ޑރ. އިސްމާއީލް ޝަފީއު

ދަރިވަރުން އެންމެ އިސްކަންދޭވީ ހިންމަތާއެކު އުނގެނުމަށް: މިނިސްޓަރު

ދަރިވަރުން އެންމެ އިސްކަންދޭވީ ހިންމަތާއެކު އުނގެނުމަށް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށުމާ ގުޅިގެން ދެއްވި ހިތާބުގައި މިނިސްޓަރު ވިދާޅުވީ އިލްމީ ފަންނުވެރި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގެ މަސައްކަތް ކާމިޔާބުވާނީ ގުޅިގެންކުރާ މަސައްކަތުން ކަމަށެވެ.

"ދިރާސީ އާ އަހަރަކަށް ކުރިމަތިލާއިރު އެންމެ އިސްކަމެއް ދޭންވީ އިސްލާމް ދީނަށް ލޯބިކުރާ، މައިންބަފައިންނަށް ކިޔަމަންތެރި، މުދައްރިސުންނަށް ގަދަރާއި އިހްތިރާމްކުރާ، ހިންމަތާއެކު އުނގެނުމަށް މަސައްކަތްކުރާ، ޒިންމާދާރު ދަރިވަރަކަށްވުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރުގެ ހިތާބުގައި ވަނީ އުނގެނުމަށް ފަސޭހަ މާހައުލެއް ސްކޫލުތަކުގައި ގާއިމުކޮށް ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެ ގޮތުން ސްކޫލުތައް އޭސީ ކުރުމުގެ މަޝްރޫއު ވަރަށް އަވަހަށް ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ބޮޑު ޗުއްޓީއަށްފަހު ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށީ 96،000 ދަރިވަރުންނާއެކު އެވެ.