ނަމަވެސް އެ އަދަދު މިހާރު ވަނީ އިތުރުވެފަ އެވެ.

ވެކްސިން ޖަހަން ދާންޖެހޭ މަރުކަޒުތަކާއި ގަޑިތައް ސްކޫލްތަކުން ބެލެނިވެރިންނާއި ދަރިވަރުންނަށް މިނިސްޓްރީއިން އަންގަމުންދާނެ އެވެ. އަދި ކޮންމެ ދުވަހަކުވެސް ކޮންމެވެސް އެއް ސްކޫލެއްގެ ހުރިހާ ދަރިވަރުންނަށް ވެކްސިން ޖެހުން ކުރިއަށްދާއިރު، މިމަހުގެ ނިޔަލަށް ހުރިހާ ދަރިވަރުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައި ނިންމާލުމަކީ އެޑިއުކޭޝަން މިނިސްޓްރީގެ އަމާޒެކެވެ.

މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ވެކްސިން ދިނުމަށްފަހު މިއަހަރު އޯލެވެލް ނިންމި ދަރިވަރުންނަށް ވެކްސިން ދިނުމުގެ ކަންކަން ކުރިއަށްދާނެ އެވެ.