ރައްޔިތުންގެ މަޖިލިސް

ދިރާސީ އަހަރު ބަދަލުކުރީ 70 ޕަސަންޓް މީހުން ދެކޮޅު ހަދާފައިވަނިކޮށް: ވަޒީރު

ދިރާސީ އަހަރަށް ބަދަލު ގެނެސްފައިވަނީ 70 އިންސައްތަ ރައްޔިތުން އެކަން ކުރަން ދެކޮޅު ހަދާފައި ވަނިކޮށް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ފުރުސަތުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވީ ދިރާސީ އަހަރަށް ގެނެސްފައިވާ ބަދަލުން ލިބޭ ފައިދާއަށްވުރެ ބޮޑު ގެއްލުންތަކެއް ކުރާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ދިރާސީ އަހަރާއި ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީގައި 30،000 ރައްޔިތުންގެ މައުލޫމާތު ހިމެނޭ ޑޭޓާ ސެޓެއް އެބަ އޮތް ކަމަށްވެސް އިސްމާއީލް ވިދާޅުވި އެވެ.

"އެއިން 69 އިންސައްތަ. ގާތްގަނޑަކަށް 70 އިންސައްތައާ ކައިރިކުރާ މިންވަރަކަށް ރައްޔިތުން ބޭނުންވީ ހަމަ އިހުގައިވެސް އޮތް ގޮތަށް ޖެނުއަރީން ފެށިގެން ޑިސެމްބަރަށް ޓާމް ބާއްވަން،" އިސްމާއީލް ވިދާޅުވި އެވެ.

މިނިސްޓަރު އިސްމާއީލް ވިދާޅުވީ ދިރާސީ އަހަރުގެ ކަލަންޑަރަށް ބަދަލު ގެންނަން ޓީޗަރުންނާއި ދަރިވަރުން ބޭނުންނުވާ ކަމަށެވެ.

ދިރާސީ އަހަރަށް ބަދަލު ގެނައީ މައިގަނޑު ދެ ސަބަބު އޭނާ ފާހަގަކުރެއްވި އެވެ. އެއީ ބަޖެޓް އަހަރާއި ދިރާސީ އަހަރު އެލައިން ކުރުމުގެ އިތުރު ކޮވިޑްގެ ސަބަބުން ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު އިސްމާއީލް ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ކޮވިޑް މެނޭޖްކުރީ ރަނގަޅަށް ކަމަށާއި ނަމަވެސް ކޮވިޑްގެ ސަބަބުން ދިރާސީ އަހަރުން ހަ މަސް ދުވަސް ސޮއްސާލި ކަމަށެވެ.

އެކަމުގެ އަސަރު ގާތްގަނޑަކަށް ހައެއް ނުވަތަ ހަތް ގްރޭޑްގެ ދަރިވަރުންނަށް ކުރި ކަމަށާއި އެއީ ގްރޭޑެއްގައި 6،000 ނުވަތަ 7،000 ދަރިވަރުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ނަތީޖާއަކަށް ވާނީ ހަ މަސް ދުވަހުގެ ކޮންޓްރިބިއުޝަން ނޭޝަނަލް ޑިވެލޮޕްމަންޓަށް. އެކުދިންގެ ކެރިއާއިން، އެކުދިންގެ ދިރިއުޅުމުން ގެއްލިގެން ދިއުން،" މިނިސްޓަރު އިސްމާއީލް ވިދާޅުވި އެވެ.

މިނިސްޓަރު އިސްމާއީލް ވިދާޅުވީ ދިރާސީ އަހަރު ކުރިން އޮތް ގޮތަށް ބަދަލުކުރަނީ ކުއްލިއަކަށް ނޫން ކަމަށާއި ބަދަލު ގެންނަނީ ފަސް ސެމިސްޓާއަކަށް ބަހާލައިގެން ކަމަށެވެ.

"ކެމްބްރިޖްގައި މި އޮންނަނީ މާއްދާއެއް ކިޔެވުމަށް ވަކިވަރެއްގެ ގައިޑެޑް ލާނިން އަވާސްތަކެއް ހިމަނާފަ. އެހެންވީމަ އަޅުގަނޑުމެން މި ބަދަލު ގެނައުމުގައި އަޅުގަނޑުމެން ވަރަށް ބޮޑަށް އިސްކަން ދިިނިން ކެމްބްރިޖްގެ އެލޮކޭޓްކޮށްފަ ހުރި ގައިޑެޑް ލާނިން އަވާސްތައް ވައިލޭޓްނުކޮށްވޭތޯ." އިސްމާއީލް ވިދާޅުވި އެވެ.

މި ބަދަލާއެކުވެސް ކެމްބްރިޖަށްވުރެ ރާއްޖޭގެ ތައުލީމީ ނިޒާމުގައި ގައިޑެޑް ލާނިން އަވާސް ގިނަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ދިރާސީ އަހަރަށް ބަދަލު ގެންނައިރު ދަރިވަރުންގެ ހަށިހެޔޮކަމާއި ކަސްރަތާއި އިތުރު ހަރަކާތްތަކާ ގުޅޭ ގޮތުން ބައެއް ބޭފުޅުން ކަންބޮޑުވުންފާޅުކުރާ ކަމަށް އިސްމާއީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީގައި ހަރަކާތްތައް ރާވާފައި އޮތީ ހަރުދަނާ ނިޒާމެއްގެ ތެރެއިން ނޫން ކަމަށާއި 140 އަށްވުރެ ގިނަ މުބާރާތް މިނިސްޓްރީގެ ފަރާތުން ބާއްވަމުން ގެންދިޔަ ކަމަށެވެ.

"މިއީ ޓީޗަރުންގެ ނަފުސާނީ ދުޅަހެޔޮ ކަމަށް ޓީޗަރުން މުޅިން ލޮޑުކޮށްލާ ވަރުބަލިކޮށްލާ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.