ޑރ. އައިޝަތު އަލީ

އަންނަ އަހަރު ޓެކްސްޓް ފޮތްތައް ޑިޖިޓަލް ކުރަނީ

އަންނަ އަހަރު ސުކޫލްތަކުގެ ފޮތްތައް ޑިޖިޓަލައިޒްކޮށް ޓެބްލެޓްތަކުގެ ބޭނުން ކުރިއަށްވުރެ ރަނގަޅަށް ބޭނުން ކުރެވޭނެ ގޮތް ހަދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

މިދިޔަ ހޯމަ ދުވަހު މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކަ ކޮމެޓީގައި މިނިސްޓަރު ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި ޓެބްލެޓްގެ ބޭނުން ކުރެވޭނެ ގޮތްތަކެއް ނެތް ކަމަށާއި އެހެން ކަމުން އެކަން މުރާޖާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ވިދާޅުވީ ފޮތްތައް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި މިހާރު ވެސް ވަރަށް ގިނަ ފޮތްތައް ޑިޖިޓަލައިޒް ކުރެވިފައިވާ ކަމަށެވެ.

"މިކަން އަދިއެއް ނެތް ދެމެހެއްޓޭ ކަށެއް، އެއީ އިތުރަށް ވަންނަ ކުދިންނަށް އަނެއްކާ ވެސް އިތުރަށް ޓެބްލެޓް ބޭނުންވާނެ، އެހެންކަމުން އަޅުގަނޑުމެން މިކަން މުރާޖާ ކުރުމަށް ވާހަކަތަކެއް ދެކެވި އެކަމަށް މަސައްކަތްތަކެއް ކުރެވެމުން މިދަނީ، އެއް ކަމަކީ މިހާރު އަޅުގަނޑުމެން މަސައްކަތް މިކުރަނީ ޓެކްސްޓް ފޮތްތައް ޑިޖިޓަލައިޒް ކުރަން، ވަރަށް ގިނަ ފޮތްތައް މިހާރު ޑިޖިޓަލައިޒް ވެއްޖެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ސްކޫލްތަކުގެ ޓެކްސްޓް ފޮތްތައް އަންނަ އަހަރު ޑިޖިޓަލައިޒް ކޮށްގެން ކިޔަވައިދިނުމުގެ ޕައިލެޓް ޕްރޮޖެކްޓެއް ފަށާނެ ކަމަށެވެ. އެގޮތުން ޕައިލެޓް ޕްރޮޖެކްޓެއް ކުރިއަށް ގެންދަން ނިންމާފައިވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިންޓަނެޓްގެ ކަނެކްޝަން ހުރި މިންވަރުތައް ނޭނގޭތީ ކަމަށެވެ.

އެކަމަނާ ވިދާޅުވީ ބައެއް ރަށްރަށުގައި ޓެބްލެޓް ބޭނުން ކުރަމުންނުދާ ކަމަށާއި ސްކޫލްތަކުގެ ވައިފައިގެ ހިދުމަތް ރަނގަޅު ކުރަން ދިރާގާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑުމެން ހަމައެކަނި ޑިޖިޓަލް ފޮތަށް ގޮސްފިއްޔާ ބައެއް ކުދިންނަށް ފޮތްތައް ނުލިބިދާނެ، އެހެންވެ ބައެއް ގްރޭޑްސްތަކުގައި އަޅުގަނޑުމެން މިހާރު އޮތީ ޑިޖިޑަލް ކުރަން ނިންމާފަ، ފޮތްތައް ވެސް ހުރީ މިހާރު ތައްޔާރުކޮށްފަ، ޓެބްލެޓް މިހާރަށްވުރެ ރަނގަޅަށް އަންނަ އަހަރު ބޭނުން ކުރެވިގެން ދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޓެބްލެޓްތައް ބޭނުންކޮށްގެން ކިޔަވައިދިނުމުގެ ޕްލޭނެއް މިހާތަނަށް ހަދާފައިނެތް ކަމަށެވެ. އަދި ފިލާވަޅުތައް ދަސްކުރަން ޓެބްލެޓްތަކުގެ ބޭނުން ކުރަން އަންގާފައިވާ ކަމަށެވެ. އަދި ބައެއް ރަށްރަށުގައި ޓެބްލެޓް ބޭނުން ކުރަމުންނުދާ ކަމަށާއި ސްކޫލްތަކުގެ ވައިފައިގެ ހިދުމަތް ރަނގަޅުކުރުމަށްޓަކައި ދިރާގާއެކު މަޝްވަރާ ކުރަމުންގެންދާކަމަށްވެސް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.

މިހާރު ހުރި ޓެބްލެޓްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭނެ ގޮތް ހެދުމަށް ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރަމުންދާ ކަމަށާއި ޓެބްލެޓް ބޭނުންކުރުމުގައި ދިމާވާ އުނދަގޫތައް ދެނެގަތުމަށް ސާވޭއެއްވެސް ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގެ ސްކޫލްތައް ޑިޖިޓަލައިޒް ކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން ސްކޫލުތައް ޑިޖިޓަލައިޒްކޮށް ކިޔަވާދޭން ފަށާފައިވަނީ މިދިޔަ އަހަރެވެ. އެގޮތުން ދަރިވަރުންނާއި މުދައްރިސުންނަށް 70 ހާހަށްވުރެ ގިނަ ޓެބްލެޓްވަނީ ބަހާފަ އެވެ. އަށް އިންޗީގެ އެޗްޑީ ސްކްރީނެއް ހިމެނޭ އެ ޓެބްލެޓުގެ ސްޓޯރޭޖް ކެޕޭސިޓީގައި 16 ޖީބީ ހުންނަ އެ ޓެބްލެޓް ތައް ގަތީ އެއްޗަކަށް 135 ޑޮލަރުގެ ރޭޓުންނެވެ.