ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށުނުއިރު އެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ރަނގަޅަށް ތައްޔާރުނުވާ ކަމަށް އިދިކޮޅު އެމްޑީޕީ އިން ތުހުމަތުކޮށްފި އެވެ.
ދިރާސީ އާ އަހަރު ފެށުމާ ގުޅިގެން އެމްޑީޕީ އިން ނެރުނު ބަޔާނެއްގައި ބުނީ އެޑިއުކޭޝަން މިނިސްޓްރީއަށް ރަނގަޅަށް ތައްޔާރުވެވިފައި ނުވާތީ އެކަން ފޮރުވުމަށް ބަހަނާ ދައްކަމުންދާ ކަމަށެވެ.
"އައު ދިރާސީ އަހަރެއް ފެށިގެންދާއިރު އެކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން އިން ވާން ޖެހޭ ތައްޔާރީތައް ރަނގަޅަށް ވެވިފައި ނެތުމުން، ސްކޫލުގައި ދަރިވަރުން ހޭދަކުރަންޖެހޭ ވަގުތު ކުރުގަޅުވާލާ އެކިއެކި ބަހަނާ ދައްކައިގެން އެކަން ފޮރުވަން ކުރާ މަސައްކަތް އަޅުގަނޑުމެން ކުށްވެރިކުރަމެވެ،" އެމްޑީޕީ ގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެމްޑީޕީ އިން ބުނީ ސްކޫލު ހުޅުވުނުއިރުވެސް ދަރިވަރުންގެ ފޮތްތައް ހަމަނުވާކަމުގެ ޝަކުވާތައް ބެލެނިވެރިން ކުރަމުންދާ ކަމަށެވެ. އަދި ސްކޫލުތަކަށް ބޭނުންވާ ޓީޗަރުން ހަމަނުވާކަމުގެ ޝަކުވާ ގިނަ ޕްރިންސިޕަލުންނާއި ޓީޗަރުން ކުރަމުންދާ ކަމަށެވެ.
މިކަމާ ނުރުހިގެން ސޯޝަލް މީޑިއާގައި މުވައްޒަފަކު ހިޔާލެއް ފާޅުކޮށްފިނަމަ އެ މީހަކަށް ފިޔަވަޅު އަޅާކަމުގެ ޝަކުވާތައް ލިބޭ ކަމަށްވެސް އެމްޑީޕީ ގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެމްޑީޕީ އިން ބުނީ ރޭވުންތެރިކަމެއް ނެތި ދިރާސީ ކަލަންޑަރަށް ގެންނަމުންދާ ބަދަލުތަކުން ދަރިވަރުންގެ އުނގެނުމަށް ބޮޑެތި ގެއްލުން ލިބެމުންދާ ކަމަށެވެ.
"ދިރާސީ ކަލަންޑަރަށް އެއްވެސް ރޭވުންތެރިކަމެއްނެތި އެކިފަހަރުމަތިން ގެންނަމުންދާ ބަދަލުތަކުގެ ސަބަބުން މިހާރުވެސް ދަރިވަރުންނަށް ފިލާވަޅުތަކުގެ ބޮޑު ބައެއް ގެއްލި ދަރިވަރުންގެ އުނގެނުމުގެ މުޅިތަރުތީބަށް ނުހަނު ބޮޑެތި ގެއްލުންލިބެމުން ދާކަން ހިތާމަޔާއެކު ފާހަގަކުރަމެވެ،" އެމްޑީޕީ ގެ ބަޔާނުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން ވިއްސާރަ ބަހަނާއަކަށް ހަދާ، ފުރަތަމަ ހަފުތާގައި ކިޔަވައިދޭ ވަގުތު ކުރުކުރުމުން ދަރިވަރުންނަށް ގެއްލޭ ބައި އިތުރުވުމަކީ ކަންބޮޑުވުމެއް ކަމަށް އެމްޑީޕީ އިން ބުނެފައިވެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީ އިން ނިންމާ ނިންމުންތަކަކީ ހަރުދަނާ، ތައުލީމީ ދާއިރާއަށް ފައިދާހުރި އަދި ދަރިވަރުންނަށް ގެއްލުން ނުލިބޭ ނިންމުތަކަށް ހެދުމަށް އެމްޑީޕީ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.