ނާސްތާ ޕްރަގްރާމް

ނާސްތާ ޕްރޮގްރާމްއާ ގުޅޭ ދިރާސާއެއް ކުރަނީ

ސްކޫލް ދަރިވަރުންނަށް ހިންގާ ނާސްތާ ޕްރޮގްރާމުން ނުކުންނަ ނަތީޖާ ބަލަން ދިރާސާއެއް ކުރަން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ކުރިއަށްގެންދާ އެ ޕްރޮގްރާމަކީ އެންމެ ކާމިޔާބު ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނޭ ޕްރޮގްރާމެއް ކަމަށާއި އެ ޕްރޮގްރާމްގެ ދަށުން ކޮންމެ ދުވަހަކު 49،000 ކުދިން ނާސްތާ ނަގަމުން ދިޔަަކަމަށާއި އެކަމަށް 224 މިލިއަން ރުފިޔާ މިހާރު ހަރަދު ކުރެވިފައިވާ ކަަމަށެވެ.

އެ ޕްރޮގްރާމުން ލިބުނު ފައިދާތަކަށް އަލިއަޅުވާލައްވައި މިނިސްޓަރު ވިދާޅުވީ އެކަމާ ގުޅޭ ދިރާސާއެއް އަދި ކުރެވިފައި ނުވާ ކަމަށާއި މިހާތަނަށް މުޅިންހެން ވެސް އެނގިފައި ވަނީ ދަރިވަރުންނާއި ބެލެނިވެރިންގެ ފަރާތުން ލިބިފައިވާ ހިޔާލު ކަމަށެވެ.

"އަޅުގަނޑުމެންނަށް ސްކޫލުގައި ކިޔަވާ ދެއްވާ މުދައްރިސުންނާ ބެލެނިވެރިންނާ އެކިއެކި ފަރާތްތަކުން ހަބަރު ލިބޭ ގޮތުގައި ދަރިވަރުންގެ ކިޔެވުމަށް މީގެ އެދެވޭ ނަތީޖާ ކިޔެވުމުން ފެންނަން ފަށައިފި. އެއީ ކުދިން ކްލާސްތަކުގައި ފިލާވަޅުތަކަށް ފޯކަސް ކުރާކަން ވެސް މިހާރު އަޅުގަނޑުމެންނަށް އެނގޭ." މިނިސްޓަރު ވިދާޅުވި އެވެ.

ނާސްތާ ޕްރޮގްރާމާއެކު ދަރިވަރުން ބޮލުގައި ރިއްސުމާއި ވަރުބަލިވުން ފަދަ މައްސަލަތައް ވެސް މިހާރު ދިމާ ނުވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"އިރާދަކުރެއްވިއްޔާ މި އަންނަ އަހަރު ނާސްތާ ޕްރޮގްރާމް ފެށިގެން ދިޔައިމަ އަޅުގަނޑުމެން ދިރާސާއެއް ކުރާނަން މީގެ ނުކުތް އެދެވޭ ނަތީޖާތަކަކީ ކޮބައިތޯ ބަލަން" މިނިސްޓަރު ވިދާޅުވި އެވެ.

ސްކޫލުތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދޭން ފެށީ 2019 ވަނަ އަަހަރުގެ ޖެނުއަރީ މަހު އެވެ. އަޖުމަ ބެލުމުގެ ގޮތުން ފެށި އެ ޕްރޮގްރާމްގައި ނާސްތާ ފުރަތަމަ ދިނީ 25 ސްކޫލެއްގަ އެވެ. އަދި ބާކީ ހުރި 188 ސްކޫލުގައި ނާސްތާ ޕްރޮގްރާމް ފެށީ 2019 ވަނަ އަަހަރުގެ ޖޫން މަހުއެވެ.

ކޮވިޑާ ގުޅިގެން ނާސްތާ ޕްރޮގްރާމް މެދުކަނޑާލައިފައި އޮތް ނަމަވެސް އަންނަ އަހަރު ޖެނުއަރީގައި އެ ޕްރޮގްރާމް އަލުން ފަށަން ވަނީ ނިންމައިފަ އެވެ.