ޑރ. އިސްމާއީލް ޝަފީއު

ދިރާސީ އަހަރު ފަށާ ދުވަސް ބަދަލުކުރާތީ މިނިސްޓަރު މަޖިލީހަށް ހާޒިރުކުރަނީ

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރަން ހުށަހަޅުއްވައިފި އެވެ.

މިނިސްޓަރާ ސުވާލުކުރެއްވުމަށް މަޖިލީހަށް ހާޒިރުކުރަން ހުށަހެޅުއްވީ އެމްޑީޕީގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އެވެ.

މިއީ އާ ސަރުކާރުގެ ވަޒީރަކާ ސުވާލުކުރުމަށް މަޖިލީހުގެ ތަޅުމަށް ހާޒިރުކުރުމަށް ހުށަހެޅި ފުރަތަމަ ފަހަރެވެ.

ރޮޒައިނާ މިއަދު ވިދާޅުވީ ވަޒީރު، މަޖިލީހަށް ހާޒިރުކުރަނީ ދިރާސީ އާ އަހަރުގެ ފެށުން، 2025 ވަނަ އަހަރު އަނެއްކާވެސް ޖެނުއަރީ މަހަށް ބަދަލުކުރަން މަސައްކަތް ކުރާތީ އެ ބަދަލާ އެކު ކުދިންގެ ކިޔެވުމަށް ވާނެ ގޮތަކާ މެދު ބެލެނިވެރިންގެ ކަންބޮޑުވުންތަކެއް ހުރުމާއެކު އެކަން ކުރަން އުޅޭ ގޮތެއް ދެނެގަތުމަށެވެ.

ދިރާސީ އަހަރުގެ ކިޔެވުން އޮގަސްޓްގައި ފަށާ ގޮތަށް ބަދަލުކުރީ މިދިޔަ ސަރުކާރުންނެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން އަލުން ޖެނުއަރީގައި ފަށާ ގޮތަށް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.