ވަޒީރުގެ މަގާމާއި ހަވާލުވެ ބެލިބެލުމުން ހެކި ނެތި ތައުލީމީ ދާއިރާގެ 300 މުވައްޒަފުންނަށް އަދަބު ދީފައިވާ ފާހަގަކުރެވުނު ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝަފީއު ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިިއިރު ތައުލީމީ ދާއިރާގެ ވަރަށް ގިނަ މުވައްޒަފުންނަށް އަނިޔާ ލިބިފައިވާ ކަމަށެވެ.
"އަޅުގަނޑު މި މަގާމާ ހަވާލުވިއިރު ރާއްޖޭގެ 40 ވަރަކަށް ސްކޫލުގެ ޕްރިންސިޕަލުން އެ ބޭފުޅުން ތިއްބަވަން ޖެހޭ ތަން ނޫން އެހެން ތަނަކަށް އަރުވާލެވިފައި ވަނީ. ބައެއް މުވައްޒަފުންނަށް އަނިޔާވެރިވެފައި ވަނީ. 300 އެއްހާ މުވައްޒަފުންނަށް އެކަށީގެންވާ ހެއްކެއް ނެތި އަދަބު ދީފައި ވަނީ،" މިނިސްޓަރު ޝަފީއު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ސްކޫލެއްގެ ޕްރިންސިޕަލް ނުވަތަ މުވައްޒަފަކާމެދު އަންނަ ޝަކުވާއަކީ އަދުލުވެރި ގޮތެއްގައި އަންނަ ޝަކުވާއެއްކަން ކަށަވަރު ކުރާނެ ކަމަށެވެ.
"އަންނަ ކޮންމެ ޝަކުވާއަކަށް އަޅުގަނޑުމެން ފިޔަވަޅު އަޅަން ފަށައިފިނަމަ ގާނޫނު އަސާސީން މުވައްޒަފުންނަށް ލިބިދީފައިވާ ހައްގު އެމްޕްލޯއިމަންޓް އެކްޓުން މުވައްޒަފުންނަށް ލިބިދީފައިވާ ހައްގު ވައިލޭޓް ވަމުންދާތަން ފެންނާނީ،" އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ޝަފީއު ވަނީ އެއްވެސް ކަންބޮޑުވުމެއްގައި މައްސަލައެއް ހުށަހަޅައިފިނަމަ އެކަން ބައްލަވާނެ ކަމަށް ވިދާޅުވެފަ އެވެ.